އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/02/2020

ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ކުއްލި ޙާލަތު އިއުލާންކުރި ފަސް ފަހަރު

މިފަދަ އިއުލާނެއް ކުރެވޭނީ ދިމާވާ ކާރިސާއަކުން ބައްޔެއް އެހެނިހެން ޤައުމުތަކަށް ފެތުރުމުގެ ފުރުސަތު އޮވެ ބައިނަލްއަޤްވާމީ ފެންވަރެއްގައި މިބައްޔާއި މެދު މަސައްކަތްކުރަން ޖެހުމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/02/2020

WHO
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިއްހީ ހުއްލި ހާލަތު އިއުލާން ކުރުމާއެކު، ގިނަ ބަޔަކު ދަނީ މިވަގުތު ކުއްލި ހާލަތު އިއުލާންކުރުން ކޮންމެހެން މުހިއްމުތޯ ސުވާލު އުފައްދަމުންނެވެ

ޗައިނާއިން އުފަންވެ ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ދުނިޔޭގެ ސަމާލުކަމަށް ގެނެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގަ އެވެ. 

މިއީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން މިފަދަ ކުއްލި ހާލަތެއް އިއުލާނު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެ ޖަމިއްޔާއިން ވަނީ ބުރާސްފަތު ދުވަހު އިއުލާންކުރި ކުއްލި ހާލަތު ފިޔަވައި، މިފަދަ ނުރައްކާތެރި ތަފާތު ފަސް ހާލަތަކާއި ގުޅިގެން ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިން ބުނާގޮތުގައި މިފަދަ އިއުލާނެއް ކުރެވޭނީ ދިމާވާ ކާރިސާއަކުން ބައްޔެއް އެހެނިހެން ޤައުމުތަކަށް ފެތުރުމުގެ ފުރުސަތު އޮވެ ބައިނަލްއަޤްވާމީ ފެންވަރެއްގައި މިބައްޔާއި މެދު މަސައްކަތްކުރަން ޖެހުމުންނެވެ. 

މިމިންގަނޑަކީ ސާސް ވައިރަސް ފެތުރުނުތާ ދެއަހަރު ފަހުން 2005 ވަނަ އަހަރު ވުޖޫދަށް އައި މިންގަނޑެކެވެ. އަދި އޭގެފަހުން ސިއްހީ ކުއްލި ހާލަތު މިހާތަނަށް އިއުލާނު ކުރެވިފައިވަނީ އެންމެ 6 ފަހަރެވެ.

 

26 އޭޕްރިލް 2009: (އެޗް.ވަން.އެން.ވަން އިންފުލުއެންޒާ) ސްވައިން ފްލޫ

2009 ވަނަ އަހަރު މެކްސިކޯއިން އެޗްވަންއެންވަން އިންފުލުއެންޒާ ނުވަތަ ސްވައިން ފުލޫ ހަލުވިކަމާއެކު ފެތުރެން ފެށުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ "ޕަބްލިކް ހެލްތް އެމަރޖެންސީ އިންޓަރނޭޝަނަލް ކޮންސާރން" (ޕީއެޗްއީއައިސީ) ނުވަތަ ސިއްހީ އެމަޖެންސީ ހާލަތު އިއުލާން ކޮށްފަ އެވެ. އެ ދުވަސްވަރު ދުނިޔޭގެ ބައެއް ޤައުމުތަކުންވަނީ މަދަރުސާތައް ބަންދުކޮށް އެއާލައިންތަކުން ދަތުރުކުރާ މީހުން ސްކްރީންވެސް ކޮށްފަ އެވެ.

މި ނުރައްކާތެރި ވައިރަސް ފެތުރުނު ދުވަސްވަރު ބައެއް ޤައުމުތަކުން ވަނީ އެ ޤައމުތަކަށް ދަތުރުކުރި ގިނަ ބަޔަކު ކަރަންޓީނު ވެސް ކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާއަށް ދަތުރުކުރި އެމެރިކާއަށް ނިސްބަތްވާ 21 ދަރިވަރަކާއި 3 ޓީޗަރަކު ހިމެނެއެވެ. ޗައިނާގެ ކައިލީގެ ހޮޓަލެއްގެ ކޮޓަރީގައި މިމީހުން ކަރަންޓީނު ކޮށްފައިވަނީ އެމީހުން ދަތުރުކުރި ފްލައިޓުން ސްވައިން ފުލޫއަށް ޝައްކުވާ މީހަކު ފެނިގެންނެވެ.

 

5 މެއި 2014: ވައިލްޑް ޕޯލިއޯ ވައިރަސް (ޑަބްލިޔުޕީވީ)

ދުނިޔޭގެ ސަމާލުކަމަށް ޕޯލިއޯ ވައިރަސް އައިސް އެކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވަން ފަށާފައިވަނީ ޕާކިސްތާނާއި، އަފްޢާނިސްތާން އަދި އިތުރު ހަތް ޤައުމަކަށް މި ނުރައްކާތެރި ވައިރަސް ފެތުރި އެކި ހިސާބުތަކުން އެތައް ސަތޭކަ ބަޔަކު މަރުވި ފަހުންނެވެ.

