ކޮވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ބަލިމީހުން ވެންޓިލޭޓަރުން ނައްޓާލައި ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދޭކަމަށް ދެކެވެމުންދާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ބަލިމީހުން ވެންޓިލޭޓަރުން ނައްޓާލައި ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދޭކަމަށް ބުނެ މީސްމީޑިޔާގައި ދާދިފަހުން ވަނީ ވާހަކަތަކެއް ފެތުރިފަ އެވެ.
މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ބުނީ ދިގު މުއްދަތަކަށް ވެންޓިލޭޓަރގެ އެހީ ބޭނުންވާ ބަލިމީހުންގެ ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިކަމަކީ ކޮވިޑް-19 އާއި ގުޅިގެން ކުރާކަމެއް ނޫން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ޓްރެކިއޯސްޓޮމީ އަކީ ނޭވާލާ ހޮޅި ސާފުކުރުމަށް ނުވަތަ ފުއްޕާމެއަށް އޮކްސިޖަން ފޮނުވައި ދިނުމަށް ދޭ ސިއްހީ ފަރުވާއެކެވެ. މިއީ ބަލިމީހާގެ ކަރުގެ ބޭރުން ތަންކޮޅެއް ކަފާލުމަށްފަހު ބަލިމީހާގެ ވިންޑްޕައިޕަށް ހޮޅިއެއް ލެއްވުމަށް ކިޔާ ނަމެކެވެ.
އައިޖީއެމްއެޗުން ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)