މިހާރު ރާއްޖޭގައި ކޯވިޑް-19 ނެތްކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށްޓަކައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ ކޯވިޑް-19 ބަލީގެ ބާވަތުން މި ބަލި އަހަރުމެންނަށް ނޭނގި މުޖުތަމައުގެ ތެރޭގައި ތެރޭގައި ފެތުރުމުގެ ފުރުސަތު ވަރަށްބޮޑަށް އެބައޮތްކަމަށެވެ.
ސަބަބަކީ ކޯވިޑް-19 ޖެހޭ 80 އިންސައްތަ މީހުންގެ ކިބައިން އާދައިގެ ރޯގާގެ އަލާމާތް ފެނުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ކޮންމެ ދުވަހަކު ޕޮޒިޓިވް ކޭސްއެއް ނުފެނުނު ނަމަވެސް، ރާއްޖޭގައި ކޯވިޑް-19 ނެތްކަމަކީ ވަރަށްބޮޑު ގޯހެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ތިބިކަމަށް ހަދާ ދިރާސާތަކަށް ބަލާއިރު ރާއްޖޭގައި ވައިރަސް ނެތްކަމަށް ބުނަން އުނދަގޫކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އާއްމުގޮތެއްގައި ނުރައްކާތެރި ބައްޔެއް ނުފެންނަ ހާލަތެއްގައި ގިނަ ފަހަރަށް ކަންފަސޭހަ ކޮށްލެވޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް ހާލަތު ރަނގަޅުކަމަށް ނިންމަން އަވަސްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
"ރާއްޖެއިން ޕޮޒިޓިވް ކޭސްތައް އިރާދަފުޅުން މި ދިމާވީ ރާއްޖެއިން ބޭރުން އައިސް ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ފުށުން. އަދި ރާއްޖޭގެ ކޮމިއުނިޓީގައި ވައިރަސް ފެތުރޭކަމުގެ ސާބިތު ހެއްކެއް މިހާތަނަށް ލިބިފައެއް ނެތް" ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. އަލީ ލަތީފް ވިދާޅުވީ ކާފިއު ނިމުމަކަށް ގެނައީ ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހުގައި ކަމަށެވެ. އަދި ކާފިއު އުވާލުމަކީ ނުރައްކަލެއް ނެތުން ނޫންކަމަށް ޑރ. ލަތީފްވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ޑރ. ލަތީފު ވިދާޅުވީ ކޯވިޑް-19ގެ ބިރުވެރިކަން އެންމެ ރަނގަޅަށް އެނގޭނީ އެމެރިކާގެ ހާލަތަށް ބެލުމުން ކަމަށެވެ. އެގޮތުން އެމެރިކާ ފަދަ އެޑްވާންސް ޤައުމަކަށް ނުވާކަމެއް ރާއްޖެއަށް ނުވާނެކަމަށް ޑރ. ލަތީފް ވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)