އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙީ ތަޖުރިބާކާރުން
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 12/01/2020

ޑރ. މުހައްމަދު އައްޒާމް އާއެކު އެޕޮއިންޓްމެންޓެއް (ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ)

ޑރ. މުހައްމަދު އައްޒާމް އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކައް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ނޭޕާލްއިން ސްޕެޝަލައިޒްވުމަށްފަހު ޑރ. އައްޒާމް ރާއްޖެ ވަޑައިގަތީ މިދާއިރާ އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ އަޒުމުގައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 12/01/2020

IGMH Dr Mohamed Azzam Ophthalmologist
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކަށް ވާން ބޭނުންވީ ކީއްވެގެން ތޯ؟

އަޅުގަނޑު އެންމެ ކުރިން ދާން ބޭނުންވީ ސާޖަރީގެ ދާއިރާއިންނެވެ. އެއީ ކުރަން ވަރަށް ގަޔާވި ދާއިރާއެކެވެ. އެމް.ބީ.ބީ.އެސް ހެދުމަށްފަހު 2 އަހަރަށް ވުރެ ގިނަދުވަސް މަސައްކަތްކުރީ އައިޖީއެމްއެޗްގެ އެމަރޖަންސީ ރޫމް (އީ.އާރް) ގައެވެ. މިހެން އުޅުމުގެ ތެރޭގައި އެތަކެއް ކަންކަމާ ދިމާވެ، ރާއްޖޭގައި ޑޮކްޓަރުން އުޅޭގޮތް ފެނި، ހޮސްޕިޓަލުގެ އެކި އޭރިއާތައް ތަޖުރިބާ ކުރުމުގެ ނަސީބު ލިބުނެވެ. ޑޮކްޓަރެއްގެ ގޮތުން މިގޮތަށް ލޯ ހުޅުވި ތަޖުރިބާ ލިބެން ޖެހެއެވެ.

ލޮލުގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޅުގަނޑަށް ލިބުނީ ނޭޕާލް އިން ސްކޮލަޝިޕްގެ ފުރުސަތެކެވެ. ހަމަ މިއާއެކު އަޅުގަނޑާ އެއްކޮށް މަސައްކަތް ކުރި ޑޮކްޓަރުންގެ ލަފާގެ މަތިންނާއި، ރާއްޖޭގައި ލޮލުގެ ޑޮކްޓަރުން މަދުވުމުގެ ސަބަބުން އަޅުގަނޑު މިދާއިރާ ޚިޔާރު ކުރީއެވެ. އަދި ލޮލުގެ ޚާއްސަ ޑޮކްޓަރަކަށް ވުމުން ބަލިމީހުން ބެލުމާއެކު ސާޖަރީ ކުރަންވެސް އަޅުގަނޑަށް ފުރުސަތު ލިބިގެންދާނެތީވެއެވެ.

ރާއްޖޭގެ ގިނަ ޑޮކްޓަރުން ކިޔެވީ ނޭޕާލްއިންނެވެ. އަދި އަޅުގަނޑަށް ފުރުސަތު ލިބުނު ޔުނިވާސިޓީ- ތިލްގަންގާ އިންސްޓިޓިއުޓް އޮފް އޮފްތަލްމޮލޮޖީ އަކީ މިރީޖަންގެ ޓްރެއިނިންގް އެންމެ ރަނގަޅު އެއް ޔުނިވާސިޓީއެވެ. މިތަނުގައި ކިޔަވާ ޑޮކްޓަރަކަށް ވަރަށް ގިނަ ވައްތަރުގެ އަމަލީ ތަޖުރިބާ ލިބެއެވެ. އެހެންކަމުން މިފަދަ ފުރުސަތެއް ލިބުމުން އަޅުގަނޑު ނިންމީ މިޔުނިވާސިޓީއަށް ދާށެވެ.

