އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/02/2020

ކޮރޯނާވައިރަސް ރާއްޖެއިން ނުފެނުމަކީ ސާފުތާހިރުކަމަށް ފަރުވާކުޑަކުރަން ލިބުނު ހިތްވަރެއް ނޫން

ކޮރޯނާ ވައިރަސްގެ ވާހަކަދެއްކުން މަޑުވިނަމަވެސް މި ވައިރަހުގެ ދުވެލި މަޑުވެފައެއް ނުވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން އުފެދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އިންޒާރުތައް މި ކުޑަކުޑަ ދިވެހިރާއްޖެއާއި ހަމަޔަށް މި ދޭތެރެއިން އައިސްފައިވެ އެވެ. ނަސީބު ރަނގަޅުކަމުން ރާއްޖެއިން ވައިރަހަށް ޝައްކުކުރެވުނު އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. 

ވައިރަސް ހުރިކަމަށް ޝައްކުކުރެވި ޓެސްޓްކުރި މީހުންގެ ނަތީޖާ ނެގެޓިވްވި ހަބަރާއެކު ސޯޝަލް މީޑިޔާގައިވެސް މި ވައިރަހުގެ ވާހަކަދެއްކުން ވަނީ މަޑުވެފަ އެވެ. ސުވާލަކީ މި ހަތް މީހުންގެ ނަތީޖާ ނެގެޓިވް ވުމަކީ ކޮރޯނާވައިރަސް ރާއްޖެއިން ނުފެންނާނެ ކަމަށް ލިބުނު ގެރެންޓީއެއް ތޯއެވެ؟

ކޮރޯނާ ވައިރަސްގެ ވާހަކަދެއްކުން މަޑުވިނަމަވެސް މި ވައިރަހުގެ ދުވެލި މަޑުވެފައެއް ނުވެއެވެ. ތަފާތަކީ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދަށްވުރެ ރަނގަޅުވާ މީހުންގެ އަދަދު މަތިވި ކަމެވެ. 

އެހެންނަމަވެސް އެވަރުން ހިތްހަމަޖައްސާލެވޭކަށް ނެތެވެ. ސިއްހީ މާހިރުން ބުނާގޮތުން ނަމަ މި ވައިރަސް އެއްފަހަރު ޖެހޭ މީހުންނަށް ދެވަނަ ފަހަރަށްވެސް ޖެހުމުގެ ފުރުސަތު އޮވެއެވެ.

31،000 އަށްވުރެ ގިނަ މީހުންވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި

ކޮރޯނާވައިރަހުގެ ނުރައްކާތެރިކަން އެނގޭތަ؟

ކޮރޯނާވައިރަހަކީ ނުރައްކާތެރި ވައިރަހެއްކަން ނޭނގޭ މީހަކު މިހާރު މަދުވާނެ އެވެ. އެއާއެކު މި ވައިރަސް ނުރައްކާވާ ސަބަބުތައް އެނގިފައި އޮތުމަކީވެސް މުހިއްމު ކަމެކެވެ.

ހަލުވި ކަމާއެކު ފެތުރޭ މި ނުރައްކާތެރި ކޮރޯނާވައިރަހުގެ ސަބަބުން ހުސްވި ހަފްތާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ސިއްހީ އެމަޖެންސީ ހާލަތު އިއުލާންކޮށްފަ އެވެ. މި ހާލަތު އިއުލާންކޮށްފައި މިވަނީ ކޮރޯނާވައިރަސް އައުޓްބްރޭކްގެ ޅަފަތުގެ ދުވަސްވަރުގައި ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. މާނައަކީ ކުރިއަށް އޮތްތަނުގައި މި ވައިރަހުގެ ސަބަބުން އާއްމު ސިއްހީ ހަލަތު އިތުރަށް ގޯސްވުމަކީ ވެސް އެކަށީގެންވާ ކަމަކަށް ވުމެވެ.

ޗައިނާގެ ތަފާސްހިސާބުތަކުން މިހާތަނަށް ދައްކާގޮތުގައި ކޮރޯނާވައިރަސްގެ އަސަރުކުރި މީހުންގެ ތެރެއިން ދެ އިންސައްތަ މީހުން ވަނި މަރުވެފަ އެވެ. ކޮރޯނާ ވައިރަސް އަކީ ނުރައްކާތެރި ސާސްވައިރަސް އަދި މާސްވައިރަސްގެ އާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. 

ކޮރޯނާވައިރަސްގެ ނުރައްކާ ސާސް ވައިރަހާއި އަރާހަމަނުކުރާނެ ކަމުގެ ޔަގީންކަން މީގެކުރިންވެސް ސިއްހީ މާހިރުންވަނީ ދީފަ އެވެ. ކޮރޯނާވައިރަހުގެ ތަފާސް ހިސާބުތަކާއި އަޅާބަލާއިރު ސާސް ވައިރަސް ޖެހުނު 8،437 މީހުންގެ ތެރެއިން 10 އިންސައްތަ މީހުން ވަނީ މަރުވެފަ އެވެ.

މި ނުރައްކާތެރި ކޮރޯނާވައިރަސް މިހާތަނަށް ވަނީ ޖުމްލަ 24 ޤައުމަކުން ފެނިފަ އެވެ. އޭގެތެރޭގައި ރާއްޖެއާއި ގާތް އަދި ދިވެހިން އާއްމުކޮށް ދަތުރުކޮށްއުޅޭ ގިނަ ޤައުމުތަކެއްވެސް ހިމެނެ އެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ޖުމްލަ 31،000 އަށްވުރެ ގިނަ މީހުންވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 638 އަށް އަރާފަ އެވެ. މީގެތެރެއިން ދެ މީހުން ފިޔަވައި އެންމެންނަކީވެސް ޗައިނާގައި މަރުވި މީހުންނެވެ.

ކޮރޯނާވައިރަސް ރާއްޖެއިން ނުފެނުނަމަވެސް ރާއްޖެއިން މި ބަލި ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެހެންކަމުން މި ދުވަސްވަރު އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ބެހެއްޓުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ހާއްސަކޮށް ސިއްހީ އެހީތެރިން ދޭ އިރުޝާދުތަކަށް އަމަލުކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. 

ބަލިވެގެން މާސްކް ބޭނުންކުރާ މީހުންވެސް ރައްކާތެރިގޮތުގައި މާސްކުތައް ނައްތާލުމަށް ސަމާލުކަމެއް ދޭންޖެހެއެވެ. ގިނަގިނައިން އަތްދޮވެ އަދި ގިނަގިނައިން މީހުންނަށް އެކަން ހަނދާންވެސް ކޮށްދޭންޖެހެއެވެ. 

ކޮރޯނާވައިރަސް ރާއްޖެއިން ނުފެނުމަކީ ސާފުތާހިރުކަމަށް ފަރުވާކުޑަކުރަން ލިބުނު ހިތްވަރެއް ނޫނެވެ. އެއީ ރައްކާތެރިވުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