20 އަށް ވުރެ ވިނަ ގައުމުތަކުން އީ-ސިގެރޭޓުގެ ވިޔަފާރި މަނާކޮށްފި! ދިވެހިރާއްޖޭގައި މަނާ ނުކުރެވެނީ ކީއްވެ؟
މެކްސިކޯ، އިންޑިއާ އަދި ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން އީ-ސިގެރޭޓުގެ ވިޔަފާރި އަދި ބޭނުންކުރުން މަނާ ކޮށްފިއެވެ.
މި މަސައްކަތް ފެށުނީ އެމެރިކާއިން އީ-ސެގެރޭޓުތަކުގައި ބޭނުން ކުރެވޭ ފްލޭވަރތައް ވިއްކުމާއި ބޭނުން ކުރުން ހުއްޓުވާލުމަށް ފިޔަވަޅުތަކެއް އެޅުމުންނެވެ. އެގައުމުގައި އެތަކެއް ކުޑަކުދިންނާއި ޒުވާނުން ދަނީ ވޭޕް ކުރުމަށް ދެވި ހިފަމުންނެވެ.
އެގޮތުން އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ބުނާ ގޮތުގައި 3.6 މިލިއަން ކުދިން އެމެރިކާގައި އީ-ސިގެރޭޓު ބޭނުން ކުރެއެވެ. އަދި ވޭޕް ކުރުމުގެ ސަބަބުން ޖެހުނު ބަލިތަކުގެ ސަބަބުން މިހާތަނަށް 13 މީހަކު މަރުވެ 805 މީހުންނަށް ފަރުވާ ކުރެވިފައިވާ ވެއެވެ.
ވޭޮޕް ކުުރުމުގެ ސަބަބުން ދިމާވި ފުރަތަމަ މަރު ހިނގައިފައިވަނީ މި މަހުގެ ކުރީ ކޮޅެވެ.
އެމެރިކާއިން މި ފިޔަވަޅު އެޅިތާ މަދު ދުވަސްކޮޅެއް ތެރޭގައި އިންޑިއާ އިން ވެސް ވަނީ ވޭޕް ކުރަން ބޭނުންކުރެވޭ އެއްވެސް އެއްޗެއްގެ ވިޔަފާރި ކުރުން މަނާކޮށްފައެވެ. މިޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް 3 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލު ހުކުމް ކުރެވޭނެއެވެ.
WHO congratulates #India 🇮🇳 for banning #ecigarettes. pic.twitter.com/L5kfhmELnO
— WHO South-East Asia (@WHOSEARO) September 18, 2019
އިންޑިއާގެ ހެލްތު ސެކްރެޓަރީ، ޕްރީތީ ސޫދާން ވިދާޅުވި ގޮތުގައި، މިފަދަ ތަކެއްޗަކީ ޝައްކެއްނެތް ގޮތުގައި ގެއްލުން ދޭ ތަކެއްޗެވެ. ދެވިހިފާނެ އެއްޗެކެވެ. އަދި ދެން އަންނަން އޮތް ޖީލަށް މީގެން އަސަރު ކުރުމުގެ ކުރިން ކޮންޓްރޯލް ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ޕްރީތީ ވިދާޅުވިއެވެ.
ނަމަވެސް ޔޫރޮޕިޔަން ޔޫނިއަން އިން ދެކޭ ގޮތުގައި ވޭޕް ކުރުމަކީ އާންމު ސިގެރޭޓު ބުއިމަށް ވުރެ ރައްކާތެރި އެއްޗެކެވެ. މިހެން ބުނެފައިވީ ކަމުގައި ވިއަސް، ޔޫރޮޕިއަން ޔޫނިއަން އިން ވަނީ އީ-ސެގެރޭޓު ކުޑަކުދިންނަށް އިސްތިހާރު ކުރުމާއި ދެކޮޅަށް ގާނުނުތަކެއް ފާސްކޮށްފައެވެ.
ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އީ-ސިގެރޭޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. މިހެން މިވަނީ އީ-ސެގެރޭޓުގައި ވެސް ނިކޮޓިންގެ ބާވަތް ހުންނާތީވެއެވެ. އަދި އޭގެ ސަބަބުން ބޭނުން ކުރާ މީހާ ދެވި ހިފާތީވެއެވެ. 1،500 އަށްވުރެ ގިނަ ފްލޭވަރ ގަނެވެން ހުރެއެވެ. މީގެ ތެރޭގައި އެކި ވައްތަރުގެ މޭވާގެ ރަހަ ދޭ ފްލޭވަރތަކާއި ބަބުލްގަމް ރަހަ ދޭ ފްލޭވަރވެސް ލިބެން ހުރެއެވެ. މީގެ ނަތީޖާއަކަށް ވަނީ ސިގެރޭޓެއްގައި ދުވަހަކު އަތްނުލާ ކުއްޖާވެސް އޭގެ ރަހަ މީރުކަމުން ބޯން ފެށުމެވެ. އަދި ދެވި ހިފުމެވެ. އީ-ސިގެރޭޓުގެ މަގްސަދު ގެއްލުމެވެ.
މިވަގުތު ދެވެހިރާއްޖޭގައި ކުޑަކުދިންނާއި ޒުވާނުން މަގުމަތީގައި ވޭޕް ކުރަން ހުރުމަކީ އާންމު މަންޒަރެކެވެ. އޮންލައިން އަދި ރީޓެއިލްކޮށް އީ-ސެގެރޭޓާއި އޭގެ ބައިތައް ފަސޭހައިން ގަނެވެން ހުރެއެވެ.
މިހާ ގިނަ ގައުމުތަކަކުން ވޭޕް ކުރުމާއި އިދިކޮޅަށް ގާނޫނުތައް ހަދަމުން ދާ ހިނދު، އަޅުގަނޑުމެންވެސް މިކަމުގައި ބައިވެރިވެ އެކަކު އަނެކަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަކީ މުހިންމުކަމަކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)