ޑރ. އައްޒާމް އިންޓާންޝިޕް އަހަރު ފުރިހަމަ ކުރެއްވީ ބަންގްލަދޭޝްގައެވެ.

އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ލޮލުގެ ޚާއްސަ ޑޮކްޓަރުންނަކީ އެހެން ޑޮކްޓަރުންނާ އަޅާ ކިޔާއިރު މާއުފާވެރި ހިތްހަމަޖެހޭ މާހައުލެއްގައި މަސައްކަތް ކުރާ ޑޮކްޓަރުންނެވެ. ޑރ. އައްޒާމްގެ ތަޖުރިބާއަކީ ކޮބައިތޯ؟

އަޅުގަނޑުގެ ތަޖުރިބާއިން މަސައްކަތުގެ މާހައުލުގައި އަޅުގަނޑުގެ ހިތްހަމަޖެހުން އޮތީ މެދުމިންވަރަކަށެވެ. މިކަމުގެ ސަބަބަކީ ޚާއްސަވާ ދާއިރާއެއް ނުވަތަ ސްޕެޝަލްޓީއަކަށް ވުރެ ބޮޑަށް، ރާއްޖޭގައި މަސައްކަތްކަތުގެ މާހައުލުއެވެ. ރާއްޖޭގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު ގޮން ޖެހުމެކެވެ. 

އައިޖީއެމްއެޗްއަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި ޓާޝިއަރީ ރެފެރަލް ސެންޓަރެވެ. އެހެންކަމުން އަޅުގަނޑުމެން ވަރަށް ގިނަ ކޭސްތަކާއި ކުރިމަތިލާންޖެހި، ބަލިމީހުންނަށް ފަރުވާ ދޭންޖެހެއެވެ. ސަބަބަކީ ތިބެންޖެހޭ ވަރަށް މުވައްޒަފުން އަދި ހުންނަން ޖެހޭ މެޝިނަރީތައް ނެތުމެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިހާތަނަށް އެންމެ ފުރިހަމައަށް ހޮސްޕިޓަލްގެ މަސައްކަތްތައް ކުރެވިފައެއް ނެތެވެ. 

އާއްމުކޮށް ކޮންމެ ދުވަހެއްވެސް މިދަނީ ވަރަށް ބުރަކޮށެވެ. އެހެންނަމަވެސް އަޅުގަނޑާއެކު މަސައްކަތްކުރާ އެހެން ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި އަޅާ ކިޔާއިރު ކުޑަތަންކޮޅެއް މަސައްކަތް ލުޔެވެ. ސަބަބަކީ މިދާއިރާގައި ފުރާނައަށް ގެއްލުންވާ ބަލިތަކާއި ހާލަތްތައް މަދުވެ، ސްޕެސިފިކް ކޭސްތައް ހުރުމެވެ.

ދިވެހިރާއްޖޭގައި ފާހަގަކުރެވޭ އެންމެ އާއްމު ލޮލުގެ ބަލިތަކަކީ ކޮބައިތޯ؟

އެންމެ ގިނައިން ފާހަގަ ކުރެވެނީ އުމުރުން ދުވަސްވީ މީހުންގެ ކެޓަރެކްޓް އަދި ގްލައުކޯމާ ބައްޔެވެ. މެދުއުމުރާއި ޒުވާނުންގެ ތެރެއިން އާއްމުކޮށް ފެންނަނީ ރިފްރެކްޓިވް އެރާސް އެވެ.

މީގެ އިތުރުން ޓްރޯމާ ނުވަތަ އެމަޖެންސީ ހާލަތްތަކުގައި ގެނެވޭ މީހުންވެސް އާއްމެވެ. ބޯޅައަކުން ޖެހުން، މަސް ބާނާ ބުޅިއެއް ހެރުން ނުވަތަ ކެމިކަލް އެޅުން ފަދަ ހާދިސާތަކެވެ.

