އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/04/2020

ނަރުސްކަމުގެ ހިދުމަތަށް 30 އަހަރު: މިއީ އޭޑީކޭގެ ފަހުރުވެރި ތިން ނަރުހުން

މި ތިން ނަރުހުންގެ ހިދުމަތަށް ފަށްފަށުން ޝުކުރު އަދާކޮށް އޭޑީކޭއިން ވަނީ އެމީހުންގެ ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/04/2020

ADK Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސިއްހީ ހިދުމަތްތެރިންގެ ތެރެއިންވެސް "ނަރުހުން" ފާހަގަކޮށްލެވެނީ އެ ހިދުމަތަށް ޓަކައި ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރާ ބައެއްގެ ގޮތުގައެވެ. އެތައް އަހަރު ކިޔަވައިގެން ޑޮކްޓަރީ ކަމުގެ ސަނަދު ނަގައިގެން ޑޮކްޓަރުން މުޖުތަމައުއަށް ހިދުމަތްކުރަން ނުކުތް ނަމަވެސް، އެމީހުންގެ މަސައްކަތަށް އެންމެ ބޮޑަށް އެއްބާރުލުންދޭ ބަޔަކީ ނަރުހުންނެވެ. 

މާލޭގައި ސެންޓްރަލް ހޮސްޕިޓަލުގައި މީގެ 30 އަހަރުކުރިން މަސައްކަތް ކުރަންފެށި މި ތިން ނަރުހުންނަކީ މިއަދުގެ ނަރުހުން މިސާލު ނަގަންޖެހޭ ފަދަ ފަރާތްތަކެވެ. ކުރީގެ ސެންޓްރަލް ހޮސްޕިޓަލް ހުރިތަނުގައި މިހާރު ހުރި އޭޑީކޭ ހޮސްޕިޓަލުން ފާހަގަކުރަމުން އެދަނީ އޭޑީކޭއަށް އަދިވެސް ހިދުމަތް ކުރަމުންދާ ތިން ނަރުހުން ކަމަށްވާ މަރިޔަމް ޝަޒިއްޔާ އާއި އިނާޔާ އަލީ ދީދީ އަދި ފާތިމަތު ސަމީރާގެ ހިދުމަތަށް 30 އަހަރު ފުރުނު މުނާސަބަތެވެ. 

މިފަދަ ތާރީހެއް އޭޑީކޭ ހޮސްޕިޓަލުން ފާހަގަކޮށް ހިދުމަތުގެ އަގުވަޒަންކުރުމުން މިއަދު ތިން ނަރުހުންވެސް ތިބީ އުފަލުންނެވެ.

1996 ވަނަ އަހަރު މާލޭ ސެންޓްރަލް ހޮސްޕިޓަލްގެ ނަން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ހިދުމަތް ފެށުމުން އެތަނުގައި މަސައްކަތް ކުރަންފެށި މަދު ނަރުހުންގެ ތެރޭގައި ޝަޒިއްޔާ އާއި އިނާޔާވެސް ހިމެނެއެވެ. އަދި ސަމީރާ އޭޑީކޭ ނަރުހުންގެ ޓީމާއި ގުޅުނީ އޭގެ އެއް އަހަރުފަހުންނެވެ. އެހެންނަމަވެސް އޭގެ ކުރިން މި ތިން ނަރުހުންނަކީ ސެންޓްރަލް ހޮސްޕިޓަލްގައި މަސައްކަތް ކޮށްފައިވާ ތިން ނަރުހުންނެވެ.

އާދައިގެ ނަރުހުންގެ ގޮތުގައި ހިދުމަތްދޭން ފެށިނަމަވެސް މިއަދު އެތިން ނަރުހުންނަކީ ވެސް އޭޑީކޭގައި ސީނިއަރ ތިން ނަރުހުންނެވެ. އެ ތިން ނަރުހުންގެ މަސައްކަތަށް ހޮސްޕިޓަލުން ފަޙްރުވެރިކަމާއެކު ވަނަ ދޭވަރުގެ ނަރުހުންނެވެ. 

އެގޮތުން މިހާރުވެސް އޭޑީކޭގެ އިމަރޖެންސީ ރޫމް އާއި ވާރޑްތަކުގައި މަސައްކަތްކުރައްވާ ޝަޒިއްޔާ އޭޑީކޭ ފާހަގަކޮށްފައިވަނީ އޭނާގެ އާއިލާގެ ގޮތުގައެވެ. ޝަޒިއްޔާ ވަނީ ނަރުސްކަމުގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފަ އެވެ.

"އޭޑީކޭއަކީ އަޅުގަނޑުގެ އާއިލާ. އާއިލާ ދޫކޮށްނުލެވޭނެދޯ؟" ޑޮކްޓަރ އެމްވީއަށް އިންޓަރވިއު ދެމުން ޝަޒިއްޔާ ވިދާޅުވި އެވެ.

ޝަޒިއްޔާ ވިދާޅުވިގޮތުގައި އޭނާ މީހަކަށް ހަދައިދިނީ އޭޑީކޭގެ މެނޭޖްމަންޓުންނެވެ. އެގޮތުން ޝަޒިއްޔާވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ގިނަ ދުވަސްތަކެއްވަންދެން ދަރިފުޅު ގޮވައިގެންވެސް ވަޒީފާއަށް ގޮސްފައެވެ.

