މެލޭޝިޔާއަށް ދަތުރުކުރާކުރާ އެ ޤައުމަށް ނިސްބަތްނުވާ މީހުންނަށް ޕޯލިއޯ އިން ރައްކާތެރިވުމަށް ދޭ ވެކްސިން ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ޤައުމުގެ ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނޫރު ހިޝާމް އަބްދުﷲ އާއި ހަވާލާދީ ބަރްނާމާގެ ސްޓޭޓް ނިއުސް އެޖެންސީއިން ބުނެފި އެވެ.
ނޫރު ހިޝާމް ވިދާޅުވިގޮތުގައި އެ ޤައުމުން މިހާރު އަންނަނީ ޔުނިސެފް އާއި ގުޅިގެން ޕޮލިއޯ ވެކްސިން ދިނުމަށް ބޭނުންވާ ސަޕްލައިސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހަމައެހެންމެ ފިލިޕީންސް އާއި ގުޅިގެން ރައްކާތެރި އަދި އަގުހެޔޮ ފަރުވާ ފޯރުކޮށްދިނުމަށް ޕްލޭންތައް ކުރަމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ބަރްނާމާގެ ސްޓޭޓް ނިއުސް އެޖެންސީގެ ރިޕޯޓުގައި ވާގޮތުން އެ ޤައުމަށް އަންނަ ފަތުރުވެރިންގެ ތެރެއިން ސްކްރީން ނުކޮށް ގާތްގަނޑަކަށް 20-30 އާއި ދެމެދުގެ އިންސައްތައަކަށް ފަތުރުވެރިން އެ ޤައުމަށް އެތެރެވެއެވެ. އަދި އެތަނުންވެސް ގިނައީ ބޯރނިއޯ އައިލެންޑުންނާއި ސަރަވްކްއިން އެތެރެވާ މީހުންކަމަށް ވަނީ ބުނެފައެވެ.
27 އަހަރަށްފަހު ފާއިތުވި ހަފްތާގައި މެލޭޝިޔާއިން ވަނީ ޕޯލިއޯގެ ކޭސްއެއް ފެނިފައެވެ. މެލޭޝިޔާއިން ޕޯލިއޯ ފެނިފައި މިވަނީ ފާއިތުވި ސެޕްޓެމްބަރު މަހު ފިލިޕީންސްގައި ޕޯލިއޯ ހަލުވިކަމާއެކު ފެތުރި، އެ ސަރަހައްދުގެ އެހެން ޤައުމުތަކަށްވެސް ޕޯލިއޯ ފެތުރިދާނޭ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)