މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން އިންފުލުއެންޒާފަދަ ރޯގާތައް ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެސިސްޓަންސް ގްރޫޕުގެ މެމްބަރު ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އޭޕްރީލް/މެއި ހިސާބަކީ އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ މީގެކުރިންވެސް އާންމުގޮތެއް ފެތުރޭކަމަށް ފާހަގަކުރެވިފައިވާ ދުވަސްވަރެކެވެ.
މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވީ، މިއީ ވިއްސާރަ ދުވަސްވަރެއް ކަމުން ކޮވިޑްގެ އިތުރަށް ބައެއް ރެސްޕިރޭޓަރީ ރޯގާތައްވެސް ފެތުރޭ ކަމަށެވެ. އެހެންކަމުން ކޮވިޑްގެ އިތުރަށް އަރިދަފުސް ރޯގާއާއި އިންފްލުއެންޒާވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޑރ. މޫސާގެ އިތުރުން ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިއްސާރަ ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ސަރަހައްދުތަކަށް ތަންތަން ޑިސްއިންފެކްޓު ކުރުމަށް ބޭނުންކުރާ ކްލޮރިން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އަދި އެސްޓޭޖަކަށް ގޮސްފައި ނުވާތީ މިހާރުން މިހާރަށް ކްލޮރިން ކުރުމުގެ މަސައްކަތެއް ފެށިފައި ނުވާކަމަށާއި، ބޭނުންވާ ވަރަށް ކްލޮރިންގެ ސްޓޮކް ހުންނާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކޯވީޑް-19 އަކީވެސް ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުން ރޯގާ ޖެހިގެން މޭގައި އަރިދަފުސް ހިފުން، ނޭވާލާން އުނދަގޫވުން، ނޭވާ ކުރުވުން އަދި ކެއްސުން ފަދަ ކަންކަން ދިމާވުމަކީ ކޮވިޑްގެ-19ގެ އަލާމާތްތައްކަން ޑރ. މޫސާ ފާހަގަކުރެއްވިއެވެ. އެފަދަ އަލާމާތްތައް ފެންނަ ނަމަ އެޗްޕީއޭގެ ހެލްޕްލައިންއަށް ގުޅައިގެން ރިޕޯޓު ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)