ފާއިތުވި 23 އަހަރުގެ ތެރޭގައި ހިމަބިހީގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ 2019 އަހަރުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯ އާއި ސީޑީސީއިން ގުޅިގެން ނެރުނު ދިރާސާއެއްގައި ބުނާގޮތުން މިދިޔަ އަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ 870،000 މީހުންނަށް ހިމަބިހި ޖެހިފަ އެވެ. އަދި 207،500 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. މިއީ 2016 ވަނަ އަހަރާއި ހިސާބަށް ބަލާއިރު 50 އިންސައްތައިގެ އިތުރުވުމެކެވެ.
ހިމަބިހިން ރައްކާތެރިވުމަށް ތުއްތުކުދިންނަށް އުފަންވާތަނުން ހިމަބިހި ވެކްސިން ދިނުމުގެ ސަބަބުން މިހާތަނަށް މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް މި ނުރައްކާތެރި ބަލިން ތުއްތުކުދިން ރައްކާތެރިވުމަށްޓަކައި ވެކްސިނުގެ ދެ ޑޯޒް ހަމަކުރަން ޖެހެއެވެ.
“މި ތަފާސް ހިސާބުތަކުން އެނގޭކަމަކީ އަހަރެމެންގެ ތުއްތު ދަރިން ރައްކާތެރިކުރުމުން މަޑުމަޑުން ނަމަވެސް އިހްމާލްވަމުން ދާކަން” ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ގެބްރަޔަސުސް ނެރުއްވި ބަޔާނުގައި ބުނެފައި ވެއެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި ހިމަބިހި އައުޓްބްރޭކްއިން ރައްކާތެރިވުމަށް ޤައުމެއްގެ އާބާދީގެ 95 އިންސައްތަ މީހުންނަށް ވެކްސިން ދެވި އިމިއުނައިޒް ވާން ޖެހެއެވެ.
ޑަބްލިޔުއެޗްއޯ އާއި ސީޑީސީއިން ގުޅިގެން ހިމަބިހިން ރައްކާތެރިވުމަށް ހިމަބިހީގެ ވެކްސިން ކޭމްޕެއް ވަނީ ކުރިންވެސް ހިންގަން ފަށާފަ އެވެ. ނަމަވެސް، ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން 26 ޤައުމަކުން 94 މިލިޔަން މީހުންނަށް ހިމަބިހި ވެކްސިން ނުދެވި ކެމްޕެއިން ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.
ހިމަބިހީގެ ނުރައްކާ އާންމުގޮތެއްގައި އޮންނަނީ އުމުރުން 5 އަހަރުން ދަށުގެ ތުއްތުކުދިންނަށެވެ. އެގޮތުން މި ބަލި ޖެހިއްޖެ ނަމަ ބައެއް ހާލަތްތަކުގެ ކުދިން ނުކުޅެދުމަށް މެދުވެރިވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)