އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 02/06/2020

ގެއިން ބޭރަށް ދުވަން ދިޔުން. މިދުވަސްވަރު ނުރައްކާ ބޮޑުތަ؟

ލޮކްޑައުން ލުއިކުރަން ފަށާފައިވާއިރު ކަސްރަތު ކުރުމަށް ގެއިން ބޭރަށް ނުކުންނަން ހުއްދަ ދިނުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. (ފޮޓޯ: ރަން މޯލްޑިވްސް)
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 02/06/2020

Exercise Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާނު ކުރިތާ ދޮޅު މަސް ވެފައިވާއިރު ގިނަ ބަޔަކަށް ވަނީ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެ، ހިތްހަމަޖައްސާލުމަށް ގެއިން ބޭރަށް ނުކުތުންވެސް މިވަނީ ދަތި ކަމަކަށް ވެފައެވެ.

ނަމަވެސް މަދުން ނޫނީ ނުދެކެވޭ އެއް ވާހަކައަކީ ގޭތެރޭ ތިބެގެން ކަސްރަތު ކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި އޭގެ ސަބަބުން މީހުންގެ ސިއްހަތަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރެވެ. 

ލޮކްޑައުންއާ ގުޅިގެން ޖިމްތައް ހުޅުވުމާއި ކަސްރަތު ކްލާސްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. ޕާކްތަކާއި މޫދަށް އެރޭ ސަރަހައްދުތައް ވަނީ ބަންދުކޮށްފައެވެ. އަދި މަގުމައްޗަށް ދުވެލަން ނުވަތަ ހިނގާލަން ނުކުތުމަށްވެސް ހުއްދައެއް ނުލިބެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރުން އެންމެ މުހިންމު އެއްކަމަކީ ކަސްރަތު ކުރުމެވެ. ޑޮކްޓަރުން ލަފާދެނީ ހަފްތާއަކު މަދުވެގެން 150 މިނަޓު ކަސްރަތު ކުރުމަށެވެ.

މިފަދަ ފައިދާ ހުރިކަމަކަށް ކަމާބެހޭ ފަރާތްތަކުން ސަމާލުކަން ނުދިނުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. ހާއްސަކޮށް ލޮކްޑައުން ލުއިކުރަން ފަށާފައިވާއިރު ކަސްރަތު ކުރުމަށް ގެއިން ބޭރަށް ނުކުންނަން ހުއްދަ ދިނުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

މާލެ ސަރަހައްދުގައި ލޮކްޑައުން ފުރަތަމަ އިއުލާނުކޮށްފައިވަނީ އޭޕްރިލް 15 ގައެވެ.

ސުވާލަކީ މިދުވަސްވަރު ކަސްރަތެއްގެ ގޮތުގައި މަގުމަތީ ހިނގުން ނުވަތަ ދުވުމަކީ ނުރައްކާތެރި ކަމެއްތޯ އެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައު ތެރޭ ބަލި އިތުރަށް ފެތުރުން އެކަށީގެންވޭ ތޯއެވެ.

ބަލި ޖެހުމުގެ ފުރުސަތު ކުޑަ

ސިއްހީ މާހިރުން ބުނާ ގޮތުގައި ގެއިން ބޭރަށް ދުވަން ނުކުތުމުން ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ކުޑައެވެ. މީގެ ގިނަ ސަބަބުތަކެއްވެސް ވެއެވެ.

މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މިވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެނީ ބަންދުކޮށްފައި ހުންނަ ތަންތަނުގައެވެ. މިފަދަ ތަންތަނުގައި ވައި ދައުރު ނުކުރުމުގެ ސަބަބުން އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.

މިމައުލޫމާތުގެ އަލީގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލީގެ އަލާމާތެއް ފެނި ގޭގައި އެކަހެރިވެ ކަރަންޓީން ވާނަމަ "ވެންޓިލޭޝަން" ރަނގަޅު ތަނެއްގައި މަޑު ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި މާސްކް އެޅުމަށް އެންމެ ބޮޑަށް ސަމާލުވާން ޖެހޭނީ ފިހާރަތައް ފަދަ ތަންތަނަށް ވަންނަ އިރުކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭރުތެރޭގައި ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަވާ އަނެއް ސަބަބަކީ، ދެމީހެއް ބައްދަލުވާ ވަގުތު ކޮޅަކީ މާގިނައިރުތަކަކަށް ނުވާތީވެއެވެ. އަދި ހާއްސަކޮށް ވައި ޖެހޭނަމަ ކައިރީގައި ހުރި މީހެއްގެ ފަރާތުންވެސް ވައިރަސް ފެތުރުމަކީ ނާދިރުކަމެއް ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

އޭގެ ބަދަލުގައި ބޭރު ތެރޭގައި ވައިރަސް ފެތުރޭ މައިގަނޑު ގޮތަކީ ވައިރަސް ހުރި ތަނެއްގައި އަތް ލުމަށްފަހު، އަތް ނުދޮވެ ލޯ، ނޭފަތް ނުވަތަ އަނގައިގައި އަތް ލެވިގެންނެވެ.

ބޭރަށް ދުވަން ދާނަމަ

ލޮކްޑައުން ލުއިކުރަން ފަށާފައިވާއިރު، މުސްތަޤްބަލުގައި ބޭރުތެރޭގައި ކަސްރަތު ކުރުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން ދިނުން އެކަށީގެންވެއެވެ. ނަމަވެސް މިގޮތަށް ނުކުންނަ އިރު ވިސްނަން ޖެހޭ ބައެއް ކަންތައްތަކެއް ވެއެވެ.

ވެކްސިނެއް ލިބެންދެން ބައްޔާއި އެކު ދިރިއުޅެން ޖެހޭނެކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާދެނީ، ބޭރަށް ދުވަން ދާނަމަ ގައިދުރުކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށެވެ. އެގޮތުން މަދުވެގެން 6 ފޫޓު ދުރުގައި ތިބެން ވާނެކަމަށް ބުނެފައިވެއެވެ.

މިއާއެކު ބައްޔަކާއި މެދު މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ދުވަސްވަރެއްގައި، މަގުމަތީގައި ހިގާބިގާވެ އުޅޭ މީހުންނަށް އިހްތިރާމު ކުރުމުގެ ގޮތުން ވީހާވެސް ދުރުގައި ހުރުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން ބޭރަށް ދުވަން ދާނަމަ މީހުން މަގުމަތީގައި ވީހާވެސް މަދުވާނެ ވަގުތެއް ބަލާ، އެގަޑީގައި ގެއިން ނުކުތުމަކީ ބުއްދިރިކަމެކެވެ. އަދި މީހުން ގިނަ ނަމަ މާސްކް އެޅިދާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ގެއިން ބޭރަށް ނުކުމެގެން ނުވާނެއެވެ. މިބަލީގެ އެންމެ އާންމު އަލާމާތްތަކަކީ ގަދައަށް ހުން އައުން، ކެއްސުން އަދި އަވަސް އަވަހަށް ވަރުބަލިވުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