ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ހިމަބިހީގެ ސަބަބުން 'އިމިއުން އެމްނީޒިޔާ' ގެ ނަމުން ދެވިފައިވާ ނޭދެވޭ އަސަރެއް ކުރާކަމަށް އައު ހޯދުމަކުން ދައްކައިދީފިއެވެ. 'އިމިއުން އެމްނީޒިޔާ' ގެ މާނަ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމްގައިވާ ސެލްތައް ކުރިން ހަނގުރާމަ ކޮއްފައިވާ ބަލިތަކަށް ހަނގުރާމަ ކުރި ކަމަށް ހަނދާންނެތުމެވެ. މި ހޯދުމުން ވެކްސިން ދިނުމުގެ މުހިއްމުކަމަށް އިތުރަށް އަލިއަޅުވައި ދެއެވެ.
ހިމަބިހި އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ފެންނަ ފުރަތަމަ ބައެއް އަލާމާތްތަކަކީ ގަދަޔަށް ހުން އައިސް، ނޭފަތުން އަރުދަފުސް ނުވަތަ ފެން އައުން އަދި ކިނބިހިއެޅުމެވެ. މީގެ ކުޑަ ދުވަސްކޮޅެއް ފަހުން މޫނުގައި ހިމަ ރަތް ބިހިތަކެއް ނަގައި މުޅި ހަށިގަނޑަށް ފެތުރެމުން ދާނެއެވެ. ހިމަބިހީގެ ބަލިން ސަލާމަތްވި ނަމަވެސް ކުއްޖާ ބީރުވުން ނުވަތަ ވިސްނުމުގައި ނުކުޅެދުންތެރިކަމެއް އޭގެން އުފެދިދާނެއެވެ.
ހިމަބިހި ފެތުރެނީ ވައިގެ ތެރެއިންނެވެ. ބަލިމީހާ ކެއްސުމުން ނުވަތަ ކިނބިހިއެޅުމުން ހިމަބިހީގެ ޖަރާސީމް ބޭރުވެ ވައިގާ ފެތުރެއެވެ. ކައިރީގައި ތިބޭމީހުންނަށް ހިމަބިހި ޖެހެން މެދުވެރިވާނީ މި ވައި ހަށިގަނޑަށް ވަނުމުންނެވެ. ނުވަތަ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއް ނުވަތަ ތަނެއްގައި އަތްލުމަށްފަހު، ލޮލުގައި، އަނގައިގަ ނުވަތަ ނޭފަތުގައި އަތްލުމުން ވެސް ހިމަބިހި ޖެހޭނެއެވެ. ހިމަބިހި އަކީ ބަލިމީހާ ކައިރީގަ ތިބޭ 90% މީހުންނަށް ފެތުރުމުގެ ގާބިލުކަން ހުންނަ ބައްޔެކެވެ. އެއީ ވެކްސިން ނުޖަހާ ހުރިނަމައެވެ.
ހިމަބިހީގެ ސަބަބުން މުޅި ދުނިޔޭގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 100،000 މީހުން މަރުވެގެންދެއެވެ.
ދިރާސާގައި ހާވާޑް މެޑިކަލް ސޮކޫލުގެ ފަންނުވެރިން ވެކްސިން ނުޖަހާ ހުރި 77 ކުދިން ބެލިއެވެ. އެއީ ގުދުރަތީގޮތުން ހިމަބިހި ޖެހުމުގެ ކުރިންނާއި ދެމަސް ފަހުންނެވެ. ދިރާސާއިން ފެނުނީ މި ކުދިންގެ އެންޓިބޮޑީ ލެވަލް އެވަރެޖުކޮއް 20% މަދުވެފައިވާކަމަށެވެ. އަދި އެއް ކުއްޖެއްގެ ގައިގާ މި އެންޓިބޮޑީ ލެވަލްގެ 73% މަދުވެފައިވެއެވެ. ވެކްސިން ޖަހާފައިވާ ކުދިންނަށް ބެލިއިރު މިކަމެއް ފާހަގައެއް ނުވެއެވެ. (އިތުރަށް ކިޔާ)
އެންޓިބޮޑީ އަކީ ހަށިގަނޑަށް އެތެރެވާ ވައިރަސް އަދި އެހެނިހެން ޖަރާސީމުގައި ތަތްލުމުގެ ގޮތުން ހަށިގަނޑުގެ ދިފާޢީ ނިޒާމްގައިވާ ސެލްތައް ހަށިގަނޑަށް ބޭރުކުރާ އެއްޗެކެވެ. މި ސެލްތަކުގެ ވަކިން ހާއްސަ ވައްތަރެއް ކަމުގައިވާ 'މެމޮރީ ބީ-ސެލް'، ހަށިގަނޑު ކުރިން ހަނގުރާމަ ކޮށްފައިވާ ވައިރަސްތަކަށް ބޭރުކުރި އެންޓިބޮޑީ ގެ ހާއްސަ ވައްތަރު ހަށިގަނޑަށް ބޭރުކުރާނެއެވެ. ހިމަބިހި އަކީ މިގޮތުން މި އެންޓިބޮޑީ ބޭރުކުރާ ސެލްތައް ނައްތައިލާ ނުވަތަ ހަލާކުކޮށްލާ ބައްޔެކެވެ. އަދި މީގެ ސަބަބުން ހަށިގަނޑު ކުރިން ހަނގުރާމަ ކުރި ބަލިތައް ހަނދާން ނެތި 'އިމިއުން އެމްނީޒިޔާ' އަށް މަގު ފަހިވެގެންދެއެވެ.
މިކަމުގެ ފަންނުވެރިން ބުނާގޮތުގައި ދުނިޔާގަ ވެކްސިން ޖެހުމުގެ ރޭޓް މަދުވަމުން ދިއުމުގެ ސަބަބުން ކުރިން ނައްތައިލައިފައިވާ ހިމަބިހީގެ ބަލި ފަދަ ނުރައްކާތެރި ބަލިތައް އަލުން ފެތުރެމުންދާއިރު ވެކްސިން ދިނުމުގެ މުހިއްމުކަން އިތުރުވެގެންދެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)