އާސަންދަ ކުންފުނިން "މެރަނާ ސްކީމް" އާއި ގުޅޭ މައުލޫމާތު ސެޝަނެއް މެލޭޝިޔާގައި ކުރިއަށް ގެންގޮސްފި
ސަރުކަރުގެ ހެލްތް ސްކީމް އާސަންދަ ކުންފުނިން އަވައްޓެރި އިންޑިޔާ، ސްރީ ލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަ ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކޮށްފައިވާ "މެރަނާ ސްކީމް" އާއި ގުޅޭ މައުލޫމާތު ސެޝަނެއް މެލޭޝިޔާގައި ކުރިއަށް ގެންގޮސްފި އެވެ.
މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަނުގައި ގިނަ އަދަދަކަށް ދިވެހިން ބައިވެރިވެފައިވާ ކަމަށް އާސަންދައިގެ ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ސެޝަނުގައި "މެރަނާ ސްކީމް" އާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ބައިވެރިންނަށް ސުވާލުކުރުމަށް ފުރުސަތު ހުޅުވާލިކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަދި ހަމައެހެންމެ މި ސެޝަންގައި ބައިވެރިވި އާސަންދައިގެ ޕެނަލްގެ ފަރާތުން "މެރަނާ ސްކީމް"ގެ އުސޫލުތަކައި ގުޅޭ މައުލޫމަތުވެސް ވަނީ ބައިވެރިންނަށް ފޯރުކޮށްދީފައެވެ. އަދި މިހާރު މެރަނާ ސްކީމް އޮންނަގޮތުން ހިދުމަތް ހޯދާވަގުތު ފައިސާ ދެއްކުމަށްފަހު ފަހުން "ރީއިމްބަރސްމަންޓަށް" ހުށަހަޅަން ޖެހޭ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ކޭޝްލަސް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މެލޭޝިޔާ ހެލްތްކެއާ ޓްރެވަލް ކައުންސިލް އާއި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕެނަލްއިން ވަނީ ބުނެފަ އެވެ. މެލޭޝިޔާ ހެލްތްކެއާ ޓްރެވަލް ކައުންސިލާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މުވައްޒަފުންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް މަޝްވަރާ ކުރާނޭކަމަށްވެސް މި ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.
މި މައުލޫމާތު ސެޝަންގައި ވަނީ "މެރަނާ ސްކީމް" ގެ އޮންލައިން ޕޯޓަލް meranaa.aasandha.mv ގައި ރެޖިސްޓަރވެ ހިދުމަތް ހޯދާނޭގޮތް ވެސް ކިޔައިދީފައެވެ. އަދި އާސަންދަ ކުންފުނީގެ އެއްވެސް ހިދމަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ އެ ކުންފުނީގެ ވެބްސައިޓް aasandha.mv އަށް ޒިޔާރަތްކުރުމަށްވެސް އާސަންދަ ކުންފުނިން ވަނީ އެދިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)