ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މޯލްޑިވް ގޭހުގެ ފަރާތުން އޮކްސިޖަން ޕްލާންޓެއް ބަހައްޓައި އިއްޔެ ހިދުމަތް ދޭން ފަށައިފިއެވެ.
ކޭއާރްއެޗްގައި ޤާއިމްކުރި އޮކްސިޖަން ޕްލާންޓަކީ އަތޮޅު ތެރޭގައި ބެހެއްޓުނު އެންމެ ފުރަތަމަ މެޑިކަލް ގޭސް ޕްލާންޓެވެ. އަދި އޮކްސިޖަން ޕްލާންޓުން، އެ ސަަރަހައްދުގެ ތިން އަތޮޅަކަށް ހިދުމަތް ދޭނެއެވެ.
މި އޮކްސިޖަން ޕްލާންޓް ކޭއާރްއެޗްގައި ބަހައްޓާފައިވަނީ މޯލްޑިވްސް ގޭހުގެ ފަރާތުންނެވެ.
ހޯމަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ގޭސްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް ވިދާޅުވީ މި ހިދުމަތް ޑީސެންޓްރަލައިޒް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެންގެވީ ކޮވިޑްގެ ހާލަތުގައި މާލެއިން އަތޮޅުތަކަށް ތަކެތި ސަޕްލައި ކުރުމުގައި ކުރިމަތިވި ދަތިތަކާހެދި، މި ހިދުމަތަކީ ކޮންމެހެން ވެސް ސަރަހައްދީ ހޮސްޕިޓަލް ތަކުން ލިބެން ހުންނަން ޖެހޭ ހިދުމަތް ތަކަކަށް ވާތީ ކަމަށެވެ. އަދި މިކަން ފާހަގަ ކުރައްވާ އިކްރާމް ވަނީ ރައީސް ޞާލިހަށާއި ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމަށް ޝުކުރު އަދާ ކުރައްވާފައެވެ.
މީގެ އިތުރުން މި ހިދުމަތް ޑީސެންޓްރަލައިޒްކޮށް ބޮޑެތި ސަރަހައްދުތަކަށް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި އިކްރާމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ދެކުނުގެ އައްޑޫ ސިޓީ އާއި ލ އަތޮޅާއި ތިނަދޫގައި މި ހިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމުގައި ވިދާޅުވިއެވެ.
މި އޮކްސިޖަން މި ޕްލާންޓް ހުޅުވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުލް ލަތީފެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)