އަތޮޅުތެރޭގައިވެސް ކައިވެނިކުރުމުގެ ކުރިން ތެލެސީމިޔާ ޓެސްޓުކުރުމަށް ލާޒިމްކުރަނީ
ތެލެސީމިޔާ ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ބްލަޑް ސާވިސްގެ އިސްނެގުމުގެ މަތިން އަތޮޅުތެރޭގައިވެސް ކައިވެނިކުރުމުގެ ކުރިން ދެމީހުންވެސް ތެލެސީމިޔާ ކެރިއަރ ޓެސްޓްކުރުމަށް ލާޒިމްކުރުމުގެ މަސައްކަތްތައް ފަށައިފި އެވެ.
2017 ވަނަ އަހަރުންފެށިގެން އެމްބީއެސް އާއި ފެމިލީ ކޯޓު ގުޅިގެންވަނީ މާލޭ ސަރަހައްދުގައި ކައިވެނި ކުރާނަމަ ދެ މީހުންވެސް ތެލެސީމިޔާ ކެރިއަރ ޓެސްޓުކުރުމަށް ލާޒިމްކޮށްފަ އެވެ. އަދި ކައިވެނިކުރާ ދެމީހުންނަކީވެސް ކެރިއަރުން ކަމުގައި ވެއްޖެނަމަ، ކައުންސިލިން ވެސް ދެމުން އަންނަކަމަށް އެމްބީއެސްގެ ކްލިނިކަލް ނަރުހެއް ކަމަށްވާ ގުލިސްތާން އީސާ ވަނީ ވިދާޅުވެފަ އެވެ.
ގުލިސްތާން ވިދާޅުވިގޮތުގައި އަތޮޅުތެރޭގައި މި ޤަވާއިދަށް އަމަލުކުރަން ފެށުމުގެގޮތުން މިހާރު ކުރަމުން އަންނަނީ ޖެނެޓިކް ކައުންސިލަރުން ތަމްރީން މަސައްކަތެވެ. އެގޮތުން ހއ. އަތޮޅުން މި ޕްރޮގްރާމް ފައްޓާފައިވާއިރު، މުޅި ރާއްޖެއިން ކަވަރއިރު ކޮންމެ ރަށެއްގައިވެސް ދެ ޖެނެޓިކް ކައުންސިލަރުން ތިބޭނޭކަމަށް ގުލިސްތާން ވަނީ ވިދާޅުވެފަ އެވެ.
In an effort to reduce the number of affected births, we are also making it compulsory for at risk couples nationwide to undergo genetic counseling prior to their marriage. The first training for genetic counselors, is now underway in H.A. atoll. pic.twitter.com/a22BtOZEki
— Maldivian Blood Services (@MBS_mv) February 20, 2020
އެމްބީއެސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އަހަރެއްގެ މައްޗަށް އަލަށް އެ ސެންޓަރުގައި 15 ކުދިން ރަޖިސްޓްރީވެއެވެ. އަދި މިއީ ވަރަށް މަތީ އަދަދެއްކަން ފާހަގަކުރައްވައި ގުލިސްތާން ވަނީ ތެލެސީމިޔާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ވާގޮތުގެ ދަށުން ކޮންމެ ކުއްޖަކުވެސް 18 އަހަރުފުރުމުން ތެލެސީމިޔާއަށް ޓެސްޓްކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްބީއެސްއިން މި ފެށި ޖެނެޓިކް ކައުންސިލަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ނިމޭނެކަމަށް ބެލެވެނީ މެއި މަހުގެ ނިޔަލަށެވެ. އަދި މެއި 1 ވަނަ ދުވަހުން ފެށިގެން އަތޮޅުތެރޭގައިވެސް ކައިވެނިކުރުމުގެ ކުރިން ތެލެސީމިޔާއަށް ޓެސްޓްކުރުމުގެ އުސޫލަށް އަމަލުކުރަން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް ގުލިސްތާން ވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)