ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ދެމީހުން ފެނުމާއެކު އެންމެންވެސް އަވަސްވެގަތީ އަތްސާފުކުރުމަށް ގެންގުޅޭ ހޭންޑް ސެނިޓައިޒާރ ފުޅިތައް ގަތުމަށެވެ. އަދި ހޭންޑް ސެނިޓައިޒާރ އަށް އޮތް ޑިމާންޑް ބޮޑުކަމުން ރާއްޖޭގެ ބޭސްވިއްކާ މައި ހަބު ކަމަށްވާ އެސްޓީއޯއިން ވަނީ ހޭންޑް ސެނިޓައިޒާރ މި ވަގުތައް ވިއްކުން ކޮންޓްރޯލްވެސް ކޮށްފަ އެވެ.
ފިހާރަތަކުން ހޭންޑް ސެނިޓައިޒާރ ގަންނަން ނުލިބޭކަމުގެ ޝަކުވާ އިތުރުވެފައިވާއިރު، ހިތުގައި އުފެދެނީ ހަމަ އެންމެ ސުވާލެކެވެ. ސައިބޯނިލައިގެން އަތްދޮވުމަށްވުރެ ހޭންޑް ސެނިޓައިޒާރ ބޭނުންކުރީމަ ލިބޭ ފައިދާ އިތުރުވަނީ ހެއްޔެވެ؟
ހޭންޑް ސެނެޓައިޒާ އީޖާދުކޮށްފައިވަނީ 1969 ވަނަ އަހަރުގަ އެވެ. މިއީ ފެނާއި ސައިބޯނިލައިގެން އަތްދޮވެވެން ނެތް ހާލަތްތަކުގައި އަތް ސާފުކުރުމަށް ކެލިފޯނިއާގެ ނަރުހެއް ކަމަށްވާ ލޫޕް ހާރނާންޑޭޒްގެ ހިޔާލަށް އުފެއްދި އަލްކަހޯލް-ބޭސްޑް ޖެލްއެކެވެ.
އެހެންނަމަވެސް ހޭންޑް ސެނިޓައިޒާރ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ 2009 ވަނަ އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރުނު ސްވައިންފްލޫ އައުޓްބްރޭކް އާއި ގުޅިގެންނެވެ. އަދި ހޭންޑް ސެނިޓައިޒާރ އަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން 2010 ވަނަ ހޭންޑް ސެނެޓައިޒާރ ޖެލް ކުދި ފުޅީގައި ބަންދުކޮށް ވިއްކަން ފެށުނެވެ.
ހަމައެހެންމެ ހޭންޑް ސެނިޓައިޒާރގެ މާރކެޓް އިތުރުކުރުމަށްޓަކައި ހޮސްޕިޓަލްތަކުގައި ހުންނަ ހޭންޑް ސެނިޓައިޒާރ އާއި ހިލާފަށް އެއަށް ތަފާތު ޑިޒައިންތައް ގެނެސް އެކި ވަސްތައް ދުވާ ހޭންޑް ސެނިޓައިޒާރތައް ބަންދުކޮށް ވިއްކަންފެށި އެވެ.
ހޭންޑް ސެނެޓައިޒާރ ބޭނުންކުރާ މައިގަނޑު އެއް ބޭނުމަކީ އަތުގައި ހުންނަ ވައިރަސްތައް ނައްތާލުމެވެ. އެގޮތުން އަތުގައި ހުންނަ ގިނަ ވައިރަސްތައް ނައްތާލުމަށްޓަކައި ބޭނުންކުރާ ސެނިޓައިޒަރގައި މަދިވެގެން 60 އިންސައްތަ އަލްކަހޯލް ހުންނަން ޖެހޭނެކަމަށް އެމެރިކާގެ ނެޝަނަލް ހެލްތް ސާރވިސް އަދި އިންގްލޭންޑްގެ ޕަބްލިކް ހެލްތުން އެއްބަސްވެފައިވެއެވެ. އަދި ސެންސިޓިވް ހަންގަނޑު ހުންނަ މީހުންނަށް ހާއްސަކޮށް އަލްކަހޯލް އާއި ނުލައިވެސް ތައްޔާރުކޮށްފައި ހުންނަ ހޭންޑް ސެނިޓައިޒާރ ހުރެއެވެ.
2017 ވަނަ އަހަރު އެމެރިކާގެ ސައިންޓިސްޓުންވަނީ ސައިބޯނިން ފެށިގެން ދަތްއުނގުޅާ ބޭހުގައިވެސް ޓްރިކްލޯސަން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭކަން ދެނެގަނެފައެވެ. އަދި ޓްރކްލޯސަން އަކީ އިންސާނާގެ އެންޑޯކްރައިން ސިސްޓަމަށް ގެއްލުންދޭ މާއްދާއެއް ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ. އެއާއެކު އެމެރިކާގެ އެފްޑީއޭއިން ވަނީ މި މާއްދާއެކުލެވޭ ޕްރޮޑަކްޓަސްތައް އެ އަހަރުގައި ވިއްކުން މަނާކޮށްފައެވެ. އޭގެތެރޭގައި އަތްސާފުކުރުމަށް ގެންގުޅޭ ބާވަތްތައްވެސް ހިމެނެ އެވެ.
