މަރްޔަމް ޢަދީލާ
ޝާއިޢު ކުރީ: 04/12/2019
Thalassemia Maldivian Blood Services Maldivian Thalassemia Societyމޯލްޑިވިއަން ތެލެސީމިޔާ ސޮސައިޓީގެ ފަރާތުން ތެލެސީމިޔާ ކުދިންނަށް ބޭނުންވާ 120 ތެލެސެޓް މޯލްޑިވިއަން ބްލަޑް ސާރވިސް (އެމްބީއެސް)އަށް ހަދިޔާ ކޮށްފި އެވެ.
ޑޮކްޓަރ.އެމްވީ އަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ތެލެސީމިޔާ ސޮސައިޓީގެ ވައިސް ޗެއާޕާރސަން ޖީހާން ސަލީމް ވިދާޅުވީ، އެ ސޮސައިޓީގެ ފަރާތުން ހަދިޔާ ކުރި މި ތެލެސެޓް ތަކަކީ އެކި ފަންޑް ރެއިޒިން އިވެންޓްތަކުގައި ހެޔޮއެދޭ ފަރާތްތަކުގެ ފަރާތުން ލިބިފައި ހުރި އެހީއިން ހޯދާފައިވާ ތެލެސެޓް ތަކެއް ކަމަށެވެ. އަދި މި 120 ތެލެސެޓްގައި ޖުމްލަ 1200 ނީޑްލް ހުންނާނޭކަމަށް ވެސް ޖީހާން ވަނީ ވިދާޅުވެފަ އެވެ.
ޖީހާން ވިދާޅުވިގޮތުގައި ތެލެސެޓް ނީޑްލްސް އަކީ ހަށިގަނޑުން ދަނގަޑުގެ ބައި ބޭރުކުރުމަށް ތެލެސީމިޔާ ކުދިން ޖަހާ އިންޖެކްޝަނެއް ކަމަށްވާ "ޑެސްފަރޯލް" އަށް ބޭނުން ކުރާ ނީޑްލް އެކެވެ. އަދި ޑެސްފަރޯލް އަކީ ތެލެސީމިޔާ ކުދިންނަށް ކޮންމެ ރެއަކު ޖަހަންޖެހޭ އިންޖެކްޝަނެއް ކަމުން، މި އިންޖެކްޝަނުގައި ބަޓަރފްލައި ނީޑްލްސް ބޭނުން ކުރުމުން އެ ކުދިންނަށް އޭގެން ބޮޑު ތަކްލީފްތަކަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. ތެލެސެޓް އަކީ ތަންކޮޅެއް އަގުބޮޑު ނީޑްލްއެއް ނަމަވެސް ތަލަސެޓް ބޭނުންކުރުމުން އާއްމުކޮށް ޑެސްފަރޯލް ޖަހާއިރު ކުރިމަތިވާ ތަދާއި އަދި ދުޅަވުމުގެ އުނދަގޫ ކުޑަކަންވެސް ޖީހާން ވަނީ ފާހަގަކުރައްވާފަ އެވެ.
ތެލެސީމިޔާ ސޮސައިޓީން އެމްބީއެސް އަށް މި ތެލެސެޓްތައް ހަދިޔާކޮށްފައިވާއިރު، ޖީހާން ވިދާޅުވީ މި ތެލެސެޓްތައް ތެލެސިމިޔާ ކުދިންގެ މެދުގައި ބެހުމަށް އެންމެ އެކަށީގެންވާ ތަނަކީ އެމްބީއެސް ކަމަށެވެ. ސަބަބަކީ އެތަނަށް އަބަދުވެސް ތެލެސީމިޔާ ކުދިން ޒިޔާރަތްކުރާތީވެ، އެމްބީއެސް އާއި މެދުވެރިކޮށް ތެލެސެޓް ބެހުމަށް ފަސޭހަވާތީކަމަށް ޖީހާން ވަނީ ވިދާޅުވެފަ އެވެ.
ޖީހާން އިތުރަށް ވިދާޅުވީ ތެލެސެޓް ބެހުމަށް ހަމަޖެހިފައިވަނީ ތެލެސީމިޔާ ޕޭޝަންޓުންގެ މެދުގައި ހަމަހަމަކޮށް ކަމަށެވެ. އެގޮތުން ތެލެސެޓް ބޭނުންވާ މީހުން ނަންނޯޓް ކުރުމަށް ހުޅުވާލި މުއްދަތުގައި ނަންނޯޓުކުރި މީހުންގެ ތަރުތީބުން ތެލެސެޓް ބެހުމަށް ނިންމާފައިވާ ކަމަށާއި، އެމީހުންގެ ނަން އެމްބީއެސްގެ ނޯޓިސް ބޯޑުގައި މިހާރު ފެންނަން ހުންނާނޭ ކަމަށްވެސް ޖީހާން ވަނީ ވިދާޅުވެފަ އެވެ.
ތެލެސީމިޔާ ކުދިންނާއި މެދު ގެންގުޅޭ ތަފާތުކުރުން ކުޑަކޮށް، އާދައިގެ މީހުންނެކޭ އެއްގޮތަށް ތެލެސީމިޔާ ކުދިންވެސް ބަލައިގަތުމަށް މުޖުތަމައުގެ ކިބައިން ޖީހާން ވަނީ އެދިފައެވެ. އަދި މިފަދަ ކުދިންނާއި މެދު ތަފާތުކުރުން ގެންގުޅޭތަން ފެންނަކަން ފާހަގަކޮސް ޖީހާން ވިދާޅުވީ، ވަޒީފާގެ މާހައުލާއި އަދި އާއިލާ ބިޏާކުރުމުގައިވެސް މިފަދަ ފަރާތްތަކަށް ފުރުސަތު ދޭން ޖެހޭކަމަށެވެ.
އަދި ހަމައެހެންމެ ރާއްޖޭގައި ތެލެސީމިޔާ ކޮންޓްރޯލްކުރުމަށްޓަކައި، ވީހާވެސް ކުރީކޮޅު ކޮންމެ މީހެއްގެވެސް ތެލެސީމިޔާ ސްޓޭޓަސް އެމީހަކަށް އެނގިފައި އޮތުން މުހިއްމުކަމަށްވެސް ޖީހާން ވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)