ވޭޕްކޮށްގެން ގެއްލުން ލިބިފައިވާ މީހެއްގެ ފުއްޕާމޭގެ ޓްރާންސްޕްލާންޓެއް ހަދައިފި
އެމެރިކާގެ މިޝިގަން ސިޓީގައި ހުންނަ ޑީޓްރޮއިޓް ހޮސްޕިޓަލުން، ވޭޕްކޮށްގެން ގެއްލުން ލިބިފައިވާ ފިރިހެނެއްގެ ޑަބަލް ލަންގް ޓްރާންސްޕްލާންޓް ހަދައިފި އެވެ.
މި ޓްރާންސްޕްލާންޓް އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހެންރީ ފޯޑް ހެލްތް ސިސްޓަމްއިން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ބުނެފައިވަނީ ޓްރާންސްޕްލާންޓް ހަދާފައިވާ ޕޭޝަންޓް ވަނީ އޭނާގެ ގެއްލުން ލިބިފައިވާ ފުއްޕާމޭގެ ފޮޓޯ މީޑިޔާގައި އާއްމުކޮށް، ވޭޕްކުރުމުގައި ހުރި ނުރައްކާތެރިކަން އާއްމުންނަށް ބުނެދިނުމަށް އެދިފައި ކަމަށެވެ.
މި އަހަރުގެ މާޗް މަހުން ފެށިގެން އެމެރިކާގެ އާބާދީގެ ތެރެއިން މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުންވަނީ ވޭޕްކުރުމުން ލިބޭ އެކިއެކި ގެއްލުންތަކަށް ފަރުވާ ހޯދާފަ އެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ހިމެނޭއިރު، މިހާތަނަށް ވޭޕްކުރުމުގެ ސަބަބުން ވަނީ 40 މީހުން މަރުވެފަ އެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ހާމަ ކުރި ގޮތުގައި ވޭޕު ކުރުމުގެ ސަބަބުން ދިމާވާ ބަލިތަކުގެ ސަބަބަކީ އޭގައި އެކުލެވިގެންވާ ކެމިކަލް އެކެވެ. "ވިޓަމިން-ސީ އެސެޓޭޓް" ނަމަކަށް ކިޔާ މިކެމިކަލް ވަނީ ކުރިން ވޭޕު ކޮށްގެން ބަލިވި މީހުން ބޭނުން ކުރި ވޭޕުތަކުން ފެނިފައެވެ. އަދި މި ކެމިކަލް އަކީ ވޭޕު ތަކުގައި ވަރަށް ފަހުން ބޭނުން ކުރެވެން ފެށުނު އެއްޗެއްކަންވެސް ފާހަގަ ކުރެވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)