ކޯވިޑް-19: ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް 5،000 ޓެސްޓް ކިޓް ހަދިޔާކޮށްފި
މަރްޔަމް ޢަދީލާ
ޝާއިޢު ކުރީ: 15/03/2020
Ministry of Health Health Minister Abdulla Ameen Coronavirus COVID-19ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކޮރޯނާ ވައިރަހަށް ޓެސްޓު ކުރަން ބޭނުން ކުރާ 5000 ކިޓް ހަދިޔާކޮށްފި އެވެ.
ޑަބްލިއެޗްއޯއިން ރާއްޖެ އަށް 5000 ޓެސްޓްކިޓް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެެންޓަރު ( އެންއީއޯސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ އެއްބަސްވުމުގައި ޑަބްލިއެޗްއޯގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެޖަމާއަތުގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު މިއަދު ރާއްޖެއަށް 5000 ޓެސްޓް ކިޓް ލިބުނީ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ މި ބައްޔަށް ޓެސްޓް ކުރަން ފެށުނީވެސް ޑަބްލއިުއެޗްއޯގެ އެހީތެރިކަމާއެކު ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް ފެތުރެން ފެށުމާ އެކު ރާއްޖެ އަށް ފުރަތަމަ 1000 ޓެސްޓްކިޓް ހަދިޔާކޮށްފަ އެވެ.
ޓެސްޓް ކިޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޑރ. އަރުވިންދު މާތޫރު ވިދާޅުވީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޓަކައި ރާއްޖޭން އަމަލުކުރަމުން އަންނަނީ ދުރާލައި ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ ޕްލޭނެއްގެ ދަށުން ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ދަނީ ޑަބްލިއެޗްއޯގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ މަސަައްކަތުގައި ހަރަކާތްތެރިވާ ހުރިހާ އެެޖެންސީތަކާ އެކު އެ ޖަމާއަތުން ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑަބްލިޔުއެޗްއޯ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ކައިރި ގުޅުމެއް އޮވެއެވެ. ސިއްހީ ކަންކަމުގައި ރާއްޖެއިން އަޅާ ފިޔަވަޅުތަކަށް އެ ޖަމިއްޔާއިން އަބަދުވެސް ތައުރީފު ކުރެއެވެ.
ރާއްޖޭގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހެއްގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި ދެމަފިރިއެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ކޮރޯނާ އާ ގުޅިގެން 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)