އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/02/2020

10،000 ފިޔަވަޅުން އަދި ބަރުދަން ލުއެއް ނުވާނެ: ދިރާސާ

ދުވާލަކު 10،000 ފިޔަވަޅު އެޅުމުން އެދެވިގެންވާ ނަތީޖާއެއް ނެރެވޭނެ ކަމާ މެދު އެއްބަޔަކު ސުވާލު އުފައްދައިފިއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/02/2020

Research Exercise Weight loss Walking
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބަރުދަން ލުއި ކުރުމަށް ކުރެވޭ އެންމެ އާއްމު ކަސްރަތެއްގެ ގޮތުގައި ގިނަ ބަޔަކު ކުރާ ކަމަކީ ހިނގުމެވެ. އެގޮތުން ބައެއް ސިއްހީ ތަޖުރިބާކާރުން ދޭ ނަސޭހަތަކީ ކޮންމެ ދުވަހަކުވެސް މަދުވެގެން 10،000 ފިޔަވަޅު ހަމަކުރުމަށެވެ. ނަމަވެސް މިކަމުން އެދެވިގެންވާ ނަތީޖާއެއް ނެރެވޭނެ ކަމާ މެދު އެއްބަޔަކު ސުވާލު އުފައްދައިފިއެވެ.

އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީގެ ދަރިވަރުންތަކެއް ހެދި މި ދިރާސާއިން ދައްކާގޮތުގައި ގިނައިން ހިނގައިގެން އިންސާނާ ހެލިފެލިވެ އުޅޭ ވަގުތު އިތުރު ކުރެވުނު ނަމަވެސް ބަރުދަން ލުއި ކުރުމަކީ ނާދިރު ކަމެކެވެ.

މިދިރާސާ ހަދާފައިވަނީ އެ ޔުނިވަރސިޓީއަށް ނިސްބަތްވާ ކޮލެޖުގެ ފުރަތަމަ އަހަރުގެ 120 ދަރިވަރެއް ތިން ގްރޫޕަކަށް ބަހާލުމަށްފަހުގަ އެވެ. އަދި މި ތިން ގްރޫޕުން ވަނީ ހަ މަސްދުވަސް ވަންދެން ކޮންމެ ދުވަހަކު 10،000 ފިޔަވަޅު އަޅައިގެން ބަރުދަން ލުއިކުރެވޭތޯ ބަލާފައެވެ.

މި ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕަކަށް އިރުޝާދު ދީފައިވަނީ ހަފްތާއަކު ހަ ދުވަހު 24 ހަފުތާ ވަންދެން 10،000 ފިޔަވަޅު އެޅުމަށެވެ. އަދި ދެ ވަނަ ގްރޫޕަށް 12،500 ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައިވާއިރު، ތިން ވަނަ ގްރޫޕް ކޮންމެ ދުވަހަކަށް އަޅާފައިވަނީ 15،000 ފިޔަވަޅެވެ. 

މި ދިރާސާގެ ބައިވެރިން އަޅާ ފިޔަވަޅުތައް މޮނިޓަރ ކުރުމަށް ވަނީ ކޮންމެ ދުވަހަކު 24 ގަޑިއިރު ވަންދެން ޕެޑޮމީޓަރ އަޅާފަ އެވެ. އަދި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުން ވަނީ ބައިވެރިންގެ ދުވާލަކު ކެލޮރީ އެތެރެވާވަރާއި އަދި ބަރުދަން ބަލާފަ އެވެ.

ޖަރނަލް އޮފް އޮބީސިޓީ ގައި ޝާއިޢުކޮށްފައިވާ މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ދިރާސާ ހެދި މުއްދަތުގެ ތެރޭގައި ބައިވެރިންގެ ގައިން ބަރުދަން ލުއިވެފައެއް ނުވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި 1.5 ކިލޯއަށް ބަރުވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި ކޮލެޖުގެ ފުރަތަމަ އަހަރު 4-1 ކިލޯއަށް ކުދިން ބަރުވުން އެއީ އާއްމުކަމެއް ކަމަށްވެސް ރިސާޗަރުން ވަނީ ބުނެފަ އެވެ.

މި ދިރާސާގެ ލީޑިން ލިޔުންތެރިޔާ ބްރޫސް ބެއިލީ ބުނެފައިވާގޮތުން ބަރުދަން ލުއިކުރުމަށް ހަމައެކަނި ކަސްރަތު ކުރުމަކުން ނުފުދޭނެ އެވެ. ގިނައިން ހިނގުމަކީ މީހާ ހެލިފެލިވެ އުޅޭ މިންވަރު އިތުރުކޮށްދޭ ކަމެއް ނަމަވެސް އޭގެން ބަރުދަން ލުއިކޮށްދޭ ކަމަށް ދިރާސާގައި ނުދައްކާކަމަށް އޭނާވަނީ ބުނެފަ އެވެ.

"އެހެންނަމަވެސް ދިރާސާއިން ފާހަގަކުރެވުނު ޕޮޒިޓިވް ކަމަކީ ގިނަގިނައިން ހިނގާބިނގާވެ އުޅޭނަމަ އެމީހެއްގެ ފިޒިކަލް އެކްޓިވިޓީ ލެވެލް އިތުރުވާކަން. އޭގައި އިމޯޝަނަލް އަދި ސިއްހީ ފައިދާތަކެއް ހުރުންވެސް އެކަށީގެންވޭ" ލިޔުންތެރިޔާ ބުނެފައިވަނީ މިފަދައިންނެވެ.

އެހެންކަމުން ހިނގައިގެން ބަރުދަން ލުއިނުވި ނަމަވެސް، ގިނައިން ހިނގުމަކީ ކޮންމެ މީހަކަށްވެސް ރަނގަޅުކަމެއްގެ ގޮތުގައި ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