ހަމަމިއާއެކު މިދުވަސްވަރު ފްލޫ އާއްމުވުމުން ކޮންޖަކްޓިވައިޓިސް ބަލިވެސް ފާހަގަ ކުރެވެއެވެ. 

ގްލައުކޯމާ ބަލީގެ އެންމެ އާއްމު ވައްތަރަކީ ގިނަ ދުވަހުން ލޯފުސްވެ ލޮލުގެ ފެނުމުގެ ބާރު ކަނޑުވައިދޭ ވައްތަރެވެ. އެހެންކަމުން ގިނަ މީހުންނަކަށް މިބައްޔަކީ ކޮބައިކަމެއް އެނގިފައެއްނުވެއެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ މުޖުތަމައު ތެރޭގައި މިބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. އެއީ ގިނަފަހަރަށް މީހާއަށް އިހުސާސްވަނީ ވަގުތު ފާއިތިވާ ފަހުންނެވެ.

ގްލައުކޯމާ ބަލީގެ ދެވަނަ ވައްތަރަކީ ކުއްލިއަކަށް ލޮލަށް ތަދުވެ ލޯ ފުސްވާން މެދުވެރިވާ ވައްތަރެވެ. ގިނަފަހަރަށް މީހުންނަށް ތަދު އިހުސާސްވެ ރަނގަޅުވުމުން ޑޮކްޓަރަށް ނުދައްކާ ފަސްކުރުން މިއީ އާއްމުކަމެކެވެ. ޑޮކްޓަރު ކައިރިއަށް ދަނީ މާލަސްވާ ފަހުންނެވެ. 

ގަވާއިދުން ލޮލުގެ ޗެކަޕެއް ހެދުމަކީ މުހިއްމުކަމެކެވެ. އައިނު އަޅާ ފަރާތްތަކުން ހަމައެކަނި އައިނު ނަންބަރު ނެގުމަކުން ނުފުދޭނެއެވެ. ލޯ ތެރެއާއި ލޮލުގެ ނާރުތައް ޗެކް ނުކުރާކަމުގައި ވަނީނަމަ މިބަލިތަކެއް ފާހަގައެއް ނުކުރެވޭނެއެވެ. 

އަޅުގަނޑު ލަފާ ދޭނީ ލޮލުގެ މައްސަލައެއް ނޫޅޭނަމަ ކޮންމެ ދެ އަހަރަކުން ޗެކަޕެއް ހެދުމަށެވެ. އައިނު އަޅާ ފަރާތްތަކުން އަހަރަކު އެއްފަހަރު ލޮލުގެ ޚާއްސަ ޑޮކްޓަރެއް ލައްވާ ލޮލުގެ ޗެކަޕެއް ހެދުމެވެ. ބައްޔެއް ހުންނަ ފަރާތްތަކުން ޑޮކްޓަރުގެ ލަފާގެ މަތިން ގަވާއިދުން ޗެކަޕް ހަދަންވާނެއެވެ.

ލޮލަށް އެއްޗެއް ވަދެއްޖެނަމަ އެންމެ ރަނގަޅީ އޭތި ނުނަގާ ޑޮކްޓަރަށް ދެއްކުމެވެ. ބައެއް ފަހަރު ނަގާ ގޮތަކުން ލޮލުގެ ތެރޭ ހުންނަ ބައިތަކާ އެކީ ނުކުމެއެވެ. އެފަދަ ހާލަތްތަކުގައި ޑޮކްޓަރަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. ނަމަވެސް ވަދެފައިން އެތި ނުނަގާ ވީހާވެސް އަވަހަކަށް ޑޮކްޓަރާ ހަމައަށް އާދެވިއްޖެނަމަ ލޮލަށް އެންމެ ކުޑަކޮށް ގެއްލުންވާ ގޮތަށް ސާޖަރީ ކޮށްގެން ނެގޭނެއެވެ. 

