ވޭޕް ކުރާނަމަ ކޮރޯނާވައިރަސްއިން ލިބޭ ގެއްލުން އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރޭ
ވޭޕް ކުރުމުގެ ސަބަބުން ޒުވާނުންނަށް ކޮރޯނާވައިރަސް ގެ އަސަރު ބޮޑުވާކަމަށް ޔޫއެސްގެ ޑޮކްޓަރުން ބުނެފިއެވެ. އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 40% މީހުންނަކީ 20 އަހަރާއި 54 އަހަރާދެމެދުގެ މީހުން ކަމަށް ސީޑީސީއިން ބުނެފައިވެއެވެ.
ޗައިނީސް މެޑިކަލް ޖާރނަލްގައި ޝާއިއު ކޮށްފައިވާ ހޯދުމެއްގައި ދައްކާ ގޮތުން ސިނގިރޭޓު ބޯ މީހުންނާއި ކުރިން ސިނގިރޭޓު ބުއި މީހުންނަށް މި ވައިރަސް ޖެހުމުން ކުރިމަތިވާ އަލާމާތްތައް އިތުރުވެ، ނިއުމޯނިއާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު 14 އިންސައްތަ އިތުރުވާކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ސިއްހީ މާހިރުން އިލްތިމާސް ކޮށްފައިވަނީ ސިނގިރޭޓު ބުއިން އަދި ވޭޕް ކުރުން ހުއްޓާލުމަށެވެ. ސިނގިރޭޓު ބުއިމާއި ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމޭ ހަލާކުވެ، ފުއްޕާމޭގެ ޓިޝޫތަކަށް ވައިރަސް ވަނުމުގެ ފުރުސަތު އިތުރުވެ އިންފެކްޝަން ގޯސް ވުމުގެ ފުރުސަތު އިތުރުވެއެވެ.
ފްލޫ ނުވަތަ އެހެން އިންފެކްޝަން އެއް ޖެހުމުން ސިނގިރޭޓު ނުވަތަ ވޭޕް ކުރާ މީހެއްނަމަ އެ އިންފެކްޝަންގެ އަސަރު ސިނގިރޭޓު ނުބޯ އަދި ވޭޕް ނުކުރާ މީހާއަށްވުރެ ބޮޑުވާނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިނގިރޭޓު ބޯ 1.1 ބިލިއަން މީހުން އުޅެއެވެ. އަދި ސިނގިރޭޓް ނުބޯނަމަ ވޭޕް ކުރާ މީހުން އުޅެއެވެ.
ވޭޕް ކުރުމަކީ އާ ކަމަކަށް ވުމުން، މި ކަމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތައް ދެނެގަންނަން އުނދަގޫވި ނަމަވެސް، މިކަމުގެ ސަބަބުން ފަސޭހައިން ބަލިތައް ޖެހި ކޮރޯނާވައިރަސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ވޭޕު ކުރުމުގެ ސަބަބުން ކޮވިޑް-19 ޖެހުމުގެ ފުރުސަތު އިތުރުވާނެތޯ އެހުމުން ސޭން ފްރޭންސިސްކޯގެ ސެންޓަރ ފޯ ޓޮބާކޯ ކޮންޓްރޯލް ރީސާޗް އެންޑް އެޑިއުކޭޝަންގައި މަސައްކަތް ކުރައްވާ ޑރ. ސްޓޭންޓަން ގްލާންޓްޒް ބުނެފައިވަނީ އެކަމުގެ ސަބަބުން ވެދާނެ ކަމަށާއި، ޔަގީން ކަމާއެކު ބުނެވެން ނެތްކަމަށެވެ. ޑރ. ގްލާންޓްޒް ބުނެފައިވަނީ ވޭޕް ކުރުމަކީ އިތުރަށް ބަލިތައް ގޯސްވެ، ފުއްޕާމޭ އަދި ދިފާއީ ނިޒާމު ބަލިކަށި ކޮށްލާ އެހެން ބަލިތަކަށް ވެސް ފުރުސަތު ދޭކަމެއް ކަމަށެވެ.
