ޕޯލިޔޯގެ 2 މައްސަލައެއް ޔަގީން ކުރެވިފައިވާ ކަމަށް ޕިލިޕީންސްގެ ކަމާބެހޭ ފަރާތްރަކުން ކަށަވަރު ކޮށްދީފައެވެ. މިކަން މިހިނގީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފިލިޕީންސް ޕޯލިޔޯ ބަލިން ސަލާމަތްވެއްޖެ ކަމަށް އިއުލާން ކުރިތާ 19 އަހަރު ފަހުންނެވެ.
ފިލިޕީންސްގެ ޑިޕާޓްމެންޓް އޮފް ހެލްތުއިން ބުނިގޮތުގައި ފުރަތަމަ ވައިރަސް ފެނިފައިވަނީ 3 އަހަރުގެ އަންހެން ކުއްޖެއްގެ ގައިން ކަމަށެވެ. މީގެ އިތުރުން ޕޯލިޔޯ ވައިރަސް ވަނީ ވެރި ރަށް މެނީލާ އަދި ޑަވައޯގެ ނަރުދަމާ ނިޒާމުން ވެސް ހޯދިފައެވެ. މީގެން ޔަގީންވަނީ ފިލިޕީންސްގައި މި ނުރައްކާތެރި ބަލި ފެތުރިއްޖެ ކަމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ޔުނިސެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިލިޕީންސްގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށެވެ. ބަލި ޖެހިދާނެ ކަމަށް ބެލެވޭ ކުދިންނަށް ވެކްސިން ދިނުމާއި ސަރަހައްދުތައް ބަލާ ފާސް ކުރުމަށް މި ދެ ޖަމިއްޔާއިން އެހީތެރިވެދޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
"އެންމެ ކުއްޖަކަށްވެސް މި ބަލި ޖެހިފައިވާ ހިނދު، މިގައުމުގައި ދެން ހުރި ހުރިހާ ކުދިންނަށް ބަލި ޖެހިދާނެ ކަމުގެ ބިރު އެބަ އޮތެވެ." ޔުނިސެފްއިން ފިލިޕީންސްއަށް ކަނޑައަޅާފަ ހުންނަވާ ރެޕްރެޒެންޓޭޓިވް އޮޔުން ޑެންޑެވްނޮރޮވް ވިދާޅުވިއެވެ.
ޕޯލިޔޯ ދެވަނަ ކުއްޖަކަށް ޖެހިފައިވާ ކަން ކަށަވަރު ވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިފަހަރު ފިލިޕީންސްގެ ލަގޫނާ ހިސާބުގައި ދިރިއުޅޭ ފިރިހެން ކުއްޖަކަށެވެ.
ފިލިޕީންސްގައި ޕޯލިޔޯ ބައްޔަށް ވެކްސިން ދިނުމުގެ މަޝްރޫޢެއް ހިންގުމުގެ މަސައްކަތް އެގައުމުގެ ޑިޕާޓްމެންޓް އޮފް ހެލްތުން ފަށައިފިއެވެ. މި ބަލި ފެރުތުން ހުއްޓާލުމަށްޓަކައި 5 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މަދުވެގެން 95% ކުދިންނަށް ވެކްސިން ދެވިފައި ވާންޖެހޭނެއެވެ.
ޕޯލިޔޯ އަކީ އަވަހަށް ފެތުރޭ، ފަރުވާ އެއް ނެތް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ވާގި ނެތުން މެދުވެރިވެއެވެ. އަދި ބައެއް ހާލަތް ތަކުގައި މަރުވުން ވެސް އެކަށީގެން ވެއެވެ.
މިވަގުތު ދުނިޔޭގައި މި ބަލިން ސަލާމަތް ނުވެވޭ 3 ގައުމަކީ އަފްގާނިސްތާން، ނައިޖީރިއާ، އަދި ޕާކިސްތާނެވެ.
ދިވެހިރާއްޖޭގައި 2016 ވަނަ އަހަރު 98% ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށް އެޗް.ޕީ.އޭ އިން ހާމަކުރެއެވެ. އެހެންނަމަވެސް ވެކްސިންއާއި އިދިކޮޅު ފަރާތްތައް ފާޅުގައި ދޮގު ވާހަކަތައް ފަތުރަމުން ދާ ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި ވީހާވެސް އަވަހަކަށް ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅުވެސް އަޅަން ޖެހޭ ކަމެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)