ޑޮކްޓަރ ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވިއިރު އެންމެ ހަނދާނުން ފޮހެލައްވަން އުނދަގޫވި ހާދިސާއަކީ ކޮބައިތޯ؟

އަޅުގަނޑު ކައިރިއަށް އުމުރުން ދުވަސްވީ އަންހެން ބޭފުޅަކު ވަޑއިންނެވިއެވެ. ހަނދާންވާ ގޮތުގައި އުމުރުން 70 އަހަރެވެ. ލޮލުގެ ފެނުން ގެއްލިފައިވަނީ ކެޓަރެކްޓްގެ ސަބަބުންނެވެ. މިއީ އަސްލު ވިޔަނުދެވޭނެ ކަމެކެވެ.

އަޅުގަނޑު ބަލާފައި ލަފާދިނީ ސާޖަރީ ހަދާށެވެ. ސާޖަރީ ކާމިޔާބުވެ ލޮލަށް ފެނުމުގެ ބާރު އަލުން ލިބުނެވެ. ރަނގަޅަށް މޫނު ނުފެނި 20 އަހަރު ފަހުން ފިރިމީހާ ފެނުމުން ބަޔާންކޮށް ނުދެވޭފަދަ ޝުއޫރުތަކެއް އޭނަގެ މޫނުމަތިން ފާޅުވިއެވެ. އަދި އަޅުގަނޑުގެ ގައިގައި ބައްދާލާ ޝުކުރު އަދާކުރިއެވެ. އެތަކެއް އަހަރުތަކެއް ފަހުން އާއިލާ ފެންނާތީ އެކަމުގެ އުފަލުންނެވެ.

މިކަލަހަ ކޭސްތަކުގެ ސަބަބުން އަޅުގަނޑަށްވެސް އުފާވެރިކަން އިހުސާސްކުރެވެއެވެ.

ޑރ. އައްޒާމް ފަކޯ ކެޓަރެކްޓް ސަރޖަރީއެއް ކުރައްވަނިކޮށް.

ރާއްޖެއަކީ ހޫނު ގައުމެކެވެ. އިރުގެ އަލިން މިއަންނަ ޔޫވީ ރޭސްގެ ސަބަބުން ލޮލަށް އެއްވެސް ގެއްލުމެއް ލިބޭތޯ؟

ރާއްޖެފަދަ މާހައުލެއްގައި ލޮލަށް އެންމެ ގިނައިން އަސަރުކުރަނީ ހިރަފުހާއި އިރުގެ އަލީގެ ސަބަބުންނެވެ. މިކަމުން މެދުވެރިވަނީ ލޮލުގެ އެތެރެ ހިކުމާއި، ޓެރީޖިއަމް (މަސް ރޯވުން) އަދި ކެޓަރެކްޓް އުފެދުމެވެ.

މިފަދަ ކަންކަމުން ސަލާމަތްވެވޭނީ އައި ޑްރޮޕްސް ނުވަތަ ލުބްރިކޭޓިންގް ޓިއަރސް އަދި ޔޫވީ އިން ސަލާމަތްކޮށްދޭ އަވި އައިނު ބޭނުންކުރުމުންނެވެ.

މީގެ އިތުރުން ބޭރަށް ނުކުމެ އުޅޭ އިރު، މިސާލަކަށް މަހަށް ގޮސް އުޅޭ އިރު، ސަލާމަތީ އައިނު އެޅުމަކީ މުހިއްމުކަމެކެވެ.

ރާއްޖެއިން ބޭރު ގައުމުތަކުގައި އާއްމުކޮށް ފެންނަ ލޮލުގެ ކެންސަރާއި ކާސިނޯމާ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެނެއެވެ. 

ލޮލުގެ ބަލިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި ފަރުވާ ނުދެވޭ އެއްވެސް ބައްޔެއް ވޭތޯ؟

ރާއްޖޭގައި ފަރުވާ ނުދެވޭ ވަރަށް ގިނަ ލޮލުގެ ބަލިތައް ހުރެއެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ރިފަރ ކުރަން ޖެހޭ ބަލިމީހުންގެ އަދަދުވެސް ވަރަށް ގިނައެވެ. 

