ބަލިމީހުންނާއި ގުޅުވައިގެން ދޮގު ވާހަކަ ނުފެތުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި
ޓްރީޓޮޕް ހޮސްޕިޓަލްްގައި އެޑްމިޓްކޮށްފައި ތިބި ބަލި ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކަމަށާއި އެ ދެ މީހުންނާ އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމާ ގުޅުމެއް ނެތް ކަމަށް އަައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ ވެރިންނާއި، ޑޮކްޓަރުން އަދި އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ބަލިމީހުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އައިޖީއެމްއެޗް އިލްތިމާސްކޮށް މިއަދު ބަޔާނެއް ނެރެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެ ޕޭޝަންޓަކާ މެދު "ދިވެހި ޗެނަލް" އިން ރޭގެ ވަގުތެއްގައި ގެނެސްދީފައިވާ ހަބަރަކާ ގުޅިގެންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 18 ވަނަ ފްލޯގައި ދެ މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ އެ ދެ މީހުންނަކީ ސަލީމްގެ އާއިލާގެ މީހުން ކަމަށް ވާތީ ކަމަށް ދޭހަވާ ގޮތަކަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ހަބަރަށް ރައްދުދީ އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދެ މީހުންނަކީ ސަލީމްގެ އާއިލާގެ ބޭފުޅުން ކަަމަށް ރިޕޯޓްކޮށްފައި ވިޔަސް އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އެކަމަކު އެއީ ހޮސްޕިޓަލްގައި ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓްރީކޮށް އެޑްމިޓްކޮށްގެން އުސޫލުތަކާ އެއްގޮތަށް ފަރުވާ ދެމުން އަންނަ ދެ ޕޭޝަންޓުން ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.
އަދި އެ ޕޭޝަންޓުންނަކީ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އާއިލީ ބޭފުޅުން ކަމުގައި ދިވެހި ޗެނަލުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އެއީ ކަނޑައެޅުގެން ދޮގެއް ކަމަށް ބަޔާނުގައިވެއެވެ. އައިޖީއެމްއެޗް އިން ބުނީ ހޮސްޕިޓަލުގެ ސީއީއޯ އާއި އެ ދެ ޕޭޝަންޓުންނާ އާއިލީ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"... އަދި މި ޕޭޝަންޓުންނަކީ އާސަންދައިން ކަވަ ނުކުރާ ޕްްރައިވެޓް ރޫމް ޗާޖް ފަދަ ހަރަދުތައް ވެސް ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތައް ކަން ފާހަގަ ކުރަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި އިތުރަށް ވަނީ ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާ މިވަގުތުގައި ދޮގުވާހަކަ ފެތުރުމުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށް ބުނެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)