އައިޖީއެމްއެޗުން ވަނީ ކެންސަރު ބަލީގެ ބަލިމީހަކަށް ފަރުވާ ނުދެވި އައިޖީއެމްއެޗުގައި ބަލިމީހާ މަރުވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް މިއަދު ބަޔާނެއް ނެރެފި އެވެ.
އެ ހޮސްޕިޓަލުން މިހެން ބުނީ ފުވައްމުލަކު ހޮސްޕިޓަލުން މާލޭގެ އެ ހޮސްޕިޓަލަށް ގެނައި ބަލި މީހަކަށް އެއްވެސް ފަރުވާއެއް ނުދީ އޮއްވާ މަރުވެފައިވާ ކަމަށް އާއިލާއިން ކުރި ތުހުމަތުތަކެއް މީޑިއާގައި ރިޕޯޓު ކުރުމުންނެވެ.
ބަލިމީހާ މަރުވުމާ ގުޅިގެން އާއިލާ އަށް ލިބިފައިވާ ހިތާމާގައި ބައިވެރިވާކަން ހާމަކޮށް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ އެ ކޭސް އާއި ގުޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ކަމަށެވެ.
ނަމަވެސް، އާއިލާގެ ފަރާތުން ބުނީ މަރުވި އެ މީހާގެ ހަދަންޖެހޭ ޓެސްޓުތައް އައިޖީއެމްއެޗުން ނަހަދާ ލަސްކޮށް، ހާލު ސީރިއަސް ނޫން ކަމަށް ބުނި ކަމަށެވެ.
އާއިލާގެ ރިޕޯޓަށް ނިސްބަތްކޮށް އައިޖީއެމްއެޗުގެ ބަޔާނުގައި ބުނީ ބަލިމީހާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށާއި ބަލިމީހާ ދުނިޔެ ދޫކުރީ ފަރުވާއެއް ނުލިބި، އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަތާ ހަ ދުވަސްފަހުން ކަމަށް ބުނާ ވާހަކައަކީ ހަގީގަތާިލާފު ވާހަކަތަކެއް ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ފުވައްމުލަކު ހޮސްޕިޓަލުން އެ ހޮސްޕިޓަލަށް ގެނައި ބަލި މީހާއަކީ އެޑްވާންސް ކެންސަރު ބަލީގެ މީހެއް ކަމަށް ރިފާ ކޮށްފައިވާ މީހެއް ކަމަށާއި އެ ކޭހަކީ ސީރިއަސް ކޭހެއް ނޫން ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.
"ކޮވިޑް19 އާއި ގުޅިގެން މި ހޮސްޕިޓަލުން އާންމުކޮށްދޭ ގިނަ ހިދުމަތްތަކެއް މިވަގުތު ހުއްޓާލާފައިވީ ނަމަވެސް، ލަސްތަކެއް ނުކޮށް ސީޓީ ސްކޭނެއް ހަދައި ބަލިމީހާގެ ހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރާއި މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާނަމަ، ދެން ދިމާވެދާނެ ކަންތައްވެސް އާއިލާއަށް ކިޔާދީފައިވާނެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ މީހާ އެންމެ ފުރަތަމަ އެ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދައްކާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށާއި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ 29 ގައި ކަމަށެވެ. އެހެން ކަމުން އެ މީހާ މަރުވީ ފަރުވާ ދެމުން ދަނިކޮށް އަދި އެޑްމިޓް ކުރިތާ ދެވަނަ އަށް ވީ ދުވަހު ކަމަށެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް ބަލިމީހަކު މަރުވުމަކީ، ހޮސްޕިޓަލުގައި ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންއަދި އެހެން މުވައްޒަފުންނަށްވެސް ބޮޑު ހިތާމަޔެއް ކުރިމަތިވާ ކަމެއް ކަމަށާއި އާއިލާގެ ހިތަމާގައި ހޮސްޕިޓަލުން ބައިވެރިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އައިޖީއެމްއެޗުގެ ބަޔާނުގައި އެފަދަ މައްސަލަތައް ރިވިއުކޮށް އިސްލާހު ކުރަންޖެހޭ ކަންކަން ބަލައި މިހާރަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލާނެ ކަމަށް ބުނެފައިވާއިރު އެ ހޮސްޕީޓަލުން ބަހެއް ނުބުނަނީސް އެ މީހާގެ ވާހަކަ މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ ކަންބޮޑުވި ކަމަށް ބުނެފައި ވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)