މެލޭޝިއާގައި އެއަރ ޕޮލިއުޝަން އިންޑެކްސް (އޭ.ޕީ.އައި) އަދި ޕީ.އެމް2.5 ޖައްވުގައި ހުރި މިންވަރުން އަންގައިދޭ ގޮތުގައި މި ދުންގަޑަކީ ހަށިގަނޑަށް ނުރައްކާތެރި ދުމެކެވެ.
އޭ.ޕީ.އައި މިންވަރު؛ 0-50 ރަނގަޅު، 51-100 އަކީ މެދު މިންވަރު، 101-200 އަކީ ނުރައްކާތެރި، 201-300 އަކީ ވަރަށް ނުރައްކާތެރި އަދި 301 އިން މަތީގެ މިންވަރަކީ ގެއްލުން ހުރި މިންވަރެވެ.
ފަހުގެ ޓެސްޓުތަކުން ދައްކަނީ ވެރި ރަށް ކުއާލާ ލަމްޕުރުގައި އޭ.ޕީ.އައި ގެ މިންވަރަކީ 142 ކަމަށެވެ. އަދި ސްރީ އަމަން ހިސާބުގަޑުގައި އޭ.ޕީ.އައި ގެ މިންވަރަކީ 216 އެވެ. ޓެސްޓުތަކުން އިރުތަށް ފެންނަ ގޮތުގައި ޕީ.އެމް2.5 ޖައްވުގައި ހުރި މިންވަރަކީ 103.8 އެވެ. މިއީ 5 ސިގެރޭޓުގެ ދުމާއި އެއްވަރެވެ.
މެލޭޝިއާގެ ދުމުގެ އަސަރު އަންނަނީ ރަނގަޅު ވަމުންނެވެ. އެހެންނަމަވެސް މިހާތަނަށް 2،600 ސްކޫލެއް ބަންދުކުރެވިފައިވާ އިރު އޭގެ ސަބަބުން 1.7 މިލިއަން ކުދިންނަށް ވަނީ އަސަރު ކޮށްފައެވެ. އެގޮތުން ކުއާލާ ލަމްޕުރުގައި 300 ސްކޫލް އަދި ސަރަވޮކް ގައި 337 ސްކޫލެއް ވަނީ ބަންދު ކުރެވިފައެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓަރ ވިދާޅުވި ގޮތުގައި މިދިޔަ މަހު ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އަދަދު 30% އިތުރުވެފައިވާ ވެއެވެ. އެގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އަންނަ 3 ބައްޔަކީ ކޮންޖަކްޓިވައިޓިސް، ނޭވާލުމުގެ ނިޒާމުގެ އިންފެކްޝަން އަދި އެސްމާއެވެ.
ބޯދުމުގެ ސަބަބުން މެލޭޝިއާގެ އިގްތިސާދަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެތަކެއް މިލިއަން ރިންގިޓެއް ހަރަދުވާނެއެވެ.
މިދުން އުފެދިގެން އައިސްފައިވަނީ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވުމުގެ ސަބަބުންނެވެ.
މިކަމަށް ހައްލެއް ހޯދުމަށްޓަކައި މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ޑްރޯން ބޭނުން ކުރުމާމެދު މަޝްވަރާ ކުރަމުންނެވެ.
"އަޅުގަނޑުމެންނަށް ލިބުނު ލަފައަކީ ޑްރޯން ބޭނުން ކޮށްގެން އާޓިފިޝަލް ވާރޭ އުފައްދަން. ބައިވަރު ޑްރޯން އެއްފަހަރާ ބޭނުން ކުރެވޭނެ. އަދި ޕުޓްރާޖަޔާ ފަދަ އެންމެ ބޮޑަށް އަސަރުކޮށްފައިވާ ހިސާބުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ." ޕްރައިމް މިނިސްޓަރ މަހަތިރް މޮހައްމަދު ވިދާޅުވިއެވެ.
މެލޭޝިއާގައި ދިރިއުޅޭ ފަރާތްތައް ބޭރަށް ނުކުތުން މަދުކޮށް، ފެން ބުއިން ގިނަކޮށް، ސިގެރޭޓު ބުއިން މަދުކޮށް، އަދި ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)