"އޭޑީކޭގެ ފައުންޑަރ އަހުމަދު ނާޝިދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިލެއްވި. އޭރުގެ ހާލަތު ނާޝިދު އާއި ހިއްސާކުރެއްވުމުން އެދިލެއްވީ ދަރިފުޅު ގޮވައިގެން ޑިއުޓީއަށް ދިއުމަށް. ދަރިފުޅު ގޮވައިގެން ޑިއުޓީއަށް ދިއުމުން ނާޝިދުގެ އަމިއްލަ ކެބިންގައި އަމިއްލަފުޅަށްވެސް އަޅުގަނޑު ދަރިފުޅު ގެންގުޅުއްވާނެ. އަދި އޭރު އުޅުނު ހުރިހާ ސްޓާފުންވެސް ވަރަށް ބޮޑަށް އެހީތެރވި. އަސްލު އަޅުގަނޑު މިއަދު މިހުރި ހިސާބަށް އައުމަށް އެހީވެދިނީ އޭޑީކޭއިން." ޝަޒިއްޔާ ބުނެފައި ވެއެވެ.

މީގެއިތުރުން އުމުރުން 19 އަހަރުގައި ސެންޓްރަލް ހޮސްޕިޓަލުން ނަރުހުންގެ ކެރިއާރ ފެއްޓެވި އިނާޔާވެސް މި ދާއިރާގައި ހިދުމަތްކުރަމުންދާތާ މިއަހަރަށް ވަނީ 30 އަހަރު ފުރިފަ އެވެ.
އިނާޔާ ވިދާޅުވިގޮތުގައި އޭރާއި އަޅާބަލާއިރު މިހާރު ހިދުމަތްދިނުމަށް އެތައް ގޮތަކުން ވަނީ ފަސޭހަވެފައެވެ. އެގޮތުން އޭރު އޭޑީކޭގައި ހިދުމަތްދޭން އުޅުނީ 15 ވަރަކަށް ނަރުހުންކަމަށް އިނާޔާ ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިހާރު އޭޑީކޭގައި 200 އާއި ގާތްކުރާ އަދަދަކަށް ނަރުހުން މަސައްކަތް ކުރެއެވެ.

"ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރަން ބޭނުމީ އޭޑީކޭގައި. މިތަން ދޫކޮށްފައި ދިއުމުގެ ވިސްނުމެއް އަދިނެތް." އިނާޔާ ބުނެފައި ވެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ސީނިއާ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމީރާ މިދާއިރާއަށް ގުޅިވަޑައިގެންފައިވަނީ އުމުރުން 17 އަހަރުގައެވެ.

މާލޭ ސެންޓްރަލް ހޮސްޕިޓަލްގެ އިތުރުން ސަމީރާ ވަނީ މީމު ރީޖަނަލް ހޮސްޕިޓަލްގައިވެސް މަސައްކަތް ކުރައްވާފައެވެ. އޭގެފަހުން މިއަދާއި ހަމަޔަށްވެސް ސަމީރާ ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުންނެވެ.

ސަމީރާ ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފައްޓަވާފައި ވަނީ "ނާރސް އެއިޑް" އެއްގެ ގޮތުގައެވެ. އޭގެފަހުން ސަމީރާވަނީ އެމަރޖެންސީ ރޫމުގައި، ޓްރީމަންޓް އަދި މައިނާރ ތިއޭޓަރއިން ފެށިގެން ވިހާ ކޮޓަރި ފިޔަވައި، ހުރިހާ ސަރަހައްދެއްގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އަދި ސަމީރާވަނީ އޭޑީކޭގެ އިމަރޖެންސީ ރޫމްގެ އިންޗާޖުކަން ވެސް ކުރައްވާފަ އެވެ.

"މިވީހާތަނަށް މަސައްކަތް ކުރެވުނު ގޮތާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އޭޑީކޭއަކީ ޕްރައިވެޓް ސެކްޓާއަކަށް ވިޔަސް އަސްލު ވަރަށް ސަޕޯޓިވް. ވަރަށް އެހީތެރިވެދޭ" ސަމީރާ ވިދާޅުވެފައެވެ.

ސަމީރާ ވިދާޅުވިގޮތުގައި އޭނާ މި ދާއިރާގައި އެންމެ އުފާވީ އޭޑީކޭއިން ސަމީރާގެ މަސައްކަތް ބަލައިގަނެ، އެމްޕްލޮމަންޓް އޮފް ދަ އިޔާ ލިބުނު ދުވަހުގައި ކަމަށެވެ.

އޭޑީކޭގައި މަސައްކަތް ކުރައްވާ މި ތިން ނަރުހުންވެސް ވަނީ ތަނުން ހިދުމަތް ހޯދާ މީހުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ފީޑްބެކް ފާހަގަކުރައްވާފަ އެވެ. އަދި ކުރިއާއި ހިލާފަށް މިހާރު ގިނަ ބަޔަކު ހިދުމަތުގެ އަގުވަޒަންކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭޑީކޭގައި މަސައްކަތް ކުރަމުންދާ މި ތިން ނަރުހުންވެސް މިހާރު ފާހަގަކުރަމުން އެދަނީ އެމީހުންގެ ރަން ތިރީސް އަހަރެވެ. މި ތިން ނަރުހުންގެ ހިދުމަތަށް ފަށްފަށުން ޝުކުރު އަދާކޮށް އޭޑީކޭއިން ވަނީ އެމީހުންގެ ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