އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/03/2020

ސްކޫލްތައް ބަންދުކުރީ ވައިރަހުން ރައްކާތެރިވާން، ޗުއްޓީއަށް ތަންތަނަށް ފުރައިގެންދާކަށް ނޫން

އިތުރު އެއް ހަފްތާއަށް ސްކޫލްތައް ބަންދުކުރުމަށް ނިންމުމުން، މިހާ ހިސާބުން މިނިސްޓްރީއަށް ޝުކުރު އަދާކުރުމަށްފަހު ވާހަކަ ނިންމާލެވޭކަށް ނެތެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގެ ވޫހާން ސިޓީއިން އުފެދުނު ކޮރޯނާވައިރަސް މިވަނީ ރާއްޖެއިންވެސް ފެނިފައެވެ. ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވުމައެކު މިފަދަ ވައިރަހެއް ފަސޭހައިން ރާއްޖޭގައި ފެތުރުމުގެ ފުރުސަތުވެސް ބޮޑުވާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ހާއްސަކޮށް ނޭވާލާނިޒާމަށްޖެހޭ މިފަދަ ބަލިތައް އެންމެ ފަސޭހައިން އަރާ އެއްބަޔަކީ ކުޑަކުދިންނަށް ވުމުން މިކަމާއި މެދު އެންމެ ބޮޑަށް ކަންބޮޑުވި ބަޔަކީވެސް ބެލެނިވެރިންނެވެ. ދުނިޔޭގެ ނިސްބަތުން ކޮވިޑް-19 ޖެހުނު ކުޑަކުދިންގެ އިންސައްތަ މަދުނަމަވެސް މިއީ ކޮވިޑް-19 އަށް ކުޑަކުދިން އިމިއުންވުމެއް ނޫނެވެ. 

ކުޑަކުދިންގެ ގައިން ކޮވިޑް-19ގެ ފެންނަ އަލާމަތްތައް މަދުވުމުން މި އިންސައްތަ މަދުކަމަށް ދެއްކުމަކީވެސް ވެދާނެކަމެކެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ބެލެނިވެރިން ކަންބޮޑުވުމަކީވެސް ޖާއިޒުކަމެކެވެ.

ކޮންމެއަކަސް ބެލެނިވެރިންނާއި ސިއްހީ އެހީތެރިންނާއި އަދި ޓީޗަރުންގެ އެދުންތަކަށް އިޖާބަދީ ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއިން މިވަނީ އިތުރު އެއް ހަފްތާއަށް ސްކޫލްތައް ބަންދުކުރުމަށް ނިންމާފައެވެ. މިހާ ހިސާބުން މިނިސްޓްރީއަށް ޝުކުރު އަދާކުރުމަށްފަހު ވާހަކަ ނިންމާލެވޭކަށް ނެތެވެ.

މިދުވަސްވަރު ގިނަގިނައިން ސާފުތާހިރުވުމުގެ މުހިންމުކަން ކުދިންނަށް ބުނެދިނުން މުހިއްމު

އެޑިއުކޭޝަނުން ސްކޫލްތައް ބަންދު އިތުރުކުރުމުން ދެން އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. އެއީ ވައިރަހުން ރައްކާތެރިވުމަށްޓަކައި ސިއްހީ މާހިރުންދޭ ލަފާތަކާއި އިރުޝާދުތައް އަޑުއަހައި އެގޮތަށް އަމަލުކުރުމެވެ. 

އެގޮތުން އެންމެ ފުރަތަމަ ކަމަކީ މުހިންމު ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެއްތަނުން އަނެއްތަނަށް މި ދުވަސްވަރު ދަތުރު ނުކުރުމެވެ. ސަބަބަކީ މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި ގިނައިން ދަތުރުފަތުރު ކުރާނަމަ އެއްތަނުން އަނެއްތަނަށް ބަލިފެތުރުމުގެ ފުރުސަތު އޮތުމެވެ. 

އަދި ކޮވިޑް-19އަކީ ކެއްސާ ކިބިހިއަޅާއިރު ބޭރުވާ ޖަރާސީމެއްގެ ސަބަބުން ފެތުރޭ ބައްޔެއް ކަމުން އެއާޕޯޓުފަދަ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުން މިފަދަ ވައިރަސްތައް ފެތުރުމުގެ ފުރުސަތު ބޮޑުވުމެވެ. ހާއްސަކޮށް ކުޑަކުދިންނަކީ ތަންތަނުގައި އަތްލުމުގެ އިތުރުން ގިނައިން އަނގަޔަށް އަތްލުމާއި މޫނުގައި އަތްލާނޭ ބައެއްކަން އަބަދުވެސް ހަނދާންކުރަންވާނެ އެވެ.

ދެ ހަފްތާގެ ދިގު ޗުއްޓީއެއް ނިމެންދެން ކުދިން ގޭތެރޭގައި ބޭތިއްބުމަކީ އުނދަގޫކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ކުދިންނަށް ވިސްނައިދީ ގޭތެރޭގައި އެކުދިން ފޫހިފިލާނެގޮތްތަކެއް ރޭވިދާނެއެވެ. އެގޮތުން ތަފާތު ފޮތްތައް ގެނެސްދިނުމަކީ ކުދިން ފޫހިފިލާނޭކަމެކެވެ. ހަމައެހެންމެ މިދުވަސްވަރު ގިނަގިނައިން ސާފުތާހިރުވުމުގެ މުހިންމުކަން ކުދިންނަށް ބުނެދިނުމަކީ މި ރަނގަޅު ސިފަ ކުދިންގެ ގައިގަ ގިނަދުވަހަށް ހަރުލެއްވިދާނޭ ކަމެކެވެ.

މިދުވަސްވަރު ސިއްހީ މާހިރުން އިރުޝާދުދެނީ ހަމައެކަނި ރަށުން ބޭރަށް ނުދިއުމަށް އެކަންޏެއްވެސް ނޫނެވެ. ގިނަމީހުން އެއްވެއުޅޭ ތަންތަނަށް ކުޑަކުދިންގެ އިތުރުން ބޮޑެތިމީހުންވެސް މިދުވަސްވަރު ދިއުމަކީ އެހާ ބުއްދިވެރިކަމެއް ނޫނެވެ. ހާއްސަކޮށް ޕާކް ރެސްޓޯރަންޓް އަދި ފިހާރަތައް ފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނު ނަމަވެސް މިހާތަނަށް އެއްވެސް ކުޑަކުއްޖެއް މިވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައެއް ނުވެއެވެ. އެހެންކަމުން އާއިލާތަކާއި އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް ކަމާބެހޭ ފަރާތްތަކުންދޭ މިފަދަ އިރުޝާދުތައް ސީރިއަސްކޮށް ނެގުމަކީ މުހިންމުކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