އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަޒްލާ ނަސީރު ޝާއިޢު ކުރީ 24/06/2020

މިދުވަސްވަރު ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަން

މިލިޔުމައި ގެނެސްދީފައިވާނީ ހިނގަމުންދާ ކޯވިޑް-19 ކާރިސާގައި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ކުރެވިދާނެ 17 ކަމެކެވެ. (ފޮޓޯ: އަވަސް)
Nazla Naseer Avatar
ނަޒްލާ ނަސީރު

ޝާއިޢު ކުރީ: 24/06/2020

Mental Health
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުރިމަތިވާ އެކި ކަހަލަ ހާލަތްތަކުގައި އެކި މީހުންގެ އަމަލުތައް ހުންނާނީ އެކި ގޮތަށެވެ. އެގޮތުން މިހާރު ކުރިމަތިވެގެން މިއުޅޭ ކޯވިޑް-19 ޕެންޑަމިކްގައި ސްޓްރެސްވުމާއި، ވާނުވާ ނޭނގުމުގެ ސަބަބުން "ސްޓްރެސް" ވެ ކަންބޮޑުވުމަކީ ވުން ވަރަށް ގާތް ކަންކަމެވެ. ސްޓްރެސް އާއި އެންޒައިޓީއަކީ އަހަރުމެންގެ އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމާހުރެ، އަހަރެމެންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދިމާވާ ބައެއް ކަހަލަ ގޮންޖެހުން ތަކެވެ. އެފަދަ ހާލަތްތަކުގައި ކަންކަމާއި ކުރިމަތިލުމަށް އަހަރެމެންނަށް އުނދަގޫވެއެވެ.

ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. ކުރިމަތިވެފައިވާ މި ކާރިސާގެ ސަބަބުން އާދަވެ ކޮންމެ ދުވަހަކު ކުރަމުން އައި ކަންކަމަށް ބަދަލުއައިސް، އަތްމަތި ދަތިވާކަމުގެ އިހްސާސް ކުރެވި، މުޖުތަމައުން އެކަހެރިވެފައި ތިބެން ޖެހުމުން "ޑިޕްރެޝަން" އަށް ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ ބަލިވާކަމުގެ އިހްސާސް ކުރެވި، މި ޕެންޑަމިކް ނިމޭނެ ދުވަހަކާ މެދުވެސް ވިސްނޭގޮތްވެއެވެ. އަދި އަޑުއިވޭ ގިނަގުނަ ޚަބަރުތަކުން، ދެން ހަދާނެގޮތް ނޭނގޭ ހިސާބަށްވެސް ވިސްނުން ހިނގައިދެއެވެ.

ކުރިން ބުނެވިދިޔަ ފަދައިން ކޯވިޑް-19 އާއި ގުޅިގެން އޮތް އެންމެ ބޮޑު އެއް ބިރަކީ އެކަމާއި މެދު ކަންބޮޑުވެ "ސްޓްރެސް" ވުމުން އިންސާނާ ނަފްސާނީ ގޮތުން ބަލިކޮށްލާ ބަލިކޮށްލުމެވެ. އިންސާނާގެ ފިކުރުތަކާއި އިހްސާސްތަކަކީ ކޮންމެ ދުވަހަކުހެންވެސް ބަދަލުވެގެންދާ ކަންކަމެވެ. އެކަންކަމާ އިދިކޮޅަށް އަހަރެމެން މަސައްކަތް ކުރަން އުޅުނު ނަމަވެސް، އެކަނިވެރިކަމާއި، ހިތާމައާއި ރުޅިއައުމާ ހިތްހަމަނުޖެހުމުގެ އިތުރުން ހާސްވުމާއި ބިރުވެރިކަން އަހަރެމެންގެ ސިކުނޑިއަށް ބާރު ފޯރުވައެވެ. މިކަންކަން މިހެން މެދުވެރިވުމުން ދިރިއުޅުމުގެ އެހެން ކަންކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، ކެއިން ބުއިމުގެ އާދައަށް ބަދަލުއައިސް ހަމަނިދި ލިބި އަރާމު ކުރަން އުނދަގޫވެއެވެ. މިކަންކަމަކީ އަހަރެމެންގެ ނަފްސާނީ ދުޅެހެޔޮކަމަށް ކުރިމަތިވާނޭ ބޮޑެތި ގޮންޖެހުންތަކެކެވެ. އަހަރެމެން މިކަމުގައި މިތިބީ އެކަނި ނޫންކަން ހަނދާން ކުރާށެވެ.

