މާލެ ސަރަހައްދު ލޮކްޑައުން އަށް ދިޔުމާއި ވިދިގެން ފެނިގެން ދިޔައީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އިންޓަރނެޓްގެ ޒަރިއްޔާއިން ހިދުމަތްތައް ފޯރުކޮށްދެން މަސައްކަތް ފެށިތަނެވެ.
އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި އޮންލައިންކޮށް ފިޒިޔޯތެރަޕީ (ޓެލެފިޒިއޯ) ގެ ހިދުމަތް ދޭން ފަށައިފިކަމަށް އެހޮސްޕިޓަލުން މިއަދު އިއުލާނު ކޮށްފިއެވެ.
އައިޖީއެމްއެޗް އިން ބުނެފައިވަނީ މިހިދުމަތުގެ ދަށުން ބަލިމީހާއަށް ލިބިފައިވާ އަނިޔާ ނުވަތަ ބަލި ދެނެގަތުމަށްފަހު އެންމެ އެކަށޭނެ ކަސްރަތުތައް ބުނެދީ ރަނގަޅަށް ކުރޭތޯ ބަލާނެކަމަށެވެ. އަދި ގޭގައި ކުރެވިދާނެ ކަންކަން ކިޔައިދީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ފެންނަ ބަދަލުތައްވެސް ކިޔައިދޭނެކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗް އިން ބަލިމީހުން ރަނގަޅުވަމުން އަންނަ މިންވަރު ގަވާއިދުން ބަލާ، ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެނެސްދޭނެ އެވެ.
މިފަދަ ހިދުމަތެއް އޮންލައިންކޮށް ލިބުމަކީ ދަތުރުފަތުރު ކުރުން ހުއްޓިފައިވާ ވަގުތެއްގައި ގިނަބަޔަކަށް ފަސޭހަ ވެގެން ދާނެ ކަމެކެވެ.
އައިޖީއެމްއެޗް އިން ބުނެފައިވަނީ މިހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00-13:00 އަށް ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 7924949 އަށް ގުޅުމަށްވެސް އެހޮސްޕިޓަލުން އެދިލައިފައިވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)