މީސަލްސް ނުވަތަ ހިމަބިއްސަކީ ވައިރަސް އެއްގެ ސަބަބުން ގައިންގަޔަށް އަރާ ވަރަށްވެސް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަން މެދުވެރިވަނީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ މީސަލްސް ވައިރަސްގެ ސަބަބުންނެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ހަމުގައި ކުދި ބިހިތަކެއް ނެގުން، ކެއްސާ ކަރުގައި ރިއްސުން، ރޯގާ ޖެހުމުގެ އިތުރުން ކޮންޖަކްޓިވައިޓިސް އެވެ.
އިންސާނާގެ ހަށިގަނޑުގެ ތެރެއަށް މީސަލްސް ވައިރަސް ވަންނަތާ 2-3 ހަފްތާ ތެރޭގައި ނިޝާންތައް ފެންނަން ފަށައެވެ. އަދި ހުން އައިސް ހަމުގައި ބިހިތައް ނެގުމުގެ ހަތަރު ދުވަސް ކުރިންނާއި ހަތަރު ދުވަސް ފަހުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ހިމަބިހި ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ހިމަބިހީގެ 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާއި، ހަށިގަނޑުގެ ދިފާއީ ބާރު ކުޑަކުދިންނާއި މީހުންގެ އިތުރުން، ހިމަބިހި އާއްމު ހިސާބުތަކަށް ދަތުރުކޮށްއުޅޭ މީހުންގެ އިތުރުން ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުޑަކުދިންނާއި މީހުންގެ އިތުރުން ވިޓަމިން އޭ ހަށިގަނޑުގައި މަދުވެފައިވާ ކުޑަކުދިންނާއި މީހުންނާއި، މާބަނޑު މީހުންނެވެ.
ހިމަބިހި ވެކްސިން މިވަގުތު ޖަހަންޖެހޭނީ ކޮން ފަރާތްތަކެއް؟
ހިމަބިއްސަކީ ނުރައްކާތެރި އަދި ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވުމުން، މުޖުތަމައުގައި އުޅޭ އެންމެންވެސް ދުރާލާ ހިމަބިހީގެ ވެކްސިން ޖަހާފައި ތިބުމަކީ މުހިއްމު ކަމެކެވެ.
އެހެންނަމަވެސް މިހާރު ރާއްޖޭގައި ހިމަބހި ފެތުރެން ފަށާފައިވުމާއެކު، ހިމަބިހީގެ ވެކްސިން ދިނުން މިވަގުތަށް އެންމެ މުހިއްމު ބައެއް ފަރާތްތަކަށް އިސްކަން ދިނުން މުހިއްމެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން، މިހާތަނަށް ހިމަބިއްސަށްދެވޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ކުދިން.
- ހިމަބިހި ޖެހުނު ފަރާތްތައް ދިޔަ ތަންތަން ކަމަށް ބުނެފައިވާ ތަންތަނަށް އެވަގުތުތަކުގައި ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އުމުރުން 40 އަހަރުން ދަށުގެ ފަރާތްތައް
- ހިމަބިހި ޖެހުނު ފަރާތްތައް ދިރިއުޅޭ އިމާރާތާއި، ވަށައިގެން ވަކި ސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ފަރާތްތަކެވެ.
ހިމަބިހިން ސަލާމަތްވެވެން އޮތް ގޮތަކީ ހިމަބިހީގެ ވެކްސިން ޖެހުމެވެ. އެގޮތުން ފުރަތަމަ ޑޯޒް ޖެހުމުން ބަލިން ސަލާމަތްވުމުގެ 93% ފުރުސަތު އޮވެއެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން މި ފުރުސަތު 97% އަށް މަތިވެއެވެ.
ހުން އައިސް ހަމުގައި ބިހިތައް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)