އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/09/2020

ލޭންސްލޭ ކޮފީ ޑައިޓް: އެނގުން މުހިއްމު ކަންކަން

ކޮންމެ ކަމެއްގައި ރަނގަޅު ގޮތާއި ގޯސްގޮތް އޮންނަ ގޮތަށް މިފަދަ ޑައިޓްތަކުން ވެސް އަހަރެމެންނަށް ނޭނގި ނަމަވެސް ނޭދެވޭ އަސަރުކުރުވާ ފަހަރުތައް އާދެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/09/2020

Diet Dietitian Asiya Abdul Raheem
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލޭންސްލޭ ކޮފީ ޑައިޓަކީ މިހާރު ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ޑައިޓެކެވެ. ބަނޑު ހިންދުމަށް ހާއްސަ "ސްލިމިން ކޮފީ"ގެ ނަމުގައި ވިއްކާ ލޭންސްލޭ ބްރޭންޑްގެ ކޮފީ ބޮއެގެން ކުރާ މި ޑައިޓް މިހާރު ގިނަ ދިވެހިންނެއް ދަނީ ތަޖުރިބާ ކުރަމުންނެވެ.

ލޭންސްލޭ ކޮފީ ޑައިޓް ކުރުމަށް މީހުން ގެންގުޅޭ އުކުޅަކީ ކޮންމެ ދުވަހަކު ވަކި ބާވަތްތަކެއްގެ ކެއުންތަކަކުން ދުރުވުމަށްފަހު ދުވާލެއްގެ މައްޗަށް ތިން ހަތަރު ތަށި ލޭންސްލޭ ކޮފީ ބުއިމެވެ. އަދި މި ނޫން ގޮތްގޮތަށް ވެސް މި ޑައިޓްކުރާ މީހުން އުޅެއެވެ.

އެހެންނަމަވެސް ކޮންމެ ކަމެއްގައި ރަނގަޅު ގޮތާއި ގޯސްގޮތް އޮންނަ ގޮތަށް މިފަދަ ޑައިޓްތަކުން ވެސް އަހަރެމެންނަށް ނޭނގި ނަމަވެސް ނޭދެވޭ އަސަރުކުރުވާ ފަހަރުތައް އާދެއެވެ. އެހެންކަމުން ޑައިޓެއް ކުރަން ފެށުމުގެ ކުރިން ޑައިޓީޝަނެއްގެ ހިޔާލު ހޯދުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަނީ ވެސް މިހެންވެ އެވެ.

މި ލިޔުމުގައި މި ގެނެސްދެނީ ލޭންސްލޭ ކޮފީ ޑައިޓާއި ގުޅޭގޮތުން ޑައިޓީޝަން އާސިއާ އަބްދުލް ރަހީމްގެ ބެލުމުގެ ދަށުން ގެނެސްދީފައިވާ ބައެއް މައުލޫމާތެވެ. މި މައުލޫމާތުތައް ނަކަލުކޮށްފައި ވަނީ އޮކްސްފޯޑު ބްރޫކްސް ޔުނިވަރސިޓީގައި ކުޅިވަރާއި ކަސްރަތު ސައިންސާއި ގުޅޭގޮތުން ތައުލީމު ހާސިލްކުރަމުންދާ އައިމިނަތު އީމާންގެ ލިޔުމަކުންނެވެ.

ލޭންސްލޭ ކޮފީގައި ހިމެނޭ ބާވަތްތަކަކީ ކޮބާ؟

ލޭންސްލޭ ކޮފީ އުފައްދާފައިވަނީ ޖުމްލަ 6 ބާވަތެއްގެ ސާމާނު އެއްކޮށްގެންނެވެ. އެއީ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ ޖިންސަންގް އެކްސްޓްރެކްޓް، ފައިބަރ، ވައިޓް ބީންސް ކާރނައިޓް، ކްރޯމިއަމް ޕިކޮލިނޭޓް، ކޮލާޖަން އަދި ވިޓަމިންސް އެވެ.

މި ކޮފީ އުފެއްދުމުގައި ބޭނުންކޮށްފައިވާ 6 ބާވަތުގެ ތެރެއިން ހަތަރު ބާވަތަކީ އެ ބޭނުންކުރުމުގައި ސައިޑް އިފެކްޓްސް ހުންނަ ބާވަތްތަކެކެވެ. މި ހަތަރު ބާވަތަކީ ޖިންސަންގ، ވައިޓް ބީންސް ކާރނައިޓް، ކްރޯމިއަމް ޕިކޮލިނޭޓް އަދި ކޮލާޖަން އެވެ.

