ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރްއެޗް) އިސްނަގައިގެން އެ އަތޮޅުގެ ހުރިހާ ރަށެއްގައި ގައިނިކޮލޮޖިސްޓުން (އަންހެނުންގެ ހާއްސަ ޑޮކްޓަރުން) ހިމެނޭ ގޮތަށް ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އައުޓްރީޗް ޕްރޮގުރާމެއް ހިންގަން ނިންމައިފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މަޤްސަދަކީ ހދ އަތޮޅުގެ ރައްޔިތުންނަށް ފުރަބަންދުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ އަދި ފެރީ ދަތުރުތައް ނުފަށާތީ ހުރިހާ ރަށަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ވަނީ ވިދާޅުވެފަ އެވެ.
އަހުމަދު ވިދާޅުވީ މި ދަތުރުތަކުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ އިތުރުން އެ ރަށަކުން ރިކުއެސްޓްކުރި ސްޕެޝަލިސްޓްވެސް ހިމަނާފައި ވާނެކަމަށެވެ.
މި ދަތުރުތައް އެންމެ ފުރަތަމަ ފަށަން ނިންމާފައިވަނީ އެންމެ ދުރުގައި އޮންނަ މަކުނުދޫ އިންނެވެ.
އަދި ކޭއާރްއެޗްގެ އަމާޒަކީ ޕޯޓަބްލް ސްކޭން މެޝިންއަކާއެކު ސްކޭން ވެސް ކުރެވޭނޭހެން މި ދަތުރުތައް އެޅުންކަމަށް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.
މި ދަތުރުތަކުގައި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ޖުމްލަ 12 ރަށަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ހިމެނޭގޮތަށް ސްޕެޝަލިސްޓުން ދަތުރުކުރައްވާނެ އެވެ.
ރިކޯޑުތަކުން ދައްކާގޮތުގައި ކުޅުދުއްފުށި ނުލައި އަތޮޅު ތެރޭގައި މި ވަގުތު 91 މާބަނޑު މީހުން އެބަތިއްބެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)