ކޮންމެ ފަހަރަކުވެސް ނުރައްކާތެރި ވައިރަސް އެއް ފެތުރޭނަމަ، އަދި އެ ނޫނަސް ކެއްސުމާއި ކިނބިހީގެ ޒަރިއްޔާއިން ރޯގާއެއް ފެތުރޭނަމަ އެންމެ ފުރަތަމަ ކަމަކަށްވެސް ގިނަގިނައިން އަތްދޮވުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.
ޗައިނާއިން އުފަންވެފައިވާ ނުރައްކާތެރި ކޮރޮނާވައިރަސް ފެތުރެން ފެށުމާއެކުވެސް ސިއްހީ އޮފިޝަލުން ވަނީ ގިނަގިނައިން އަތްދޮވުމަށް އިރުޝާދު ދީފައެވެ. އަދި ގިނަގިނައިން އަތްދޮވުމުގެ ސަބަބުން މި އިންފެކްޝަން ފެތުރޭ ރޭޓް ދަށްވެފައިވާ ކަމަށްވެސް ސިއްހީ އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިންގައިވެސް ކޮރޮނާވައިރަސް އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ އިސްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ގިނަގިނައިން އަތް ދޮވުމެވެ.
އެހެންނަމަވެސް އަދިވެސް ގިނަ ބަޔަކު ދަނީ މިފަދަ ކުޑަކުޑަ ކަމަކުން މިހާބޮޑު ބަލިމަޑުކަމަކަށް ބަދަލެއް އައިސްފާނެ ކަމާއިމެދު ޝައްކުކުރަމުން ނެވެ.
ދިރާސާ - އަތްދޮވުމުން ވައިރަސްގެ ނުރައްކާ ކުޑަވޭ
މަސަކުޝެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ކޭމްބްރިޖްގެ ރިސާޗަރުންތަކެއް ހެދި މި ދިރާސާގެ އަމާޒަކީ މިފަދަ ނުރައްކާތެރި ވައިސްއެއް ކޮންޓްރޯލް ކުރުމަށްޓަކައި ގިނަގިނައިން އަތްދޮވުމުގެ މުހިއްމުކަން ބުނެދިނުމެވެ.
ރިސްކް އެނަލައިސިސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން 30 އިންސައްތަ މީހުންނަކީ ފާހަނާ ބޭނުންކުރުމަށްފަހު އަތްނުދޮންނަ މީހުންނެވެ. އަދި ޕްރޮފެސަރ ނިކޮލެއިޑްސް ބުނެފައިވާ ގޮތުން އަނެއް 70 އިންސައްތަ މީހުންނަކީ ފާހަނާ ބޭނުންކޮށްފައި އަތް ދޮންނަ މީހުން ކަމަށާއި ނަމަވެސް މީގެން 50 އިންސައްތަ މީހުންނަށް ރަނގަޅަށް އަތް ދޮންނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާގޮތުގައި އަތްދޮވުމަށް އެންމެ އެދެވޭ ގޮތަކީ ހަމައެކަނި ފެނުން އަތްނުދޮވެ، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމެވެ. އެގޮތުން ސައިބޯނިލައިގެން އަތްތިލައިގެ މެދާއި އަތްތިލައިގެ ފަހަތް އަދި އިނގިލިތައް ދޭތެރެއާއި ނިޔަފަތިތައް ދޭތެރެ ސާފުކުރުމަށް ސީޑީސީ އިން އިރުޝާދު ދެއެވެ.
އަދި މަދުވެގެން 20 ސިކުންތު ރަނގަޅަށް އަތްދޮވުމާއި ސާފު ތުވާއްޔަކުން އަތް ފުހުމަކީވެސް އަތްދޮވުމުގެ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ.
ދިރާސާއަށް ފަހު މައުލޫމާތު ދެމުން ޕްރޮފެސަރ ނިކޮލެއިޑްސް ބުނެފައިވާގޮތުން މި ދިރާސާގައި ހިމެނޭ 70 އިންސައްތައިގެ ތެރެއިން ގިނަ މީހުންނަކީ އަވަސް އަރުވާލައިގެން އަތް ދޮންނަ މީހުންނެވެ.
މީގެއިތުރުން ރިސާޗަރުން ވަނީ މި ދިރާސާގައި ފްލައިޓްތަކާއި އެއާޕޯޓުތަކުގެ އިތުރުން ގިނަ ބަޔަކު ދަތުރުފަތުރުކޮށް އުޅޭ ހިސާބުތަކާއި ދަތުރުގެ ދިގުމިން ފަދަ މައުލުމާތުތައް ހޯދާފަ އެވެ. އަދި އެއާޕޯޓުފަދަ ތަންތަނުގައި އުޅޭއިރު ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބަލިތައް ފެތުރޭކަމަށް ރިސާޗަރުން ވަނީ އެއްބަސްވެފަ އެވެ.
ޕްރޮފެސަރ ނިކޮލެއިޑަސް އާއި އޭނާގެ ޓީމުގެ ބައިވެރިން ބުނެފައިވާގޮތުގައި މިފަދަ ވައިރަސްތައް ފެތުރޭ މިންވަރު ކުޑަކުރުމަށް ގިނަ ބަޔަކު އަމިއްލަ ސާފުތާހިރުކަމަށް ހޭލުންތެރިކުރުވުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ހާއްސަކޮށް ގިނަގިނައިން އަތްދޮވުން ފަދަ ކަންކަމަށް ހޭލުންތެރިކުރުވުމަށް ކެމްޕެއިން ކުރިއަށް ގެންދިއުން އެދެވިގެންވާކަމަށް ރިސާޗަރުން ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)