ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ހަމަޖެހިފައިވާ މީހުން އިންޑިޔާ އާއި ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލާ ހުއްދަ ލބުނުހާ އަވަހަކަށް ބޭސްފަރުވާއަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސަމުންދާނޭކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
ކޯވިޑް-19 ފެތުރެންފެށުމާއި ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އެޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އޭގެތެރޭގައި ދިވހި ރާއްޖޭގެ އިތުރުން އަވައްޓެރި ލަންކާ އާއި އިންޑިޔާވެސް ހިމެނެ އެވެ.
އާސަންދަ ކުންފުނިން ބުނީ އާސަންދަ ސްކީމްގެ ދަށުން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ދެ ޤައުމަކީވެސް އިންޑިޔާ އާއި ލަންކާ ކަމަށެވެ. އަދި މި ދުވަސްވަރު ސްކީމްގެ ދަށުން ބޭސްފަރުވާއަށް ދާން ހަމަޖެހިފައިވާ ފަރާތްތަކަށް ދަތުރު ހަމަޖެހިފައިނުވަނީ މި ދެޤައުމުގެ ބޯޑަރު އަދިވެސް ހުޅުވާލާފައި ނުވާތީ ކަމަށެވެ.
ރާއްޖެއިން އާސަންދައިގެ އެހީގައި މި ދެ ޤައުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރެއެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ އާސަންދައިގެ އެހީގައި މި ދެޤައުމަށް ބޭސްފަރުވާއަށް ގޮސްތިބި ދިވެހިން ޗާޓަރު ފްލައިޓްތަކުގައި އަނބުރާ ރާއްޖެ ގެނެސްފައެވެ.
އެހެންނަމަވެސް ބޭސްފަރުވާ މެދުކެނޑުނަ ނުދިނުމަށްޓަކައި އާސަންދަ ކުންފުންޏާއި ހުޅުމާލޭ ހޮސްޕިޓަލް އަދި އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން ގުޅިގެން ދާދިފަހުން ވަނީ ދުރުތާ ފަރުވާގެ ހިދުމަތް ފައްޓާފަ އެވެ. އަދި މި ހިދުމަތުގައި އިތުރު ހޮސްޕިޓަލްތައް ޝާމިލްކޮށް ކުރިއަށް އޮތްތަނުގައި މުޅިރާއްޖެއަށް ދުރުތާ ފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އާސަންދަ ކުންފުނިން ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)