މަރްޔަމް ޢަދީލާ
ޝާއިޢު ކުރީ: 24/12/2019
IGMH Aquatic Physiotherapy Physiotherapy Dr. Aishath Mahfoozaރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްއިން ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން މިފެށި ހިދުމަތާއި ގުޅޭގޮތުން ޑޮކްޓަރ.އެމްވީ އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ ޕްރިންސިޕަލް ފިޒިއޮތެރަޕިސްޓް ޑރ. އައިޝަތު މަހުފޫޒާ ވިދާޅުވީ އަލަށް މި ފެށި އެކުއެޓިކް ފިޒިއޮތެރަޕީއަކީ ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަމަށެވެ.
އެގޮތުން އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ދިނުމަށް އައިޖީއެމްއެޗްގެ ދަރުމަވަންތަ ކޮމްޕްލެކްސްގެ ހަތަރު ވަނަ ފްލޯގައި ހާއްސަ ސްވިމިން ޕޫލް އެއް ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވާ ޑރ. މަހުފޫޒާ ވިދާޅުވީ މި ކަސްރަތުތައް ކުރުމަށް ތައްޔާރުކޮށްފައިވާ ޕޫލްގެ ޓެމްޕަރޭޗަރ ހުންނާނީ 34 ޑިގްރީގައި ކަމަށެވެ. އަދި ޕޫލްގެ ފެންގަނޑުގައި ހުންނަ ހޫނުކަމުގެ ސަބަބުން ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސްފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މިހާރު މިފެށީ ގްރޫޕް ކަސްރަތުތަކެއް. އެއީ އުނަގަނޑުގައި ރިއްސާ އަންހެނުންގެ ކަސްރަތު ކްލާސް މި ފެށީ. މި އަންނަ ހަފްތާގައި އިރާދަކުރެއްވިއްޔާ ފިރިހެނުންގެ ކަސްރަތު ކްލާސް ފަށާނަން. އަދި ކަކުލުހުޅުގެ ލިގަމެންޓް ލައްވާފައި ތިބޭ މީހުންނާއި ކަކުލުހުޅު ބަދަލުކޮށްފައި ތިބޭ މީހުންގެ ގްރޫޕް ކަސްރަތު ކްލާސް ފެށުމަށް ގަސްތުކޮށްފައިވޭ" އިއްޔެފެށި އެކުއެޓިކް ފިޒިއޮތެރަޕީ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. މަހުފޫޒާ ވިދާޅުވިއެވެ.
ޑރ. މަހުފޫޒާ އެކުއެޓިކް ފިޒިޔޮތެރަޕީ ހަދަންޖެހޭ ބަލިމީހުންނަށް އެކުއެޓިކް ފިޒިއޮތެރަޕީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ 8 ހަފްތާ ވަންދެން ހަފްތާއަކު ތިންދުވަހު ކަމަށެވެ. ހަމައެހެންމެ ސެޝަންތައް ކުރިއަށް ގެންދާނީ ދެ ޖިންސު ވަކިކޮށް ކަން ފާހަގަކުރައްވާ ޑރ. މަހުފޫޒާ ވިދާޅުވީ، މި ހަފްތާގައި ސެޝަންތައް ހަމައެކަނި އަންހެނުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ނަމަވެސް އަންނަ ހަފްތާއިން ފެށިގެން ފިރިހެނުންގެ ހާއްސަ ސެޝަންތައް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑރ. މަހުފޫޒާ ވިދާޅުވީ ޑޮކްޓަރުން ފިޒިއޮތެރަޕީ ހެދުމަށް ޕޭޝަންޓުން ފޮނުވުމުން، އެކަމަށް ހާއްސަ ޕްރޮޓޮކޯލްއެއްގެ ދަށުން އެކުއެޓިކް ފިޒިޔޮތެރަޕީ ހެދުމަށް އެޕޭޝަންޓަކު ފިޓުތޯވެސް ބެލުމަށް ހާއްސަ ސްކްރީން އެއް ކުރާނޭ ކަމަށެވެ.
