އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމްކޮށްފައިވާ ސްޓްރޯކް ކްލިނިކް ގައި 46 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ދުނިޔޭގެ ސްޓްރޯކް ދުވަހާއި ގުޅިގެން އެހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ ތެރެއިން 40 މީހުންވަނީ އެނދުމަތި ކުރެވި ފަރުވާ ދެވިފައިކަމަށެވެ.
މިއަހަރުގެ އޮގަސްޓް 17 ގައި އައިޖީއެމްއެެޗްގައި ވަނީ 24 ގަޑިއިރު ހިދުމަތްދޭ ސްޓްރޯކް ސެންޓަރެއް ޤާއިމްކޮށްފައެވެ. މިސެންޓަރުގައި ހަ އެނދު ހިމެނޭއިރު އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ދެ އެނދެވެ.
މި ސެންޓަރުން ސްޓްރޯކަށްފަހު އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަވުމަށް ބޭނުންވާ ފިޒިއޮތެރަޕީ އާއި ސްޕީޗްތެރަޕީގެ އިތުރުން ޑައެޓިކްސް (ކެއުން ބުއިމުގެ އާދަތައް ގެންގުޅެންޖެހޭ ގޮތް) ފަދަ މުހިއްމު ހިދުމަތްތައް ދޭއިރު ކުރިއަށް އޮތްތަނުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ސޯޝަލް ވޯކަރުންގެ ހިދުމަތްވެސް މި ސެންޓަރުން ދޭނެ އެވެ.
އައިޖީއެމްއެޗުގެ ސްޓްރޯކް ސެންޓަރާއެކު މިދިޔަ މަހު އެ ހޮސްޕިޓަލުގައި ވަނީ ސްޓްރޯކު ކްލިިނިކެއްވެސް ގާއިމްކޮށްފައެވެ. މި ކްލިނިކަކީ ސްޓްރޯކަށް ފަރުވާދީ ދޫކޮށްލާ ބަލިމީހުންނަށް ގަވައިދުން ފަރުވާ ދޭން ގާއިމްކުރި ކްލިނިކެކެވެ. މި ކްލިނިކުގައި މިހާތަނަށް 46 މީހަކަށް ފަރުވާދީފައިވެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)