މިފަދަ ދަނޑިވަޅެއްގައި އެހީއަކަށް ވެދާނޭ ބައެއް ކަންކަން ތިރީގައި ނުކުތާ ކޮށްލާނަމެވެ.

1. އެކަށީގެންވާ މިންވަރަށް ނިދި ލިބުން: ކޮންމެ ދުވަހަކުވެސް އެއް ވަގުތެއްގައި ނިދުމަށް އަދި ހޭލުމަށް އާދަކުރާށެވެ. ހާއްސަކޮށް ގޭގައި ތިބި ނަމަވެސް އެއް ތާވަލެއްގައި ހިފެހެއްޓުމަކީ މުހިއްމު ކަމެކެވެ. 

2. ކޮންމެ ދުވަހެއްގައިވެސް ކުރާ މަސައްކަތުގެ ތެރެއިންވެސް އެކަށީގެންވާ ވަރަށް އަރާމުކުރުމަށް ވަގުތު ހޯދާށެވެ.

3. އެ އިރަކަށް ވާވަރަށް ކެއުމަށާއި ފައިދާ ހުރި ކާނާ، ހާއްސަކޮށް ދުޅަހެޔޮ ކާނާ ކެއުމަށް އާދަކުރާށެވެ. އެގޮތުން ގޭގައި ހުރި ނަމަވެސް ކެއުމުގެ ކަންތައް ބެލެންސް ޑައިޓެއްގެ ތެރޭގައި ހިފެހެއްޓޭތޯ މަސައްކަތް ކުރާށެވެ. ލުއި ކާނާ އާއި ގިނައިން ހަކުރު އެކުލެވޭ ތަކެއްޗަކީ މީހާގެ މިޒާޖު އަވަސްކުރުވާ އަދި ސްޓްރެސް އާއި އެންޒައިޓީއަށް މެދުވެރިވާ ކާބޯތަކެއްޗެވެ. މިފަދަ ތަކެއްޗާއި ވީހާވެސް ބޮޑަށް ދުރުވުން މުހިއްމެވެ.

4. ހަށިގަނޑުގައި ހުރި ވިހަ މާއްދާތައް ބޭރުކުރުމަށާއި އަބަދުވެސް ހައިޑްރޭޓްކޮށް ހުރުމަށް ގިނަގިނައިން ފެން ބޯށެވެ.

5. އަބަދުވެސް އެއް ތާވަލެއް ގެންގުޅުމަށް މަސައްކަތްކުރާށެވެ. އެއް ތާވަލެއްގައި ހިފެހެއްޓުމަކީ ނަފްސާނީގޮތުން ވެސް ދުޅަހެޔޮ ކޮށްދޭނޭ ކަމެކެވެ. އޭގެތެރޭގައި ގަޑިން ގަޑިއަށް ނިދާ އަދި ހޭލުމާއި، ކެއުމުން ބުއިން އެއް ގަޑިއަކަށް ތާވަލްކުރުމުގެ އިތުރުން ފެންވަރާ ގަޑިތަކުން ފެށިގެން ވަޒީފާ އަދާކުރާ ވަގުތާއި ކިޔަވާ އަދި ކަސްރަތުކުރާ ގަޑިތަކަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުން ހިމެނެއެވެ.

6. ކޮންމެ ދުވަހަކުވެސް 20-30 ވަރަކަށް މިނިޓު ވަންދެން ހަރަކާތްތެރިވެ އުޅޭށެވެ. އެގޮތުން އާދަކޮށް ކޮންމެ ދުވަހަކު ކުރާ ފިޒިކަލް އެކްޓިވިޓީސް ނޫންނަމަ ކަސްރަތަކީވެސް އެދެވޭ ކަންކަމެވެ.

