އޯ.އައި.ސީ. ހެލްތް މިނިސްޓަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހެލްތް މިނިސްޓަރުންގެ 8 ވަނަ ބައްދަލުވުން 2021 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ ޔޫ.އޭ.އީގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށްކުރިއަށްދިޔަ އޯ.އައި.ސީ.ގެ 7 ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ އެންޓިވެކްސިން ކެމްޕެއިންއާއި ގުޅިގެން މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން ހުށަހަޅުއްވާދެއްވާފަ އެވެ.
މި ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަބޫދާބީގައި ބޭއްވި މި ބައްދަލުވުމަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކުއަލިޓީ އޮފް ލައިފް" އެވެ. މި ޝިޢާރުގެ މަޤްސަދަކީ "ކުއަލިޓީ އޮފް ލައިފް"ގެ ދަށުން އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބެލުމެވެ. އަދި މި ކޮންފަރެންސް މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)