އަދި ސިނގިރޭޓު ބޯ މީހުންނަށްވުރެ ވޭޕް ކުރާ މީހުންގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ މިންވަރު ދަށްވާ ކަމަށެވެ. ހަމައެއާއެކު، ސިނގިރޭޓަށްވުރެ އީ-ސިނގިރޭޓުން ނުވަތަ ވޭޕުން ލިބޭ ގެއްލުން ބޮޑުކަމަށާއި، އެހެންނަމަވެސް މި ދޭއްޗަކީ ވެސް ހަށިގަނޑަށް ނުރައްކާތެރި އެއްޗެހި ކަމަށް ބުނެފައިވެއެވެ.
ސިނގިރޭޓު ބުއިމުން އަދި ވޭޕް ކުރުމުން އެކި ގޮތްގޮތަށް ފުއްޕާމޭ އަދި ދިފާއީ ނިޒާމު ބަލިކަށި ކޮށްލައެވެ. އެގޮތުން ފުއްޕާމޭ އަދި ނޭފަތުގައި ހުންނަ ސީލިއާ ނަމަކަށް ކިޔާ ކުދި އިސްތަށިތަކެއް ފަދަ އެއްޗެހި ހަލާކު ކޮށްލައެވެ.
ސީލިއާ އަކީ ނޭވާލާ ނިޒާމުގެ ތެރެއަށް ގެއްލުންވާ ފަދަ ތަކެތި ވަނަނުދީ ފިލްޓްރޭޝަން ސިސްޓަމެއް ފަދައިން މަސައްކަތް ކުރާ އެއްޗެކެވެ. ސީލިއާއަށް ގެއްލުން ވުމުން، ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިތަކަށް ފުއްޕާމޭއަށް ދިއުމުގެ ފުރުސަތު ލިބި ނިއުމޯނިއާ އަދި މިފަދަ އެހެން ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.
މި ފަދަ ވައިރަސްތައް ހަށިގަނޑަށް އެތެރެ ވުމުން އެއާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ދިފާއީ ނިޒާމު މުހިންމުވެއެވެ. އެހެންނަމަވެސް ސިނގިރޭޓު ބުއިމުން އަދި ވޭޕް ކުރުމުން ދިފާއީ ނިޒާމުވެސް ބަލިކަށި ކޮއްލައެވެ.
އެގޮތުން ޑރ. ގްލާންޓްޒް ބުނެފައިވަނީ ކޮވިޑް-19 ޖެހުމުގެ ފުރުސަތު ކުޑަ ކުރުމުގެ ގޮތުން ސިނގިރޭޓު ބުއިން، ވޭޕް ކުރުން ހުއްޓުމަށެވެ. އަދި މީގެ ސަބަބުން ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވުމުގެ އިތުރުން ވައިރަސް ޖެހިއްޖެނަމަ އިތުރަށް ހާލަތު ގޯސް ވުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށެވެ. ހަމައެއާއެކު އޭނާ ބުނެފައިވަނީ ނިކޮޓިން ޕެޗް ނުވަތަ ގަމް ބޭނުން ކުރުމުގެ ސަބަބުން ވައިރަސް ޖެހުމުގެ ފުރުސަތު އިތުރުނުވާނެކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި ޒުވާނުންނަށްވެސް ދަނީ މި ވައިރަސް ޖެހެމުންނެވެ. އެހެންނަމަވެސް އެއީ ސިނގިރޭޓް ބުއިމުންތޯ ނުވަތަ ވޭޕް ކުރުމުންތޯއެއް ބުނެފައެއް ނުވެއެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށުމުގެ ކުރިން، ކުޑަ ކުދިން އަދި ޒުވާނުންގެ ތެރޭގައި ވޭޕް ކުރުމަކީ އާންމު ކަމަކަށް ވާއިރު، ދިވެހިރާއްޖޭގައިވެސް މިއީ އެންމެ އާންމު ސިއްހީ މައްސަލައެވެ. އަދި މިކަމުގެ ސަބަބުން މިހާރު ފެތުރެމުންދާ ވައިރަސް މި އުމުރުފުރައިގެ މީހުންނަށް ޖެހުމުގެ ސަބަބަކަށް ވެދާނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)