ރާއްޖޭގައި މިފަރުވާތައް ދިނުމުގެ ގާބިލިއްޔަތުކަން އެބަ ހުއްޓެވެ. ބޭނުންވަނީ ރަނގަޅު ތަމްރީން ލިބިފައިތިބި މީހުންނާއި ފަރުވާއަށް ބޭނުންވާ މެޝިނަރީ އެވެ. މިކަންތައް ފުރިހަމަވެގެން ނޫނީ ގިނަ ފަރުވާތަކެއް ނުދެވޭނެއެވެ. މިކަމަށް ހަމައެކަނި ބޭނުންވަނީ ޑޮކްޓަރުންނެއް ނޫނެވެ. ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި ރަނގަޅު ރޭވުމެކެވެ.

މިސާލަކަށް ދަންނަވާނަމަ ރެޓިނާގެ ސާޖަރީ ތަކެވެ. އެއީ މިވަގުތު ރާއްޖޭގައި ނުހެދޭ ސާޖަރީ އެކެވެ. ރެޓިނާ ޑިޓޭޗް ވެފައި ނުވަތަ ނެއްޓިފައި ހުންނަ ބަލިމީހާއަށް ސާޖަރީ ވީހާވެސް އަވަހަކަށް ބޭނުންވެއެވެ. ނަމަވެސް ރާއްޖޭގައި ކުރެވެން ނެތުމުން އާސަންދައާއި އެހެނިހެން ކަންކަމާއި ހެދި ސާޖަރީ ނުހެދި ދުވަސްތަކެއް ލަސްވެއެވެ. އެހެން ކަމުން މިކަހަލަ އެމަޖެންސީ ސާޖަރީތައް ރާއްޖޭގައި ކުރެވޭނެ ގޮތް ހެދުން ވަރަށް މުހިއްމެވެ.

މިކަހަލަ ސާޖަރީ ކުރެވޭނެ، ގާބިލު ބޭފުޅުން ރާއްޖޭގައި އެބަ ތިއްބެވިއެވެ. ބޭނުންވަނީ އިތުރު ތަމްރީން އާއި މެޝިނަރީ އެވެ.

ޑރ. އައްޒާމް ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވޭނީ ކިހިނެއްތޯ؟

ލޮލުގެ ދާއިރާއިން ބަލާކަމުގައިވަނީނަމަ، ރާއްޖޭގެ ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުގައި ލޮލުގެ ބަލިތަކަށް ފަރުވާ ދެވޭނެ ވަސީލަތްތައް ގާއިމު ކުރަން ޖެހެއެވެ. ހާއްސަކޮށް އެމަޖެންސީއެއް ދިމާވާ ހާލަތުގައި މާލެއަށް ނައިސް އެރަށެއްގައި ހުރެގެން ފަރުވާ ދެވެން ވާނެއެވެ. މިކަމަށް ބޭނުންވާނީ ޑޮކްޓަރުގެ އިތުރުން ލޮލުގެ ސާޖަރީތަކަށް ތަމްރީން ދެވިފައިވާ ނަރުހުންނާއި އެހީތެރިން އަދި ފަރުވާ ދޭން ބޭނުންކުރާ މެޝިނަރީ އެވެ.

މީގެތެރޭގައި ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ މުޖުތަމައު ހޭލުންތެރި ކުރުވުމެވެ. އެގޮތުން އަޅުގަނޑުމެންވެސް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމެވެ. އޭގެ ތެރޭގައި ލޮލުގެބަލިތައް ސްކްރީންކުރާ ސެޝަންތައް ބާއްވައި މައުލޫމާތު ފޯރުކޮށްދެމެވެ. މިކަމަށް މުޖުތަމައުގެ ޒިންމާވެސް ވަރަށް ބޮޑެވެ. އަމިއްލައަށް އިސްނަގައިގެން ބަލިތަކާއި ދެވޭނެ ފަރުވާތަށް ދަސްކޮށް، މިކަހަލަ ސެޝަންތަކަށް އެއްބާރުލުންދިނުން މުހިއްމެވެ. 