ޖިންސަންގް އެކްސްޓްރެކްޓްގެ ސައިޑް އިފެކްޓްސް

ލޭންސްލޭ ކޮފީގައި ހުންނަ މި ބާވަތުގެ ސަބަބުން ގިނަ ސައިޑް އިފެކްޓްސްތަކެއް ހަށިގަނޑުން ފެނެއެވެ. މީގެތެރޭގައި ހިމެނެނީ ބޮލުގައި ރިހުމާއި، ރޭގަނޑަށް ނިދަން އުނދަގޫވުމާއި، ހަޖަމްކުރާ ނިޒާމުގެ މައްސަލަތަކާއި، ލޭގެ ހިނގުމަށް ބަދަލު އައުމާއި، ލޮލުގެ ފެނުން ފުސްވުމާއި ހަންގަނޑަށް ބަދަލު އައުން، ބޭރަށް ހިންގުން އަދި ކުޑަކަމުދާ ނިޒާމުން ލޭ އައުން، ފިޓު ޖެހުން އަދި ބޯ އެނބުރުމެވެ.

ވައިޓް ބީންސް ކާރނައިޓްގެ ސައިޑް އިފެކްޓްސް

ވައިޓް ބީންސް ކާރނައިޓްގެ ސައިޑް އިފެކްޓްސްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ދަށް ބަނޑުގައި ރިއްސުން، ބޭރަށް ހިންގުން، އާންމުކޮށް ފިޓިޖެހޭ މީހުން ފަސޭހައިން ފިޓުޖެހުން، ޔުރެމިކް (ކިޑްނީ ފެއިލްވާ) ބަލިމީހުންގެ މަސްތައް ބަލިކަށިވުން ހިމެނެއެވެ.

ކްރޯމިއަމް ޕިކޮލިނޭޓްގެ ސައިޑް އިފެކްޓްސް

ކްރޯމިއަމް ޕިކޮލިނޭޓްގެ ސަބަބުން ދިމާވާ ބައެއް ސައިޑް އިފެކްޓްސް ތަކަކީ ހަންގަނޑުގެ މައްސަލަތައް ކުރިމަތިވުން، ބޮލުގައި ރިއްސުން، ބޮލަށް އެނބުރުން އެރުން، މޭނުބައި ކުރުން ނުވަތަ ހޮޑުލެވުން، މޫޑް ސްވިންގްސް އަދި  ނާރުތަކަށް ގެއްލުން ލިބުމުގެ ސަބަބުން ވިސްނުމަށާއި އަދި ހަށިގަނޑު ހިފެހެއްޓުމަށް ދަތިވުން ހިމެނެ އެވެ. އަދި ގިނަ އަދަދަކަށް  ކްރޯމިއަމް ޕިކޮލިނޭޓް ބޭނުންކޮށްފިނަމަ ލޭގެ ހިނގުމަށް ބަދަލު އައިސް، ފުރަމޭ ހަލާކުވެ، އަދި ބައެއް ހާލަތްތަކުގައި ކިޑްނީ ފެއިލްވުމަށް ވެސް މެދުވެރިވެއެވެ.

ކޮލާޖަންގެ ސައިޑް އިފެކްޓްސް

ކޮލާޖަންގެ ސައިޑް އިފެކްޓްސް އެއް ގޮތުގައި ފާހަގަވެފައިވަނީ ކިޑްނީގައި ހިލައުފެދުމަށް މެދުވެރިވުމެވެ.

ކޮފީ އަކީ އޭގައި އަބަދުވެސް ކޮންމެވެސް މިންވަރަކަށް ކެފެއިން ހިމެނޭ ބުއިމެކެވެ. އަދި ގިނަ އަދަދަކަށް " ލޭންސްލޭ ކޮފީ" ބުއިމުން ކެފެއިން ބޭނުންކުރެވޭ މިންވަރު އިތުރުވުމުގެ ނަތީޖާ އަކަށް ވަނީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމެވެ.

މިހާތަނަށް ސައިންސްވެރިން ހޯދާފައިވާ ބައެއް ހޯދުންތަކަށް ބަލާއިރު، ކޮފީ ޑައިޓް ފާހަގަވެފައިވަނީ އޭގެ ސަބަބުން ދިގުމުއްދަކަށް މީހާ ޑިޕްރެޝަނަށް ހުށަހެޅޭ ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން ކިޑްނީ އަދި ހިތުގެ މަސްތަކަށް އަސަރު ކުރާކަމަށްވެސް ހޯދިފައިވެއެވެ.

އެހެންކަމުން މިފަދަ ކޮންމެ ޑައިޓެއް ފެށުމުގެ ކުރިން އަދި ކެއުން ބުއިމަށް  ބަދަލެއް ގެނައުމުގެ ކުރިން އެކަމަށް ހާއްސަ ބޭފުޅެއް (ޑައިޓިޝަނެއް)ގެ ގާތުން ލަފާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނޫންނަމަ ނޭނގި ނަމަވެސް ކުރެވޭ މިފަދަ ކަމަކުން އަމިއްލަ ސިއްހަތު ނުރައްކަލުގެ ތެރެއަށް ވައްޓާލެވުމަކީ ވަރަށް ގާތުގައި ވާކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