ޒަމާނުއްސުރެ ދިވެހިންގެ ކަށީގައި ހަރުލާފައިވާ ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ ކަނޑުވާލުމަށްޓަކައި ކުރާ މަސައްކަތަށް 2012 ވަނަ އަހަރު ސަރުކާރުން އަޅާފައިވާ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ފިޔަވަޅަކީ ދުންފަތާއި އަދި ދުންފަތާއި ގުޅުންހުރި އެހެނިހެން ބާވަތްތައް އިޝްތިހާރު ކުރުން މަނާކުރުމަށް ހެދުނު ޤަވާއިދެވެ.
އެހެންނަމަވެސް މި ޤަވާއިދުގެ މައްޗަށް ފައިން އެރުމަށްފަހު ނުސީދާކޮށް ނަމަވެސް ދުންފަތާއި ގުޅުންހުރި އެކި ބާވަތްތައް އިޝްތިހާރުކުރާ މީހުން މަދެކޭ ނުބުނެވޭނެ އެވެ.
މިކަމުގެ އެއް ހެއްކަކަށް ދާދިފަހުން ސޯޝަލް މީޑިޔާގައި ވައިރަލް ވެގެން ދިޔަ ފޮޓޯތައް އެކަނިވެސް ފުދޭނެ އެވެ. ޤަވާއިދު އޮތްތަނުގައި ބާއްވާފައި ކެޕިޓަލް މާލޭ ސިޓީގައި ހުރި ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޮޑު އަކުރުން މި ވަނީ ދުންފަތާއި ގުޅުންހުރި ބާވަތްތަކެއް އިޝްތިހާރުކޮށްފަ އެވެ.
Advertising tobacco & tobacco products in Maldives in illegal. Here is the national stadium advertising a tobacco product which is a direct breach of the Law. @MaldivesFA @MoYSCEmv @AhmedMahloof @MoHmv pic.twitter.com/aGafEoxTHB
— Afaal🇲🇻 (@ahmedafaal) November 22, 2019
މޮކް ބްރޭންޑްގެ މި ޑިވައިސްއަކީ އީ-ސިގިރޭޓް ބުއިމަށް ހާއްސަކޮށް އުފައްދާފައިވާ ބްރޭންޑެކެވެ. ފިލިޕީންސްގައި ހުންނަ މިކުންފުނީގެ އޮފިޝަލް ވެބްސައިޓްގައި ބުނާ ގޮތުން މި އީ-ސިގަރޭޓުގެ ބޭނުމަކީ "ދުންފަތުގެ ރަހަ ގެނުވުން" މިއެވެ. ވީއިރު މިފަދަ ބްރޭންޑެއްގެ އިޝްތިހާރެއް ރާއްޖޭގައި ކުރުމަކީ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށްވެސް ލިބޭނެ އިތުރު ހިތްވަރެކެވެ.
އީ-ސިގިރޭޓް ބޭނުންކުރުން ނުވަތަ ވޭޕްކުރުމަކީ މިހާރު ގިނަ ދިވެހި ޒުވާނުންގެ ކަށީގައި ހިފާފައިވާ ނުރައްކާތެރި ވަބާއަކަށް ވާއިރު، މިހާތަނަށް އެކި ދިރާސާތަކުން ހޯދިފައިވާ ގޮތުން އީ ސިގިރޭޓް ބޭނުންކުރާ މީހުންނަށް ކުރިމަތިވާ ސިއްހީ އެކި މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފުއްޕާމޭގެ ކެންސަރާއި، ބަނޑުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ފާހަގަކޮށްލެވެއެވެ. އަދި އީ-ސިގިރޭޓް ބޭނުންކުރުމުގެ ސަބަބުން ދުނިޔޭގެ ނިސްބަތުން މީހުން މަރުވާ މިންވަރުވެސް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.
ދާދިފަހުން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން، އީ-ސިގިރޭޓް މަނާކުރުމާއި މެދު ވިސްނަމުން އަންނަކަމަށް ހެލްތް މިނިސްޓްރ އަބްދުﷲ އަމީންވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ހެލްތް މިނިސްޓްރީން އީ-ސިގިރޭޓާއި މެދު މަޝްވަރާ ކުރަން ތިއްބައި ބޮޑު އަކުރުން މި ވަނީ ރާއްޖޭގައި މި ނުރައްކާތެރި ވަބާއަށް މަގުފަހި ކުރުވާ ބްރޭންޑެއް އިޝްތިހާރުކުރަން ފަށާފައެވެ.
