އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/01/2020

ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުން ހުއްޓާލާކަށް ނުވޭތަ؟

މި ނުރައްކާތެރި ވައިރަސް ޖެހިގެން މިހާތަނަށް ވަނީ 106 މީހުން މަރުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/01/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއަކީ ފަތުރުވެރިކަމަށް އޭޝިޔާގައި އެންމެ މަޤްބޫލު އެއް މަންޒިލަށް ވާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާއިމެދު އުފާފާޅުކުރިނަމަވެސް، މިއަދު ގިނަ ދިވެހިންނެއް ތިބީ ކަންބޮޑުވުންތަކެއްގެ ތެރޭގައެވެ.

ޗައިނާއިން މޫލައި ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އަދި ރާއްޖެއަށް އެތެރެނުވި ނަމަވެސް ދިވެހިން މިހާރުވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައަކީ ޗައިނާގެ ފަތުރުވެރިންނަށް ވުމެވެ. މި ނުރައްކާތެރި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި އޮތީ ޗައިނާއަށް ކަމަށްވުމުން ނެވެ.

އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ މިބަލި އިއްޔެ ވަނީ ގިނަ އަދަދަކަށް ދިވެހިން ދަތުރުކޮށްއުޅޭ އަވަށްޓެރި ސްރީލަންކާއިން ވެސް ފެނިފަ އެވެ. ސްރީލަންކާއިން މި ވައިރަސްގެ މިހާތަނަށް ފެނިފައިވަނީ އެންމެ ކޭސް އެކެވެ. އެހެންނަމަވެސް ސްރީލަންކާއި ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއެކު، އެ ޤައުމުން ވަނީ ޗައިނާގެ ޓޫރިސްޓުންނަށް ވިސާ ދިނުން ހަރުކަށިކޮށްފަ އެވެ. ރާއްޖެއެކޭ އެއްގޮތަށް ޗައިނާއަށްވެސް އެތެރެވާ ފަތުރުންވެރިންގެ ނިސްބަތުން އެންމެބޮޑު އިންސައްތައެއް ހިއްސާކުރަނީ ޗައިނާގެ ފަތުރުވެރިންނެވެ.

މިހާތަނަށް ދުނިޔޭގެ އެކި ޤައުމުތަކުން ފެނިފައިވާ ކޮރޯނާވައިރަސްގެ ކޭސްތަކުގެ ތެރެއިން އެންމެ ކޭސްއެއް ފިޔަވައި ދެން ހުރިހައި ކޭސްތަކެއްގައި ވެސް މި ވައިރަސް ފެނިފައިވަނީ ޗައިނާއަށް ޒިޔާރަތްކޮށްފައިވާ ނުވަތަ ޗައިނާއަށް ނިސްބަތްވާ މީހުންގެ ގައިންނެވެ.

ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އެތެރެވުމުގެ ޤަވާއިދުގައި އޮންނަގޮތުން ޗައިނާގެ ފަތުރުވެރިންނަށް އޮންނަ އެރައިވަލްގައި ވިސާ ލިބެ އެވެ. އެހެންކަމުން ވަގުތީގޮތުން ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އެތެރެވުން ހުއްޓުވައިދިނުމަށް އެދި ގިނަ ދިވެހިންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މެލޭޝިޔާ، ފިލިޕީންސް އަދި ސްރީ ލަންކާގައި ޗައިނާގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި

ހަލުވިކަމާއެކު ފެތުރެމުންމިދާ ކޮރޯނާވައިރަސްގެ ސަބަބުން ގިނަ ޤައުމުތަކަކުން ވަނީ ޗައިނާގެ ފަތުރުވެރިންނަށް ވިސާ ދޫކުރުން ކޮންޓްރޯލް ކޮށް އަދި މަޑުޖައްސާލާފަ އެވެ. މީގެތެރޭގައި މެލޭޝިޔާ އަދި ފިލިޕީންސްވެސް ހިމެނެ އެވެ. އަދި ކޮރޯނާވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމާމެދު ކަންބޮޑުވުންފާޅުކޮށްފައިވާ ގިނަ ދިވެހިން ވަނީ ފައިސާއަށްވުރެ ފުރާނަ މުހިއްމުކަމަށް ބުނެފަ އެވެ.

ޖަނަވާރުންގެ ޒަރިއްޔާއިން ފެތުރެން ފެށުނު މި ނުރައްކާތެރި ވައިރަސް ޖެހިގެން މިހާތަނަށް ވަނީ 106 މީހުން މަރުވެފަ އެވެ. އަދި 4،500 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސްގެ އަސަރުވަނީ ކޮށްފަ އެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. އަދި މިހާތަނަށް މި ވައިރަސްގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ ވޫހާން ސިޓީގައި އޮންނަ ހުބޭއީ ކިޔާ އަވަށަކުންނެވެ. މި ވައިރަސްގެ ސަބަބުން ޗައިނާވަނީ ކުއްލި ހުއްޓުމަކަސް އައިސްފަ އެވެ. އަދި މީގެ ސަބަބުން ޗައިނާގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ވާނޭކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. 

ޗައިނާއިން މިހާރުވެސް ވަނީ އެޤައުމުގެ ރައްޔިތުން ޗައިނާގެ އެކި އަވަށްތަކަށް ދަތުރުކުރުން އަދި ޤައުމުން ބޭރަށްވެސް ދަތުރުކުރުން ކޮންޓްރޯލް ކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