ފާއިތުވި ހަފްތާގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްއެއް ފެނުމާއެކު އެންމެންވެސް އަވަސްވެގަތީ ހިމަބިހީގެ ވެކްސިން ޖެހިފައިވޭތޯ ޔަގީންކުރުމަށެވެ. އެއް ބަޔަކު ވެކްސިން ކާޑުތައް އެއްކޮށްގެން ޔަގީންކުރަމުންދާއިރު، އުމުރުން ދުވަސްވީ އަދި މެދުއުމުރުގެ ގިނަ މީހުންގެ އަތުގައި ވެކްސިން ޖެހިކަން ޔަގީންވާފަދަ ލިޔުމެއް ނެތެވެ.
ވެކްސިން ޖެހުނުކަން ޔަގީންނުވާ ހާލަތުގައި ތިއްބައި އިއްޔެވަނީ ރާއްޖެއިން ހިމަބިހީގެ ތިންވަނަ ކޭސް ފެނިފައެވެ.
ހެލްތް މިނިސްޓްރީ އާއި އަދިވެސް ސިއްހީ އެހެނިހެން އިދާރާތައް ގުޅިގެން ވެކްސިން ދިނުމުގެ މަސައްކަތް ފެށިނަމަވެސް މިފަދަ އެންމެންނަށް ދޭނެވަރަށް ސަޕްލިމެންޓްސްއެއް އަދި ރާއްޖެއަކު ނެތެވެ.
އަދި ހަމައެކަނި 40 އަހަރުން ދަށުގެ މީހުންނަށް އެކަނި މިހާރު ވެކްސިންދެމުން ދިޔަނަމަވެސް، ދިހަ ދުވަސްތެރޭގައި 200،000 މީހުންނަށް ޖެހޭ ވަރަށް ވެކްސިން ޝިޕްމަންޓް ލިބުމުން 40 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ޖަހަންފަށާނޭ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
1980ގެ ކުރިން އުފަންވި މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައެއްނުވޭ؟
ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވާ ގޮތުގައި 1980ގެ ކުރިން އުފަންވެފައިވާ މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައެއް ނުވެއެވެ. އެހެންނަމަވެސް އޭގެ ފަހުން 2007 ވަނަ އަހަރާއި ހަމަޔަށް ވެކްސިންގެ ފުރަތަމަ ޑޯޒް (9m) ދީފައިވާކަމަށް ނިޔާފް ވަނީ ވިދާޅުވެފައެވެ.
އަދި 2005، 2006 ނުވަތަ 2017ގައި ހިންގި އެމް.އާރް ކޭމްޕްގައި އެމް.އާރް ޝޮޓް ނުވަތަ ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވާ ކަމަށްވެސް ނިޔާފް ވަނީ ވިދާޅުވެފައެވެ. އެހެންކަމަށް ވާނަމަ މި މުއްދަތުތަކުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކުގެ ޑޯޒް ހަމަވާނެކަމަށް ޑރ. ނިޔާފްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
If you were born before 1980 - you were born before we started measles vaccination in 🇲🇻
— Abdulla Niyaf (@niyaf) January 13, 2020
If between then and 2007: you may have got 1 dose at 9m. In 2007 🇲🇻 started MMR.
If you had an MR shot in the MR campaigns of 2005-6 &/or 2017, count that too.
If you reach a total of 2 👍🏼👍🏼
ވެކްސިން ޖެހުނުކަން ކާޑުން ދެނެގަންނާނީ ކިހިނެތް؟
ދިވެހި ރާއްޖޭގައި އަލަށް އުފަންވާ ކޮންމެ ތުއްތުކުއްޖަކަށް އެ އުފަންވާ ހޮސްޕިޓަލަކުން ވެކްސިން ކާޑެއް ނުވަތަ ފޮތެއް ދޭނެއެވެ. މި ކާޑު/ފޮތުގައި ކުއްޖާ އުފަންވީ ތާރީހުން ފެށިގެން އުމުރުން 5 އަހަރު ވަންދެން ވެކްސިން ދޭންވީ ތާވަލާއި އަދި އޭގެއިތުރު ސަޕްލިމެންޓްސް ދޭންވީގޮތުގެ އިރުޝާދު ދެވިފައި ހުންނާނެއެވެ.