7. ދުންފަތާއި މަސްތުވާތަކެތިން ދުރުވުން: ދުންފަތުގެ އިސްތިއުމާލުކުރާ ނުވަތަ ވޭޕް ކުރާ މީހުންނަށް އަބަދުވެސް ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ބޮޑު ޗާންސެއް އޮވެއެވެ. ސަބަބަކީ ކޯވިޑް-19ގެ ސަބަބުން އިންސާނާގެ ފުއްޕާމެއަށް ގެއްލުންވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވުމެވެ

8. އިޖްތިމާއީ ގައިދުރުކަމުގެ ސަބަބުން ބައެއް ފަހަރު އެކަނިވެރިކަންވެސް އިހްސާސް ވެދާނެއެވެ. އެހެންނަމަވެސް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އަބަދުވެސް އާއިލާ އާއި ރަހްމަތްތެރިންގެ ދޭތެރޭ އޮތް ގުޅުން ދެމެހެއްޓުމަށް މަސައްކަތް ކުރާށެވެ. މިކަމަށް ހާއްސަ އެޕްސް ތަކާއި ޓެކްނޮލޮޖީ ވަސީލަތްތައް އަގުހެޔޮކޮށް ނުވަތަ ހިލޭ މިހާރު ލިބެން ހުންނާނެއެވެ.

9. ސްކްރީން ވަގުތު މަދުކުރުން: ކޮންމެ ދުވަހަކުވެސް ވަކި ވަގުތުކޮޅަށް އަތުގައި ގެންގުޅޭ އިލެކްޓްރޯނިކް ވަސީލަތްތަކާއި ދުރުވެލާށެވެ. ހާއްސަކޮށް ނިދާ ވަގުތުގަ އެވެ. އަދި ޓީވީ އާއި އަތުގައި ގެންގުޅޭ މޯބައލް ފޯނުގެ އިތުރުން ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތަކާއެކު ހޭދަކުރާ ވަގުތު މަދުކުރެވޭތޯ މަސައްކަތް ކުރާށެވެ.

10. އަރާމުކޮށް، ނަފްސު ތާޒާކޮށްލުން: ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސަށް ވަގުތުދީ އެކަނި ވަގުތުކޮޅެއް ހޭދަކުރުމަކީ އިންތިހާއަށް މުހިއްމު ކަމެކެވެ. މަދު މިނެޓް ކޮޅަކަށް ނަމަވެސް ހަމަހިމޭންކަމާއެކު ވަގުތުކޮޅެއް ހޭދަކުރުމަކީ ނަފްސު ތާޒާކޮށްދީ، ސިކުނޑި ހަމަޖައްސާލަދީ އަދި އެންޒައިޓީ ކުޑަކޮށްދިނުމަށް އެހީތެރިވެދޭނޭ ކަމެކެވެ. މިކަމަށްޓަކައި ބައެއް މީހުން ޔޯގާ، ފުންކޮށް ނޭވާލުން، މެޑިޓޭޝަން، ލަވައެއް އަޑުއަހާލުން، ފޮތްކިޔުން ފަދަ ކަންކަމުން އެހީތެރިކަން ހޯދައެވެ.

11. ހަބަރު ހޯދާ މިންވަރު ލިމިޓް ކުރުން: ކޯވިޑް-19 އާއި ގުޅިގެން ބައެއް މީޑިޔާތަކުން ފޮނުވާ ހަބަރުތަކުގެ ސަބަބުން މީހާ މާބޮޑަށް ސްޓްރެސްވާ ފަހަރުވެސް އާދެއެވެ. އެހެންކަމުން ސޯޝަލް މީޑިޔާ ބޭނުންކުރާވަރު މަދުކޮށްގެން، މިފަދަ ދޮގު މައުލޫމާތާއި ދޮގު ހަބަރު ފެނުން މަދުކޮށްލެވިދާނެ އެވެ. އަދި ފެންނަ ކޮންމެ ހަބަރެއް ބެލުން/ކިޔުމުގެ ބަދަލުގައި އިތުބާރުހިފޭ މީޑިޔާތަކުން ފަތުރާ ހަބަރުތައް އަޑުއެހުމަށް އާދަކުރާށެވެ. 

12. ކޮންމެވެސް ކަމެއްގައި ޝާމިލްވެގެން އުޅުން: އަބަދުވެސް ކޮންމެވެސް ކަމެއްގައި ޝާމިލްވެގެން އުޅުމަކީ ނެގެޓިވް ވިސްނުންތަކައި، އެންޒައިޓީ އަދި ޑިޕްރެޝަނާއި ދުރުކޮށްދޭނޭ ކަމެކެވެ. އެގޮތުން ގޭތެރޭގައި ހޮބީއަކަށް ކުރާ ކަންތައްތައް ގިނަފަހަރަށް ވަރަށް ބޮޑު އެހީއަކަށް ވެއެވެ. މިސާލެއްގެ ގޮތުން ގިނަ މީހުންނަކީ އަމިއްލަ އަލަމާރި ނުވަތަ އުޅޭ ކޮޓަރި ފަދަ ތަންތަން ސާފުކުރަން ބޭނުންވެފައި ވަގުތުނުވާ މީހުންނެވެ. އެހެންކަމަށް ވާނަމަ މިއީ އެވަގުތެވެ.

