އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 06/10/2019

ސްކިޓްޒޮފްރޭނިޔާއާއެކު ދިރިއުޅުން: އަހަރެން ޖިންނި މޮޔައީކީ ނޫން

ސްކިޓްޒޮފްރޭނިޔާއަކީ ދިވެހިރާއްޖޭގައި މަދުން ފެންނަ އަދި އަޑުއިވޭ ބައްޔެކެވެ. މިހެން ކަމުން މިބައްޔަށް ފަރުވާން ދޭންޖެހޭ ގޮތަށް ފަރުވާ ނުދެވެއެވެ. ނަތީޖާއެއްގެ ގޮތުން ބަލިމީހުންނާއި އާއިލާތަކުން ވަރަށް ބޮޑެތި އުނދަގޫތައް ތަޙައްމަލް ކުރެއެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 06/10/2019

Mental Health Schizophrenia
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސްކިޓްޒޮފްރޭނިޔާ އަކީ ރާއްޖޭގައި ވަރަށް މަދުން ފެންނަ އަދި އަޑުއަހާ ބައްޔެކެވެ. މިބަލީގެ ކޭސްތައް ރާއްޖޭގައި އާންމު ގޮތެއްގައި ނުފެނެއެވެ. ސްކިޓްޒޮފްރޭނިޔާގެ އަލާމާތްތަކުގެ ތެރޭގައި ނުހުންނަ އެއްޗިހި ފެނުމާއި، ވާނުވާ އޮޅުމާއި، ކަމަކަށް ކަނުލާ ވިސްނަން އުނދަގޫވުމާއި، ހިނގާ ބިނގާ އުޅުމަށް ނުކުޅެދޭ ހާލަތްތައް އާދެއެވެ. 

ކުރިޔަށް މިއޮތީ ހިތްވަރުގަދަ މީހަކު އޭނާ ތަޙައްމަލް ކުރަމުންދާ މިބައްޔާއި ބެހޭ މައުލޫމާތު ކިޔުންތެރިންނަށް ހިއްސާ ކުރުމުގެ ގޮތުން ނަގާފައިވާ އިންޓަވިއުއެކެވެ. މި ލިޔުމުގައި ދެކެވިފައިވާ ވާހަކަތަކަކީ ނަން ހާމަ ނުކުރުމަށް އެދިފައިވާ މި ފަރާތުގެ ބަސްތަކެވެ.

ތިބޭފުޅާގެ ނަޒަރުގައި ސްކިޓްޒޮފްރޭނިޔާ އަކީ ކޮބާ؟

ތިއީ ޖަވާބުދޭން އުނދަގޫ ސުވާލެއް. އަހަރެން ހަނދާން ހުރިހާ ދުވަހަކު މި "ބަލި" މިދަނީ ތަޖުރިބާ ކުރަމުން. ވީމާ ސްކިޓްޒޮފްރޭނިޔާއާއި "އާދައިގެ" އުޅުން ވަކި ކުރުމަކީ އަހަރެންނަށް އުނދަގޫކަމެއް. 

އެހެންނަމަވެސް އަޅާކިޔާއިރު ތަފާތު ފާހަގަ ކުރެވެނީ އަހަރެންގެ ހިއްސުތައް މަސައްކަތް ކުރާ ގޮތުން. ހާއްސަކޮށް ފެނުން. ހީވާގޮތުގައި އަހަންނަށް ފެންނަ މަންޒަރުތައް އެންމެ މޮޅަށް ސިފަކުރެވޭނީ މަސްތުވާ މީހަކަށް ފެންނަ އާދަޔާ ޚިލާފު މަންޒަރުތަކާ. ބައެއް ފަހަރު ނުހުންނަ މީހުން ނުވަތަ އެއްޗިހި ފެނޭ، އަދި އަނެއްބައި ފަހަރު ބޯތެރޭ އާދަޔާ ޚިލާފު އަޑުއިވޭ. 

އަނެއް ހެން އަހަރެންނަކީ ވަރަށް ފަސޭހައިން ވާނުވާ އޮޅޭ މީހެއް. މިއީ ސީދާ ސްކިޓްޒޮފްރޭނިޔާގެ ސަބަބުން ވާކަމެކޭ ބުނާކަށް ނޭނގެ. މި ދެންނެވި ކަންތައްތައް އާދައިގެ މީހަކަށް ބިރުވެރި ކަމަކަށް ވެދާނެ. ނަމަވެސް އަހަރެންނަށް މިކަންތައް ކޮންމެ ދުވަހަކު ތަޖުރިބާ ކުރެވޭތީ ވަނީ އާދަޔަކަށް ވެފައި.

ދުވަހުގެ މަސައްކަތްތައް ކުރަން އުނދަގޫވޭތަ؟ 

އަސްލު އެހެނެއް ވަކި މިހާރު ނުވޭ. އާދައިގެ މަތިން ކުރަންޖެހޭ ކަންތައްތައް ހަމަ ކުރެވޭ، އެކަމަކު މީހުން ބުނޭ ކުރާއިރު އިހުސާސް ކެނޑިފައޭ ހުންނަނީ. 

