މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލެވިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން ކުޑަކުދިންނަށާއި ޒުވާނުންނަށް ލިބޭ ގެއްލުން ކުޑަ އެވެ. ނަމަވެސް ވޭޕް ކުރާނަމަ ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ބުނަމުން އާދެއެވެ.
ދާދި ފަހުން ހެދި ދިރާސާއަކުން މިކަން ވަނީ ކަށަވަރުވެފައެވެ.
އެމެރިކާގެ ސްޓަންފޯޑް ޔުނިވަރސިޓީގެ ދިރާސާވެރިން ބައިވެރިވި ދިރާސާއެއްގައި ދައްކާގޮތުގައި ފުރާވަރު އުމުރުފުރައިގެ ކުދިންނާއި ޒުވާނުންގެ ތެރެއިން ވޭޕް ކުރާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ފުރުސަތު ވޭޕް ނުކުރާ މީހުންނާއި އަޅާބަލާއިރު 5-7 ގުނަ އިތުރުވެއެވެ.
އަންގާރަ ދުވަހު ޖަރނަލް އޮފް އެޑޮލެސެންޓްގައި ޝާއިއު ކުރެވުނު މިދިރާސާގައި ވަނީ އުމުރުން 13 އަހަރާއި 24 އަހަރާއި ދެމެދުގެ 4،351 މީހުންނަށް ބަލާފައެވެ. މިއީ ވޭޕް ކުރުމާއި ކޮރޯނާވައިރަސް އާއި ހުރި ގުޅުމަށް އަލިއަޅުވާލާ ހެދި ފުރަތަމަ ދިރާސާއެވެ.
ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ވޭޕް ކުރުމުގެ ސަބަބުން ފުއްޕާ މެއަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ ކަމަށް ދިރާސާގައި ބައިވެރިވި ބޮނީ ހަލްޕެރން-ފެލްޝަރ ވިދާޅުވިއެވެ.
މިގޮތުން ސިގިރޭޓު ބުއިމާއި އެއްވަރަށް ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުން ބޮޑު ކަމަށް ދިރާސާތަކުން ހެކިދެއެވެ. އެއް ދިރާސާއިން ދެއްކި ގޮތުގައި ވޭޕް ކުރާ މީހުން ފުއްޕާމޭގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު 1.3 ގުނަ އިތުރުވެއެވެ. މިބަލުތަކުގެ ތެރޭގައި އެސްމާ، އެމްފިސީމާ އަދި ބްރޮންކައިޓިސް ހިމެނެއެވެ.
ކޮރޯނާވައިރަސް އަކީ ފުއްޕާމެއަށް ގެއްލުންދޭ ވައިރަސްއެއް ކަމުން، ފުއްޕާމެއަށް ގެއްލުން ލިބިފައިވާނަމަ ކޮވިޑް-19 ބަލީގެ އަސަރުތައް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަށިގަނޑު ތެރެއަށް މަދުން ވައިރަސް އެތެރިވަނަމަވެސް އިންފެކްޝަންއެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ދިވެހިރާއްޖޭގައިވެސް ވޭޕް ކުރުމަކީ މުޖުތަމައުގައި މިހާރު އާއްމު ކަމެކެވެ. ވޭޕް ކުރާ ކުދިންގެ އަދަދު މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް މިއަހަރު ކުރީކޮޅުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އަދި ދާދިފަހުން ވަނީ ވޭޕް އާއި އޭގެ ފްލޭވަރ އިން 200% ޑިއުޓީ ނަގަން އިސްލާހެއް ހުށަހަޅާފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)