ކޮވިޑް-19 އާއި ގުޅިގެން ތިންމަހަށް ވުރެ ގިނަ ދުވަހަށް އާސަންދައިގެ އެހީގައި ބޭރު ޤައުމުތަކަށް އިތުރުފަރުވާއަށް ބަލިމީހުން ފޮނުވުން މެދުކެނޑުމަށްފަހު، މިއަދު 28 މީހުން އިންޑިޔާއަށް ފުރުވާލައިފިއެވެ.
އާސަންދަ ކުންފުނިން އިއްޔެ ބުނީ އިންޑިޔާއަށް އިތުރު ފަރުވާއަށް ބަލިމީހުން ފޮނުވުމުގެ އިންތިޒާމް އަލުން ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިޔާ ސަރުކާރުގެ ހާއްސަ ހުއްދައިގެ މަތިންކަމަށެވެ. އަދި ފޮނުވާ 28 މީހުންގެ ތެރެއިން ދެމީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސްޓްރެޗަރގެ އެހީގައިކަމަށް އާސަންދައިން ވަނީ ބުނެފިއެވެ.
މިއަދު ގެންދިޔަ 28 މީހުންނާއެކު ދެ ޑޮކްޓަރުންނާއި 5 ނަރުހުންވެސް ފުރާނެ އެވެ. އަދި ފުރާ އެންމެންނަކީވެސް އިންޑިޔާގެ ވިސާ ހަމަޖައްސައި އެޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިން އާއި އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާ އާއެކުގައި ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މި އެންމެންވެސް އަދި އިންޑިޔާއިން ކޮވިޑަށް ޓެސްޓުކޮށް، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރާނެ ކަމަށް އާސަންދައިން ބުނެއެވެ. ފަރުވާއަށް ދާ 28 މީހުންނަށް އިންޑިޔާގެ އަމްރިތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އެންޑް ރިސާރޗް ސެންޓަރުން ފަރުވާ ކުރުމަށް ހަމަޖެހިފައިވާއިރު، މި އެންމެންވެސް ތިބޭނީ އެތަނުގެ އެކަމޮޑޭޝަން ބްލޮކްގަ އެވެ. އަދި ކަރަންޓީނުގެ މުއްދަތުގައި ވެސް މި އެންމެންނަށް ފަރުވާ ދެވޭނެކަމަށް އާސަންދައިން ބުނެއެވެ.
އާސަންދައިގެ އހީގައި އިންޑިޔާއަށް ބޭސްފަރުވާ ކުރުމަށް ދިއުމަށް މިހާރުވެސް 50 މީހުން ނަން ނޯޓުކޮށްފައި ވާކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)