24 ގަޑިއިރު ސިއްހީ ހިދުމަތްދޭ ތަންތަނުގައި ދެ ޑޮކްޓަރުން ބައިތިއްބަނީ
24 ގަޑިއިރު ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ދެ ޑޮކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ ތަޅުމަށް މިނިސްޓަރ އަމީން ހާޒިރު ކުރީ ތިމަރަފުށީގައި އަޅަން ނިންމަފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން ސުވާލު ކުރުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގެންނެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަމީން ވިދާޅުވީ 24 ގަޑިއިރު ހިދުމަތް ދޭ ގިނަ ތަންތަނަށް ދެ ޑޮކްޓަރުން ނެތުމުގެ ދަތިކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ ތަންތަނުގައި ދެ ޑޮކްޓަރުން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.
"މިއަހަރު އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި 24 ގަޑިއިރު ހިދުމަތްދޭ ކޮންމެ ތަނެއްގައި ދެ ޑޮކްޓަރުން މަދުވެގެން ބޭތިއްބުމުގެ އިންތިޒާމު ހަމަޖެހި. މިއަހަރު ނިމުމުގެ ކުރިން 24 ގަޑިއިރު ހިދުމަތްދޭ ހުރިހާތަނަކަށް ދެ ޑޮކްޓަރުން ހަމަވާނެ. މިހާރުވެސް ވަރަށް ގިނަ ތަންތަނަށް ހަމަވެފައި ވަނީ." މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ތިމަރަފުށީގައި އަޅަން ނިންމަފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން ސުވާލު ކުރުމުން އަމީން ވިދާޅުވީ އެ ސިއްހީ މަރުކަޒުގެ ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތުގެ ލިޔެކިޔުމާއި ކުރެހުމުގެ މަސައްކަތް ނިމި، އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އަންނަ އަހަރު އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ އާންމު ސިއްހަތަށެވެ. އޭގެ ސަބަބުން މިހާރު ހުރި މައިގަނޑު މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމަށް ފަހު، ދެން ހުރި ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)