ރާއްޖޭގައި ލޮލުގެ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ކުޑައެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ޖެހޭ ލޮލުގެ ބަލިތަކާއި ބެހޭގޮތުން އެއްވެސް ދިރާސާއެއް ހެދިފަކާއެއް ނެތެވެ. މިކަހަލަ ދިރާސާއެއް މުހިއްމެވެ. އޭރުން ރާއްޖޭގައި މިދާއިރާ ކުރިއެރުވުމަށްޓަކައި ކުރެވޭނީ ކޮންކަމެއްތޯ ޔަގީންކުރެވޭނެއެވެ.

ޑރ. އައްޒާމް ނޭޕާލްގައި ބޭއްވުނު ހިލޭ ލޮޮލުގެ ކޭމްޕެއްގައި. މިކޭމްޕުގައި ދެ ދުވަސް ތެރޭ 220 އޮޕަރޭޝަން ކުރެވުނު.

މުސްތަޤްބަލުގައި ލޮލުގެ ޚާއްސަ ޑޮކްޓަރަކަށް ވާން ބޭނުންވާ ދަރިވަރަކަށް ދެއްވާނެ ނަސޭހަތަކީ ކޮބައިތޯ؟

އަޅުގަނޑު ދެކޭގޮތުގައި މިދާއިރާއަކީ އެހެން ދާއިރާތަކާއި އަޅާބަލާއިރު ވަރަށް ހިތަށް އުފާވެރިކަމެއް ލިބޭ ދާއިރާއެކެވެ. ސާޖަރީއެއް ހެދުމަށްފަހު އޭގެ އަނެއް ދުވަހު ބަލިމީހާގެ ބެންޑޭޖު ނައްޓާލާ އޭނާއަށް ރަނގަޅަށް ފެންނަން ފެށުމުން އުފާވެރިކަން އިހުސާސް ކުރެވެއެވެ. އެވަގުތަކީ ވަރަށް ހިތް އަވަސްވާ ވަގުތެއްވެސް މެއެވެ.

ހަމަމިއާއެކު ރާއްޖޭގައި ޑޮކްޓަރެއްގެ ވަޒީފާ އަދާކުރުމަކީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. ނަމަވެސް މިދާއިރާއަށް ކެރިގެން ވަންނަ ދަރިވަރަކީ މިހުރިހާ ކަމަކާވެސް ކުރިމަތިލެވޭނެ ގާބިލިއްޔަތުކަން ހުރި ދަރިވަރަކަށް ވާނެކަން އަޅުގަނޑަށް ޔަގީނެވެ. 

އެމްބީބީއެސް ނިންމުމާއެކު އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި ރޮޓޭޝަންއެއް ހެދުމުން ނުވަތަ ސްޕެޝަލައިޒްވާން ބޭނުންވާ ދާއިރާއެއްގައި މަސައްކަތް ކުރުމުން ވަރަށް ފައިދާވާނެއެވެ. 

އަޅުގަނޑަށްވެސް އެމަޖެންސީ ޑިޕާޓްމެންޓުގައި މަސައްކަތް ކުރާނެ ފުރުސަތު ލިބުމުން ވަރަށް ގިނަ ތަޖުރިބާއާއި ތަމްރީން ލިބުނެވެ. ސާޖަރީއަށް ބޭނުންވާ ތަމްރީންތައްވެސް ލިބުނެވެ. މިކަންކަމުން ސްޕެޝަލައިޒްވާން ދިއުމުން ވަރަށް ގިނަ ފައިދާތަކެއް ކުރިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