13. އަޅުކަންތަކުން ވާގިހޯދުން: ޤަވާއިދުން ނަމާދުކުރުމަށް އާދަކުރާށެވެ. އަދި ކޮންމެ ދުވަހަކުވެސް ޤުރުއާނުން މިންވަރެއް ކިޔެވުމަށް ނުވަތަ އަޑުއެހުމަށް މަސައްކަތްކުރާށެވެ. އެއީ މި ދުވަސްވަރު ހިތްހަމަޖެހުން ގެނެސްދޭނޭ އެންމެ މުހިއްމު އެއް ގޮތެވެ. ގެއްލިފައިވާ ނުވަތަ ސުންނަތް ރޯދަތައް ހިފުމަށްވެސް މިއީ ރަނގަޅު ދުވަސްކޮޅެކެވެ.

14. ގުޅުން ބަދަހިކުރުން: ކޮންމެ ދުވަހަކުވެސް ރައްޓެހިންނާއި އަދި އާއިލާ މީހުންނާއި ޓެކްނޮލޮޖީ ވަސީލަތްތައް ބޭނުންކޮށްގެން ގުޅުންބަދަހި ކުރުމަށް ވަގުތުކޮޅެއް ހޭދަކުރާށެވެ. އެއީ އީމެއިލުން، މެސެޖުން، ގުޅައިގެން ނުވަތަ ވީޑިއޯ ކޯލެއް މެދުވެރިކޮށް ވިނަމަވެސް ރަނގަޅުވާނެ އެވެ. ހާއްސަކޮށް މި ދުވަސްކޮޅު ގޭގައި މަސައްކަތްކުރާ ނަމަ މިފަދަގޮތަކަށް މަސައްކަތުގައި އުޅޭ އެކުވެރިންނާއި ގުޅުން ދެމެހެއްޓޭތޯ މަސައްކަތްކުރާށެވެ.

15. އެހެންމީހުންނަށްޓަކައި ކަމެއް ކޮށްދިނުން: އަބަދުވެސް ތިމާއަށްވުރެ ބޮޑު މީހަކަށް ނުވަތަ ކުޑަ ކުއްޖަކަށްވެސް އެހީއެއް ވެދެވޭތޯ ބަލާށެވެ. މާބޮޑުކަމެއް ކޮށްނުދެވޭނަމަ އެމީހުން ދައްކާ ވާހަކަތައް އަޑު އަހާލުމަކީވެސް އެމީހުން އުފާކޮށްދީ ވެވޭނެ އެހީއެކެވެ.

16. މީހެއްގެ އެހީތެރިކަން ބޭނުންވާހެން ހީވާ ދުވަސްކޮޅެއްނަމަ ސޯޝަލް މީޑިޔާ މެދުވެރިކޮށް އާއިލާއާއި ރައްޓެހިންނާއި ވާހަކަ ހިއްސާކުރާށެވެ

17. އަބަދުވެސް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތައް އަޑުއަހާށެވެ. އެޗްޕީއޭ އިންނާއި، ޑަބްލިޔުއެޗްއޯ އިންދޭ އިރުޝާދުތަކަށް އަމަލުކުރާށެވެ. 

އަމިއްލަ ނަފްސަށް އަޅާލުމަށް ދަސްކުރުމަކީ މިފަދަ ހާލަތްތަކުގައި ކުރިމަތިވާ އެކިކަހަލަ ހުރަސްތަކާއި ކުރިމަތިލުމަށް ހިތްވަރު ލިބޭނޭ ކަމެކެވެ. އަދި އިންޝާﷲ މި ޕެންޑަމިކް ނިމުމަށްފަހުވެސް މިކަމުން ފަސޭހައިން އަރައިގަތުމަށް މިކަމުގެ ސަބަބުން ހިތްވަރު ލިބިގެންދާނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