ކުޑަކުދިން ބަލިތަކުން ސަލާމަތްކުރުމަށްޓަކައި، ދޭން ޖެހޭ ވެކްސިން ޤަވާއިދުން ދިނުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ބިލް ފާސްކޮށްފި އެވެ.
ކުޑަކުދިންނަށް ވެކްސިން ދިނުން މަޖުބޫރުކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ އާ ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ. މި ބިލްގެ މަގްސަދެއްގެ ގޮތުގައި ވަނީ ކުޑަކުދިންނަށް އަޅާނުލައި، އިހުމާލުވާ އަދި އިހާނެތިކޮށް ހިތާ މީހުންނާއި އެ ކުދިންގެ ކިބައިން ނާޖައިޒު ފައިދާ ހޯދާ މީހުންނަށް ފިޔަވަޅު އެޅުމެވެ. އަދި އެފަދަ މީހުން ކުރަނީ ކުށެއް ކަމަށް ކަނޑައަޅައި އެ މީހުންނަށް އަދަބު ދެވޭނެ ގޮތަކަށް ރޮޒެއިނާގެ ބިލް ވަނީ ބައްޓަންކޮށްފަ އެވެ.
ކުޑަކުދިންނަށް ވެކްސިން ދިނުމަށް ލާޒިމްކުރާ މިބިލް މަޖިލިހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައި ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.
އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ބަލިތަކުން ސަލާމަތްވުމަށް ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމާއި އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލްގައި ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)