ލަންޑަން ސްކޫލް އޮފް ހައިޖީންގެ ޕްރޮފިސަރެއް ކަމަށްވާ ސެލީ ބްލީމްފީލްޑް ބުނެފައިވާގޮތުން ބެކްޓީރިއާ އާއި ހިލާފަށް ވައިރަސް ނައްތާލުމަށް އުނދަގޫވާނެއެވެ. އަދި ކޮރޯނާވައިރަސް އަކީ ވަރަށްވެސް ބަންދުބޮޑު ވައިރަހެއް ކަމުން (ވަށައިގެން ވަރުގަދަ ކޯޓިން)އެއް އިންނަ ވައިރަހެއް ކަމުން އަލްކަހޯލް އެކުލެވޭ ޑިސްއިންފެކްޓް ބޭނުންކޮށްގެން އަތް ސާފުކުރުމުން ފަސޭހައިން އަސަރު ފެންނާނޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް ހަންގަނޑު އިތުރަށް އޮމާންކޮށް ސާފުކުރުމަށް ހޭންޑް ސެނިޓައިޒާރއަށް އަމިއްލައަށް އިތުރު އެއްޗެހި އެޅުމަކީ ގެއްލުން ލިބިދާނޭ ކަމެއްގެ ގޮތުގައި އޭނާވަނީ ފާހަގަކޮށްފަ އެވެ.
ހަމައެއާއެކު ބްލޫމިންފީލްޑް ވަނީ ހޭންޑް ސެނިޓައިޒާރގެ ބަދަލުގައި ސައިބޯނި ލައިގެން އަތްދޮވުމަށް ނަސޭހަތްތެރިވެފަ އެވެ. އެހެންނަމަވެސް ފެން ނެތް ހާލަތެއްގައި އަތް ސާފުކުރުމަށް ހޭންޑް ސެނިޓައިޒާރ ބެހެއްޓިދާނޭކަމަށް އޭނާވަނީ ބުނެފަ އެވެ.
ބްލޫމިންފީލްޑް ބުނެފައިވާގޮތުން ގޭތެރޭގައި ވިޔަސް ގެއިން ބޭރުގައި ނަމަވެސް ތަންތަނުގައި/އެއްޗެހީގައި އަދި ފައިސާގައި ވެސް އަތްލުމަށްފަހު މޫނުގައި އަތްނުލުމަށް ހަނދާން ބަހައްޓަން ޖެހެއެވެ. އަދި ކޮންމެހެން މޫނުގައި އަތްލާން ޖެހިއްޖެ ހާލަތެއްގައި އަތްދޮވެގެން ނޫނީ އަތްނުލުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފަ އެވެ.
ކޮރޯނާވައިރަސް އިންސާނާގެ ހަށިގަނޑަށް ވަނުމަށްޓަކައި ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ބޭނުންވާނެ އެވެ. މިސާލަކަށް ލޮލުގައި އަތް އުނގުޅުން އަނގަޔަށް އަތްލުން ނުވަތަ އަތްސާފުނުކޮށް ހަލާކުވެފައި ހުންނަ ތަނެއްގައި އަތްލުމަކީ ވައިރަސް ހަށިގަނޑަށް ވަނުމަށް ދެވޭނެ ދައުވަތެކެވެ.
އެހެންކަމުން ހޭންޑް ސެނިޓައިޒާރ ބޭނުންކުރުމަށްވުރެ އަތްދޮވުމުގެ ފައިދާ ބޮޑުކަމަށް ގިނަ ސިއްހީ މާހިރުންވެސް އެއްބަސްވެއެވެ. އެގޮތުން 2019 ވަނަ އަހަރު އެމެރިކަން ސޮސައިޓީ ފޯރ މައިކްރޮބައޮލޮޖީއިން ހެދި ދިރާސާއަކުންވެސް ވަނީ މިފަދަ ޖެލް ބޭނުންކުރުމުގެ ބަދަލުގައި ސައިބޯނިލައިގެން އަތްދވުމުން ލިބޭ ފައިދާ ބޮޑުކަން ހާމަވެފަ އެވެ.
ސައިބޯނިން އަތުގައި ހުންނަ ޖަރާސީމުތައް އެއްކޮށް މަރައެއްނުލާނެއެވެ. އެހެންނަމަވެސް އަތުގައި ހުންނަ ހަޑިތައް އޭގެ ސަބަބުން ފިލުވާލަދޭނެއެވެ. އެހެންކަމުން ފެނާއެކު ސައިބޯނި ލައިގެން އަތުގެ ދެފުށާއި އިނގިލިތައް ދޭތެރެ އަދި ނިޔަފަތިތައް ދަށް 20 ސިކުންތު ވަންދެން ދޮވުމަށް ސިއްހީ މާހިރުންވެސް އިރުޝާދު ދެއެވެ.
އަތްދޮވުމަށްފަހު އަތް ހިއްކަން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޓިޝޫފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ. އަދި އަތް ފޮހެލުމަށްފަހު އެ ޓިޝޫއިން އިސްކުރު ބާރުކޮށްލުމަށްފަހު ޓިޝޫ ޑަސްޓްބިނަށް ލުމަށް ސިއްހީ މާހިރުންވަނީ އިރުޝާދު ދީފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)