އެގޮތުން ވެކްސިން ކާޑުގައި ކުއްޖާގެ އުމުރުން 9 މަހުގައި (މީސަލްސް)ގެ ނަމުގައި ދިނުމަށް އަންގާފައިވާ ވެކްސިނަކީ ހިމަބިހީގެ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. މި ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުން ސަލާމަތްވުމުގެ 93 އިންސައްތައިގެ ފުރުސަތު އޮވެއެވެ. އަދި ވެކްސިން ކާޑުގައި ކުއްޖާގެ އުމުރުން 18 މަހުގައި (އެމް.އެމް.އާރް)ގެ ނަމުގައި ދިނުމަށް އަންގާފައިވާ ވެކްސިނަކީ ހިމަބިހީގެ ދެވަނަ ޑޯޒެވެ. (އެމް.އެމް.އާރްގައި ދެން ހިމެނެނީ މަމްޕްސް އަދި ރުބެއްލާގެ ވެކްސިނެވެ.) 18 މަހުގައި ތުއްތުކުއްޖާއަށް ހިމަބިހީގެ ދެވަނަ ޑޯޒް ދިނުމުން 97 އިންސައްތައް ބަލިޖެހުމުން ސަލާމަތްވުމުގެ ފުރުސަތު މަތިވެއެވެ.
9 month: Measles/MR ✔️
— Abdulla Niyaf (@niyaf) January 13, 2020
18 months: MMR ✔️
That’s 2 ✔️
👍🏼👍🏼
އެއްފަހަރު ހިމަބިހި ޖެހިފައި ހުރި މީހަކަށް ދެވަނަ ފަހަރަށް ބަލިޖެހިދާނެތަ؟
މިއީވެސް ގިނަ ބައެއްގެ ހިތުގައި މިދުވަސްވަރު އުފެދެމުންދާ ސުވާލެކެވެ. މި ސުވާލަށް ޓްވިޓާ މެދުވެރިކޮށް ޖަވާބުދެއްވަމުން ޑރ. ނިޔާފް ވިދާޅުވީ އެއްފަހަރު ހިމަބިހި ޖެހި، ރަނގަޅުވެފައިވާ ފަރާތަކަށް ދެވަނަ ފަހަރަށް ހިމަބިހި ޖެހުމުގެ ފުރުސަތު ކުޑަކަމަށެވެ.
ޑރ. ނިޔާފް އިތުރަށް ވިދާޅުވީ މިއިން އެއްވެސް ގޮތަކުން ވެކްސިން ޖެހިފައިވާކަން ނުވަތަ ވެކްސިންގެ ޑޯޒެއް ހަމަވެފައިނުވާނަމަ ނުވަތަ ޔަގީން ނުވާނަމަ އެއްމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުން ކަމަށެވެ.
If previously infected and recovered - maybe immune.
— Abdulla Niyaf (@niyaf) January 13, 2020
As the disease used to be much more common before the vaccination era, the survivors from the era are likely to have had and recovered with immunity.
But if neither that nor vaccinated: susceptible still.
ހިމަ ބިއްސަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އަދި މިބަލި ފެތުރެން މެދުވެރިވަނީ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރިއްޔާއިންނެވެ. އަދި މި ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުންނަ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ކެއްސުން، ނޭފަތުން އަރިދަފުސް އައުން، ލޯ ރަތްވުން، އަދި ރަތް ކުދި ބިހި ގައިން ނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ.
2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ވާއިރު މިބަލި ރާއްޖޭގައި ފެތުރުން މަދުކުރުމަށްޓަކައި މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ހުން އައިސް ހަމުގައި ކުދި ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)