ކުޅުދުއްފުށީ ވެގެންދާނެ ރާއްޖޭގެ އުތުރުގެ އެންމެ ވަރުގަދަ ސިއްޙީ މަރުކަޒަށް – މިނިސްޓަރ އަމީން
ނަބީލް އިބްރާހިމް
ޝާއިޢު ކުރީ: 02/12/2019
Kulhudhuffushi Regional Hospital Health minister Abdulla Ameenކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ދިވެހިރާއްޖޭގެ އުތުރުގައި އެންމެ ވަރުގަދަ ސިއްޙީ މަރުކަޒަށް ވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް މި ޑިސެމްބަރު މަހު ހޮސްޕިޓަލުގެ ކުރެހުންތައް ކުރަހާ ގެންނަން ޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކާ ހަވާލުކުރެވިގެން ފަށާނެއެވެ.
"ޑިސެމްބަރު 5 ވަނަ ދުވަހު މިހާރު އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ހަމަމިއާއެކު އެމް.އާރް.އައި އަދި މެމޯގްރަފީގެ ހިދުމަތްތައް ގެނައުމަށްޓަކައި ސަރުކާރުގެ ވަސީލަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއި ހަވާލުކުރެވިއްޖެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވެންޓިލޭޓަރާއި ހޮސްޕިޓަލަށް ބޭނުންވާ ބޮޑެތި ބަދަލުތައް ޑިސެމްބަރު މަސްތެރޭ ފެށޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށިފަހުން މާލެއަށް ހިދުމަތް ހޯދަން އަންނަ މީހުންގެ އަދަދު 60% ދަށަށް ދިޔުމަކީ ކުރިއެރުމެއްކަމަށްވެސް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)