ނިސްބަތުން ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު ކޮންޓްރޮލްކޮށް ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ހޭލުންތެރި ކުރުވުމަށްޓަކައި ސިގިރޭޓް ފޮށީގެ ބޭރުގައި ޖަހާ ފޮޓޯއަކުން ފުދޭނެތޯ މިއީވެސް މިހާރު އުފެދޭ ސުވާލެކެވެ. ޤައުމެއްގައި ޤާނޫނާއި ޤަވާއިދު ތަންފީޒުކުރަން ތިބޭ މީހުން އެ ޤަވާއިދުތަކުގެ ހަގީގީ ބޭނުން ނުވިސްނޭނަމަ، މިފަދަ ފޮޓޯއަކުން ކުރާނެ ފައިދާ އެއް ނޯންނާނެއެވެ.
ދޭތެރެއަކުން ފަތުއަޑު ކިޔަފައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ކޮންމެ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކުރާތަން ފެނެއެވެ. އެހެންނަމަވެސް ނަތީޖާ ފެންނަނީ ސުމަކުންނެވެ. އާއްމުތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ބޮޑު އަދަދުން ޖޫރިމަނާކުރަންވެސް މިފަދަ ޖޯޝެއްގައި 2010 ވަނަ އަހަރު އުފެއްދި ޤާނޫނޫ ނަމްބަރު 2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ) ތިން ވަނަ މާއްދާއާއި ހަވާލާދީ އާއްމުތަންތަނުގެ ތެރެއިން ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް 2012 ވަނަ އަހަރުވަނީ ޤަވާއިދެއްވެސް ނެރެފަ އެވެ.
1 ޖެނުއަރީ 2013 ގައި ފެށި މި ޤަވާއިދުގައި ބުނާ ތަންތަނުގެ ތެރެއިން ގިނަ ތަންތަނަކީ މިހާރު އާއްމުގޮތެއްގައި މީހުން ދުންފަތުގެ އިސްތިއުމާލުކުރަމުން އަންނަ ތަންތަނެވެ. އެގޮތުން އާއްމުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ޕާކްތަކާއި އަދި ގިނަ އަދަދަކަށް މީހުން ވަންނަ ރެސްޓޯރަންޓް ހޮޓާ އަދި ކެފޭ ފަދަ ތަންތަނަކީވެސް މިހާރު ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަނެވެ. މިފަދަ ޤަވާއިދެއް ހެދިފައި ވި ނަމަވެސް ބައެއްގެ ފަރުވާކުޑަކަމުން ދުވަހެއް ދުވަހަކަށް މި ޤަވާއިދުވެސް ދަނީ ފަސްއެޅި ގެއްލެމުންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާއިބެހޭ ޤާނޫނުގެ އަށްވަނަ މާއްދާގައި ވާގޮތަށް ރާއްޖޭގައި ދުންފަތާއި އަދި ދުންފަތާއި ގުޅުންހުރި ބާވަތްތައް އިޝްތިހާރުކުރުން މިވަނީ މަނާކުރެވިފަ އެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަށް ކަމަށްވާ، ފުއްޕާމޭގެ ކެންސަރާއި، ހިތުގެ ބައްޔާއި އަދި މާބަނޑު އަންހެނާގެ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ލިބިދާނެ ގެއްލުމަށް ހޭލުންތެރިކުރުވުމަށް ވެސް މިދަނީ މަސައްކަތް ކުރެވެމުންނެވެ.
އެހެންނަމަވެސް އަމިއްލަ މަންފާއަށްޓަކައި ނުކަސިޔާރުކޮށް މިކަން ކުރާ ފަރާތްތައް ހޯދައި އަދި މި ޤާނޫނާއި ޤަވާއިދުގެ ބޭނުން އޭގެ އެންމެ އެދެވޭ ގޮތުގައި ހިފިގެން ނޫނީ ރާއްޖެ ވެއްޓެމުން މިދާ ދުންފަތުގެ ވަބާގެ އަނދަވަޅުން ސަލާމަތްކުރެވޭކަށް ނެތެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)