ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ އާ ވާރޑް އިމާރާތެއް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މިދިޔަ އަހަރުގެ ނޮވެބަރު މަހު ސޮއި ކުރި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފައްޓާފައިވަނީ މިއަހަރުގެ މެއި 17 ވަނަ ދުވަހުގަ އެވެ. ހަ މަސް ދުވަހުން ނިންމާ ގޮތަށް ހަވާލު ކޮށްގެން ހިންގޭ ޕްރޮޖެކްޓްގެ އަގަކީ 30.3 މިލިޔަން ރުފިޔާ އެވެ.
ކޭ އާރުއެޗުން ބުނިގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން އެނދުގެ ވާރޑް އިމާރާތެއް އެޅުމާއި (ދެ ބުރިއަށް)، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ އެވެ.
ހަމައެހެންމެ މި ޕްރޮޖެކްޓަކީ 100 އެނދުގެ އާ ޓާޝިއަރީ ހޮސްޕިޓަލު ޕްރޮޖެކްޓް ކުރިއަށް އޮތުމާއެކު، މި ވަގުތު ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ޒަމާނާ ގުޅޭ ބައެއް ކަހަލަ ބަދަލުތައް ގެނެސް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ހިތްހަމަޖެހުން އިތުރުވެގެން ދާނެ ފަދަ ޕްރޮޖެކްޓެއް ކަމަށް ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ވަނީ ވިދާޅުވެފަ އެވެ.
އަދި މިފަދަ ޚައްސާސީ ވަގުތެއްގައި ވެސް މި ޕްރޮޖެކްޓް ފެށިގެން ދިއުމަކީ ނުހަނު އުފާ ކުރާ ކަމެއް ކަމަށްވެސް އޭނާވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)