އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/01/2020

ކޮރޯނާވައިރަސް އަދި އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައެއް ނޫން: ސިއްހީ މާހިރުން

މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 106 އަރާފައިވާއިރު، ގިނަ ޤައުމުތަކަކުން މި ވައިރަސް ދަނީ ފެންނަމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/01/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން ފެތުރެންފަށާފައިވާ ނޮވެލް ކޮރޯނާވައިރަސް އަދި އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައެއް ނޫންކަމަށް ދުނިޔޭގެ ބައެއް ސިއްހީ މާހިރުން ބުނެފި އެވެ.

ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 106 އަރާފައިވާއިރު، ގިނަ ޤައުމުތަކަކުން މި ވައިރަސް ދަނީ ފެންނަމުންނެވެ. 

ކޮރޯނާވައިރަސްގެ ނުރައްކާ އޮތް މިންވަރާއި މެދު ވާހަކަދައްކަމުން ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފިސަރެއް ކަމަށްވާ ޓްރެސީ ގޯލްޑްސްޓެއިން ބުނީ ކޮރޯނާވައިރަސް ޖެހިގެން ގިނަ ކޭސްތަކެއް ރިޕޯޓު ކުރިނަމަވެސް އޭގެތެރޭގައި ގިނައީ ހާލަތު ގޯސް ނޫން ކޭސްތައް ކަމަށެވެ. ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ޗައިނާގައި އެކަނި ވަނީ 4،500 ކޭސް ރިޕޯޓުކޮށްފަ އެވެ.

އަދި ކޮލަމްބިއާ ޔުނިވަރސިޓީގެ އެޕިޑެމިއޮލިޖިސްޓެއް ކަމަށްވާ ސައިމަން އެންތަނީ ބުނިގޮތުގައި މިވަގުތު އެންމެންގެ ވެސް ކަންބޮޑުވުމަކަށް ވާން ޖެހޭނީ ޗައިނާގައި އުޅޭ މީހުންނެވެ. އަދި އެއީ ވައިރަސްގެ ސަބަބުން އެކަނި ނޫންކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ޗައިނާ އެއްކޮށް ހުއްޓިފައި ވުމުންކަމަށް އެންތަނީ ވަނީ ބުނެފަ އެވެ. 

ޗައިނާގެ ބައެއް ސިޓީތަކުގައި ދަތުރުފަތުރުކުރުން ހުއްޓިފައި އޮތްއިރު އެ ޤައުމުގެ ޕޮލިހުން ވަނީ މަގުތައް ބަންދުކޮށް ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. އަދި ޗައިނާގެ މާރުކޭޓުތަކުން ތަރުކާރީވެސް ހުސްވަމުން އަންނަކަން ރިޕޯޓުތަކުން ފާހަގަކޮށްފައި ވެއެވެ.

ސައިމަން އެންތަނީ އިތުރަށް ފާހަގަ ކުރި ގޮތުގައި ޚަބަރުތަކުން މިވައިރަސްއަށް އެހާ ބޮޑު ސަމާލުކަމެއް ދީފައިވަނީ ބަލި ފެތުރެމުންދާ ރޭޓު އަވަސްކަމުންނެވެ. މިއީ މުހިއްމު ކަމެއްކަމުގައި ވިއަސް ގިނަ މީހުންނަށް މިކަމުގެ ނުރައްކަލެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ހަފްތާއާ އަޅާކިޔާއިރު މިއަދު އޭނާގެ ހާސްވުން އިތުރުވެފައިވާ ކަމަށާއި 2002 ވަނަ އަހަރު ފެތުރުނު ސާސް ބަލީގެ ހަނދާންތައްވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ޔުނިވަރސިޓީ އޮފް ކެލިފޯނިޔާގެ އެޕިޑެމިއޮލިޖިސްޓެއް ކަމަށްވާ ބްރޭންޑަން ބްރައުން ވިދާޅުވި ގޮތުގައި ހެލްތު ވޯކަރުންނާއި ސަރުކާރުތަކުން މިވައިރަސް ފެތުރެމުންދާ ގޮތް ގާތުން ބަލާ މޮނީޓަރ ކުރަންޖެހޭނެ ކަމެވެ. އެހެންނަމަވެސް މުޖުތަމައުގެ އެހެނިހެން ފަރާތްތަކުން މިވައިރަސްއާ މެދު ކަންބޮޑުވާން ނުޖެހޭކަމަށް އޭނާ ފާހަގަ ކުރިއެވެ.

އަދި ޖޯންސް ހޮޕްކިންސް ބްލޫމްބަރގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ސެންޓަރ ފޯ ހެލްތު ސެކިއުރިޓީގެ ޑިރެކްޓަރ ޓޮމް އިންގްލެސްބީ ވިދާޅުވި ގޮތުގައި އެތަކެއް ހާސް ބަޔަކު އިންފެކްޓްވެފައި އަލާމާތްތައް ކުޑަކަމުން ބަލިޖެހުނުކަން ނޭނގި ހުރުންވެސް އެކަށީގެންވާކަމެވެ. އަދި އަނެއްބައި މީހުންގެ އަލާމާތްތައް ނުފެންނަނީސް ހަށިގަނޑުގެ ދިފާއީ ނިޒާމުން މިވައިރަސް މަރާލުންވެސް އެކަށީގެންވާކަމެވެ.

ސައިންޓިސްޓުން މިހާތަނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މިބަލީގެ ނުރައްކާ އެންމެ ބޮޑީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އަދި މިހާތަނަށް މިވައިރަސްގެ ސަބަބުން މަރުވި ގިނަ މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ޗައިނާގެ ވޫހާން ސިޓީގެ ސީފުޑް މާރުކޭޓަކުން އުފެދިގެން އައި މި ވައިރަހުގެ ޒިންމާ ވޫހާން ސިޓީގެ މޭޔަރު އަމިއްލައަށް އުފުލުމުން މޭޔަރުކަމުގެ މަގާމުން އޭނާ އިސްތިއުފާދިނުމަށް އެޤައުމުގެ ކޮމިއުނިސްޓް ޕާޓީން ވަނީ ގޮވާލާފަ އެވެ.  ކޮރޯނާވައިރަސް ޖެހިދާނެ ކަމުގެ ބިރަށް 5 މިލިޔަނަށްވުރެ ގިނަ މީހުން އެ އަވަށް ދޫކޮށް ގޮސްފައިވާކަމަށްވެސް މޭޔަރުވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