އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން އިސްނަގައިގެން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އަދި ޕާރސަނަލް ރޭޑިއޭޝަން މޮނީޓަރިންގ ބެޖް ތައާރަފް ކޮށްފި އެވެ.
ޕާރސަނަލް ރޭޑިއޭޝަން މޮނީޓަރިންގ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތައާރަފް ކުރުމަށް އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތާއި ގުޅޭގޮތުން އައިޖީއެމްއެޗުން މިއަދު ނޫސްބަޔާނުގައި ބުނެފައިވަނީ މި ޕްރޮގްރާމްގެ ސަބަބުން އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އިތުރު ޔަގީން ކަމެއް ލިބިއްޖެ ކަމަށެވެ. އަދި މި ބެޖުން ރޭޑިއޭޝަންއާއި ގުޅުންހުރި މުވައްޒަފުން، ރޭޑިއޭޝަނަށް ހުށަހެޅޭ މިންވަރު ދެނެގަނެ އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދޭނޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީ.އީ.އޯ އިބްރާހިމް ސަލީމް ވިދާޅުވީ ހޮސްޕިޓަލުން ކޮލިޓީ ހިދުމަތެއް އާއްމުންނަށް ފޯރުކޮށްދެވޭނީ، ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަޅަންޖެހޭ މިފަދަ ފިޔަވަޅުތަކަށް ހޭލުންތެރިކޮށްގެން ކަމަށެވެ.
އަދި އައިޖީއެމްއެޗްގެ ފެންވަރު ރަގަޅު ކުރުމަށް "ނެޝަނަލް އެކްރެޑިއޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތްކެއާ ޕްރޮވައިޑާސް" ގެ މިންގަނޑުތަކާއި އެއްވަރަށް ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރަމުން އަންނަކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)