35 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިހާރު ކޮވިޑް-19 އަށް ވެކްސިން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކުރިން ވެކްސިން ދެމުން އައީ 40 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ.
އެޗްޕީއޭއިން ބުނީ އުމުރުން 35 އަހަރުން މަތީގެ އެންމެންނަށް މިހާރު ފެށިގެން ވެކްސިން ލިބޭނެ ކަމަށާއި އޭގެ އިތުރުން އުމުރުން 18 އާއި 35 އަހަރު ދެމެދު އުމުރު ފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެން ދާނެ ކަމަށެވެ.
މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
ކޮވިޑް ވެކްސިން ޖެހުމުގު ހުއްދަ ލިބިފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެހެންކަމުން މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހައި ރިސްކު ކޮންމެ މީހަކަށް މިހާރު ވެސް ވެކްސިން ޖެހޭނެއެވެ. ދިގު މުއްދަތަށް ބޭސްކުރާ ނުވަތަ ހައިރިސްކު މީހުންގެ ކެޓެގަރީގައި ހިމެނޭ މީހުންނަކީ:
• ހަކުރު ބަލި ހުންނަ މީހުން
• ހިތުގެ ބަލިތައް ހުންނަ މީހުންނާއި ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުން
• ކިޑްނީ ބަލިތަކުގެ ބަލި މީހުން
• ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުން ކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުން
• ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުން
• އިސްކޮޅާއި އަޅާބަލާއިރު ބަރުދަން މަތި މީހުން (ބީއެމްއައި 40 އިން މަތީގައިވާ މީހުން)
• ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން މިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)