މީހުންނާއި ގުޅިގެން އުޅެން އަސްލު ވަރަށް އުނދަގޫ، ސަބަބަކީ އަޅުގަނޑު ވާހަކަ ދައްކާއިރު ބައެއް ފަހަރު މީހުން ބުނޭ ހީވަނީ މަރުވެފަ ހުރި މީހަކާ ވާހަކަ ދެކެވޭހެންނޭ. މިހިސާބަށް އަންނަން ބައިވަރު ކަންތައް ތަޙައްމަލް ކުރިން. ޒަވާޖީ ހަޔާތުގައި ހާއްސަކޮށް. މީހުން ހީކުރާގޮތުގައި އަހަރެންނަށް ހުންނަނީ އެއްޗެއް އަވަލާފަ، އެހެންވެ ދުރު ކޮށްލަނީ. 

ހަގީގަތުގައި އެންމެ އުނދަގޫ ތަޙައްމަލް ކުރަން ޖެހުނީ ކައިރީގައި އުޅުނު މީހުން އަހަރެންނަށް މިހިރީ ސިހުރު ހަދާފައޭ ކިޔާ ބިރު ދެއްކުމުން. ކުޑައިރު ދެން ވިސްނާލާ މިފަދަ މާހައުލެއްގައި ބޮޑު ވީމަ ވާނެވަރު. 

އަނެއްހެން ބަލާއިރު، ކުޑައިރު ބުލީ އެއް ނުކުރޭ. "ޖިންނި މޮޔަ" ކުއްޖާއާ ބެހޭނީ ވެސް ވަކި ކާކު.

ސްކިޓްޒޮފްރޭނިޔާ އަށް ފަރުވާ ހޯދިންތަ؟

ރާއްޖެތެރޭ ރަށެއްގައި އުފަން ވުމުން ފުރަތަމަ އަޅުގަނޑަށް ފަރުވާ ކުރީ ދިވެހި ބޭހުން. އަޅުގަނޑުގެ މާމަ ފަރުވާ ކުރީ. އެކިވައްތަރުގެ ފުޅި ފުޅިން އެކި ބޭސްތައް މާމަ ބޭނުން ކުރި. ނަމަވެސް ހައްލެއް ނުލިބުމުން ދެން ދިޔައީ ރޫހާނީ ކަމެއްތޯ ބެލުމަށް. އެ ފަރުވާ އަޅުގަނޑަށް ސިފަ ކޮށްދެވޭނީ ހަމަ ސިހުރުގެ ގޮތުގައި. 

އެންމެ ފަހުން މަންމަމެންގެ ރަނގަޅުކަމުން މިއީ އަސްލު ނަފްސާނީ ބައްޔެއްކަން ދެނެގަނެވިގެން އަޅުގަނޑު މާލެ ގެނެއީ. 1990ގެ އަހަރުތަކެގެ ތެރޭގައި ފޮނަދޫއިން މާލެ އައިސް އައި.ޖީ.އެމް.އެޗް އަށް ދެއްކުމުން އަސްލު ބަލީގެ ނަން ވެސް އެނގުނީ. އޭރު ބައިވަރު ބޭސްތަކެއް ދިން. 

މިހާރު އަސްލު ރަނގަޅަށް ވިސްނާލީމަ އެނގޭ އަޅުގަނޑަށް އެންމެ ފައިދާ ލިބުނީ މިކަމާ ދޭތެރޭ ފިކުރުކޮށް ހޭލުންތެރިވެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވުނު ހިސާބުންކަން.

މިބަލި ނުޖެހި އުޅެން ފުރުސަތެއް ލިބިއްޖެނަމަ އޭގައި ހިފާނަންތަ؟ 

ބުނާކަށް ނޭނގޭ ވަކި އެހެނެއް. ލޯ އަނދިރި މީހާ ފެނުން އިހުސާސް ނުކުރާތީ ފެނުމަކީ ކޯޗެއްކަން ނޭނގޭ ގޮތަށް، ނޭނގޭ އެއްޗެއް ތަޖުރިބާ ކުރާކަށް ބޭނުމެއް ނޫން. އަޅުގަނޑު ބޭނުމީ މިހުރި ގޮތަށް ކުރިޔަށް ދާން. އެންމެންނެކޭވެސް އެއްފަދައިން އެނގޭ މަގަކުން ދަތުރުކުރަން.

މުސްތަޤްބަލުގައި ހަޔާތް ހޭދަ ކުރަން ބޭނުންވަނީ ކިހިނެއް؟

ބުނަން ކޮންމެވެސް ވަރަކަށް ދަތި. މިހާރު މަސައްކަތް ކުރަމުން މިދަނީ ރަށު ކައުންސިލްގެ ވަޒީފާއެއްގައި. މިއަހަރު ފަހުޅޮކު އިންނަން ވެސް ނިންމައިގެން މިއުޅެނީ. ބޭނުންވަނީ އަޅުގަނޑުގެ މިތަފާތު ދުނިޔޭގައި ލޯބިވާ އަނބަކާއިއެކު އާއިލާއެއް ބިނާކުރަން.

 

ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