އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައޖީއެމްއެޗް)ގައި އިއްޔެ އާއި ރޭ ދެކުދިން ނިޔާވެފައިވާ ކަމަށާއި، އެ ދެ ކުދިން ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރިންކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގައި ވިހެއުމުގެ ތެރޭގައި ދެ ކުދިން ނިޔާވެފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެ ހޮސްޕިޓަލްގައި އިއްޔެ އާއި ރޭ ވިއްސި ކުދިންގެ ތެރެއިން ދެ ކުއްޖަކު ނިޔާވެފައިވާ ކަމަށެވެ. އަދި މިފަދަ ކޮންމެ ޕެރިނޭޓަލް މަރުގެ ފުރިހަމަ ތަހްޤީޤެއް އެ ހޮސްޕިޓަލުން އަބަދުވެސް ކުރިއަށް ގެންގޮސްފައިވާނޭ ކަމަށެވެ.
މީގެއިތުރުން އައިޖީއެމްއެޗްގެ ނޫސް ބަޔާނުގައި ވަނީ މިފަދަ ކޮންމެ މަރެއްގެ ވެސް ތަފްސީލު އާއިލާއިން ބޭނުންވެއްޖެނަމަ ހިއްސާ ކުރެވެމުންދާނޭ ކަމަށެވެ. އަދި ޕެރިނޭޓަލް މަރަކީ ހޮސްޕިޓަލްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ ކަމާއިބެހޭ ކޮމިޓީން ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުންދާ ކަމެއްގެ ގޮތުގައިވެސް އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ.
ރޭ ނިޔާވި ތުއްތު ދެ ކުދިންގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި އައިޖީއެމްއެޗްގެ މުވައްޒަފުން ބައިވެރިވާކަމަށްވެސް މި ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ހޮސްޕިޓަލުގައި ފުރާނައެއް ވަކިވާ ކޮންމެ ފަހަރަކީ މުޅި ހޮސްޕިޓަލަށްވެސް އެކަމުގެ ހިތާމަކުރުވާ ކަމެއް ކަމަށްވެސް މި ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)