"ޑޮކްޓަރުން ޕޭޝަންޓުން ފިޒިއޮތެރަޕީއަށް ފޮނުއްވުމުން، ފިޒިޔޮތެރަޕިސްޓުން އެބަޖެހޭ ޕޭޝަންޓަކީ ޕޫލަށް އެރެވޭނެ ފަދަ މީހެއްތޯ ސްކްރީން ކުރަން. އެގޮތުން ވަކި ޕްރޮޓޮކޯލްއެއްގެ ދަށުން ފިޒިޔޮތެރަޕިސްޓުން އެ ޕޭޝަންޓަކު ސްކްރީންކޮށް ހަމުގެ ބައްޔެއް ހުރިތޯ ނޫނީ ލޭ މައްޗަށް ދާ މީހެއްތޯ. ނުވަތަ ކުޑަކަމުދިއުމުގައި މައްސަލައެއް ހުރި މީހެއްތޯ މިފަދަ ބައިވަރު ކަންތައްތައް ބެލުމަށްފަހުގައި އެކުއެޓިކް ފިޒިއޮތެރަޕީއަށް އެ ޕޭޝަންޓަކު ފިޓު ނަމަ ސެޝަންތަކުގައި ބައިވެރިކުރަނީ". އެކުއެޓިކް ފިޒިއޮތެރަޕީގެ ކްލާސްތަކުގައި ބައިވެރިވުމަށް އެދި ގިނަ ބަޔަކު އައިޖީއެމްއެޗަށް ގުޅަމުންދާކަން ފާހަގަކުރައްވާ ޑރ. މަހުފޫޒާ ވިދާޅުވިއެވެ.
އެކުއެޓިކް ފިޒިއޮތެރަޕީއަކީ ގްރޫޕްއެއް ގޮތަށް ސްވިމިން ޕޫލްއެއްގައި ކުރިއަށް ގެންދާ ސެޝަންތަކެއް ކަމުން މި ސެޝަންތައް ކުރިއަށް ގެންދާއިރު ކޮންމެ މީހެއްގެވެސް އަމިއްލަ ސާފުތާހިރުކަމަށް ހޮސްޕިޓަލުން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭނޭކަމަށް ވެސް ޑރ. މަހުފޫޒާ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ޕޫލަށް އެރުމަށް ވަކި ހެދުމެއް ހޮސްޕިޓަލުން ނުދިންނަމަވެސް އެމީހަކު ބޭނުންވާ ކަހަލަ ކަސްރަތު ކުރަން ފަސޭހަ ހެދުމެއް ލުމުގެ ފުރުސަތު ކޮންމެ ޕޭޝަންޓަކަށްވެސް ދޭނޭކަމަށް މަހުފޫޒާ ވަނީ ވިދާޅުވެފަ އެވެ. އަދި ޕޫލް އޭރިއާގައި ޗޭންޖިން ރޫމްވެސް ޤާއިމްކޮށްވާއިރު، އާއްމު އުސޫލުގެ މަތިން ޕޫލަށް އެރުމުގެ ކުރިން ހެދުމާއެކު ފެންވެރުމަށްވެސް އިރުޝާދު ދޭނޭކަމަށް ވެސް ޑރ. މަހުފޫޒާ ވަނީ ވިދާޅުވެފަ އެވެ. އަދި ސާފުތާހިރުކަމާއި ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާނުވާނޭ ކަމުގެ ޔަގީންކަންވެސް ޑރ. މަހުފޫޒާ ވަނީ ދެއްވާފައެވެ.
ޑރ. މަހުފޫޒާ ވިދާޅުވީ ފުރަތަމަ ދުވަހުގެ ސެޝަންތަކަށް ފަހުގައި ޕޭޝަންޓުންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތައް ލިބިފައިވާ ކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)