ޕޯލިއޯ އަށް ވެކްސިން ކެމްޕެއިންތައް އެ ދުވަސްވަރު ހިންގި ނަމަވެސް ދާހިލީ ނުފޫޒުތަކާއި ހެދި ޕާކިސްތާން ފަދަ ޤައުމުތަކުގައި ހިންގި ކެމްޕެއިންތައް ވަނި ކުރިއަށް ނުގެންދެވި މަޑުޖެހިފަ އެވެ. އަދި މިއަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހު ޑަބްލިޔުއެޗްއީގެ އެކްސްޕާޓް ކޮމިޓީން ވަނީ ޕޯލިޔޯ ވައިރަސް ފެތުރުމުގެ ސަބަބުން އިއުލާންކުރި ސިއްހީ އިމަޖެންސީ ހާލަތު ނުނަގައި ބޭއްވުމަށް ނިންމާފަ އެވެ.

 

8 އޮގަސްޓް 2014: އެބޯލާ ވައިރަސް ޑިޒީސް (އީވީޑީ)

 ވެސްޓާން އެފްރިކާގައި ފެތުރެންފެށި މި ނުރައްކާތެރި ވައިރަސްގެ ސަބަބުން އެ ދުވަސްވަރު ވަނީ އެތައް ބައެއްގެ ފުރާނަ ގެއްލިފަ އެވެ.

ދެ މަހަށް ދިގުދެމިގެންދިޔަ މި ނުރައްކާތެރި ވައިރަސްގެ ސަބަބުން ބަލިމީހުންނަށް އެހީތެރިވާން ނުކުތް ގިނަ ސިއްހީ އެހީތެރިންނެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. މީގެއިތުރުން ޤައުމުތަކުގެ އިޤްތިސާދަށް ގެއްލުންވެ، މަތިވެރި ހައްޖުގެ އަޅުކަންކުރުމަށް މައްކާއަށް ދާ މީހުންނަށް ބަލި ފެތުރިދާނޭ ކަމުގެ ބިރުހީވާން ފެށި ހިސާބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔައިން ވަނީ ނުރައްކާތެރި އެބޯލާ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ ފެންވަރުގައި ސިއްހީ އިމަރޖެންސީ ހާލަތު އިއުލާންކޮށްފަ އެވެ.

 

1 ފެބްރުއަރީ 2016: ޒިކާ ވައިރަސް

 ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިކަމައި ގުޅިގެން ކުއްލި ޙާލަތު އިއުލާންކޮށްފައިވަނ އެ ދުވަސްވަރު އެމެރިކާގައި އުފަންވި ގިނަ ކުދިންގެ ގައިން ގީލަން-ބަރޭ ސިންޑްރަމް ފެންނަން ފެށުމުންނެވެ. 

އެ ދުވަސްވަރު ގިނަ ޤައުމުތަކަކުން ވަނީ ޒިކާ ވައިރަސް ފެތުރެމުން ދިއުމާއި ގުޅިގެން އާއިލާތަކަށް ކުދިން ހޯދުން ފަސްކުރުމަށްވެސް ނަސޭހަތްތެރިވެފަ އެވެ. ޒިކާ ވައިރަސް އަކީ މަންމަގެ ބަނޑުގައި ދަރިފުޅު އޮންނަ ދުވަސްވަރު ޖެހޭ ވައިރަސް އެކެވެ. މި ވައިރަސްގެ ސަބަބުން ކުއްޖާ އުފަންވާއިރު އައިބުވުމުގެ ފުރުސަތު އޮވެއެވެ.

 

29 ޖުލައި 2019: އެބޯލާ ވައިރަސް ޑިޒީސް

އެބޯލާ ވައިރަސް އާއި ގުޅިގެން ދެވަނަ ފަހަރަށް ސިއްހީ އެމަޖެންސީ ހާލަތު އިއުލާންކޮށްފައި ވަނީ ޑިމޮކްރެޓިކް ރިޕްބްލިކް އޮފް ކޮންގޯއިން މި ވައިރަސްގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެންނެވެ.

އޭގެފަހުން އަދި މިހާތަނަށްވެސް އެ ޤައުމުން އެބޯލާ ވައިރަސް ނައްތާލެވިފައެއް ނުވެއެވެ. އަދި މި ވައިރަސް އާއި ގުޅިގެން ސިއްހީ އެމަރޖެންސީ ހާލަތު އިއުލާންކުރުމާއެކު ސައުދީ އަރަބިއާއިން ވަނީ ޑިމޮކްރެޓިކް ރިޕްބްލިކް އޮފް ކޮންގޯއަށް ވިސާ ދޫކުރުން ހުއްޓާލާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